އުރީދޫގެ އާ އޮފީސް އަންނަ އަހަރު ޖޫން އަށް ނިމޭނެ

ހުޅުމާލޭގައި އަޅާ އުރީދޫ ޓަވަރުގެ ޑިޒަޒައިން -- ފޮޓޯ: ޓެން އާކިޓެކްސްޓްސް

ހުޅުމާލޭގައި އަޅާ އުރީދޫ މޯލްޑިވްސްގެ އާ ހެޑް އޮފީސް (އުރީދޫ ޓަވަރު) ގެ މަސައްކަތް އަންނަ އަހަރުގެ ޖޫން އަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފަހި ވޯޓު މެދުވެރިކޮށް މިރޭ ކުރިއަށްދިޔަ އުރީދޫގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނަޖީބު ހާން ވިދާޅުވީ އާ ހެޑްއޮފީހުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށާއި އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ފައުންޑޭޝަން މަސައްކަތް ކަމަށެވެ.

އުރީދޫ އާ ހެޑްއޮފީހުގެ މަސައްކަތް ކުރަނީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

"އުއްމީދަކީ އަންނަ އަހަރުގެ ޖޫން އަށް މަސައްކަތް ނިންމާ އަހަރު ނިމެންވާއިރަށް އުރީދޫ ޓަވަރުގައި އުރީދޫގެ އޮފީސް ގާއިމްކުރެވި މަސައްކަތް ފެށުން،" ނަޖީބް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް އެޅުމަށް ހުޅުމާލޭ ފިޔަވަހި އެކަކުން ބިން ދިނީ 2017 ވަނަ އަހަރުގެ މާޗު މަހުއެވެ. އިމާރާތުގެ ޑިޒައިން ދައްކާލައި ބިންގާ އަޅާފައިވަނީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ އަޅާ އެ އިމާރާތް އަޅަނީ ބޭސްމެންޓާއެކު 11 ފްލޯއަށެވެ.

comment ކޮމެންޓް