ދަރިވަރަކަށް މީހަކު މެރުމުގެ ތުހުމަތު އެޅުވުމުން ފްލައިން ސްކޫލަށް ފިޔަވަޅު އަޅަން ގޮވާލައިފި

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރާ ބޯޓުތަކެއް--ފޮޓޯ: އައްޑޫ ލައިވް

އައްޑޫގައި ހިންގާ ފްލައިން ސްކޫލު، އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ)ގައި ކިޔަވާ ދަރިވަރަކަށް، އެ ސްކޫލުން މީހަކު މެރުމުގެ ތުހުމަތު އެޅުވި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ދަރިވަރުންގެ ޔޫނިއަންއިން ގޮވާލައިފި އެވެ.

ފްލައިން ސްކޫލުގެ ދަރިވަރަކަށް އެ ސްކޫލުން މިދިޔަ ހޮނިހިރު ދުވަހު ފޮނުވި އީމެއިލްއެއްގައި ވަނީ އެއީ ގަސްތުގައި މީހަކު މަރާލާފައިވާ ދަރިވަރެއް ކަމަށް ބުނެފަ އެވެ. އެ އީމެއިލްގެ ކޮޕީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށްވެސް އެ ސްކޫލުން ފޮނުވާފައިވެ އެވެ.

އެކަމާ ގުޅިގެން އެ ސްކޫލުގެ ދަރިވަރުންގެ ޔުނިއަންއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ތުހުމަތަކީ އެއްވެސް އަސާސެއް އަދި ހަގީގަތެއް ނެތް ތުހުމަތެއް ކަމަށެވެ. އެއީ ދަރިވަރުންގެ ޔޫނިއަންގައި ބައިވެރިވެ، ދަރިވަރުންގެ ހައްގުގައި މަސައްކަތް ކުރަމުންދާތީ ސަރުކާރުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ ކުރިމަތީ އޭނާގެ ނަން ކިލަނބުކޮށް، ކެރިއަރަށް ގެއްލުންދިނުމަށް ދިން ޒާތީ ހަމަލާއެއް ކަމަށެވެ.

އެ އަމަލީ އެ ޔުނިއަންގެ ހުރިހާ ދަރިވަރުންނަށް ދިން ހަމަލާއެއް ކަމަށް ބުނެ، އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފައިވެ އެވެ.

އެ ޔުނިއަންއިން ބުނީ، އެ އަމަލަކީ ފްލައިން ސްކޫލުން ދަރިންވަރުންނަށް ކުރަމުންދާ ދުއްތުރާތަކާއި ގޯނާއަށް އިތުރުވެގެންދިޔަ ބޮޅެއް ކަމަށެވެ. މީގެ ކުރިންވެސް ސްކޫލުގެ ފަރާތުން ދަރިވަރުންނަށް ލިބިފައިވާ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކުގެ ޝަކުވާ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

"އެ ފަރާތުގެ މި އަމަލަކީ، ދަރިވަރުން އެ ދަރިވަރުންގެ ހައްގު ހޯދަން ވަކާލާތު ކުރަމުން އަންނަ އައުމަށް ހުރަސް އަޅައި އެ ދަރިވަރުން ނަފްސާނީގޮތުން ބަލިކަށި ކުރުމަށް ގަސްތުގައި ކޮށްފައިވާ އަމަލެއް ކަމުގައި މި ޔޫނިއަންއިން ދެކެމެވެ،"

ދަރިވަރުންނަށް އެފަދަ ގޯނާ ތަކުރާރުކޮށް ކުރަމުން އަންނާތީ ކަންބޮޑުވާ ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް، އެ ޔޫނިއަން އިން ދަރިވަރުންގެ ހައްގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް އެކަމުގެ ސަބަބުން މަޑުޖެހިގެން ނުދާނެ ކަމަށްވެސް ބުނެފައިވެ އެވެެ.

"މިކަމާ ގުޅިގެން މި ޔޫނިއަން އިން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކޮށް ދަރިވަރުންގެ ހައްގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ދެމި ތިބޭނަމެވެ. އޭއޭއޭގެ މި ގޯނާގެ އަމަލު ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސަރުކާރުގެެ ކަމާ ގުޅުންހުރި އިދާރާތަކަށް މި ޔޫނިއަން އިން ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.

ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ދިގުލައިގެންގޮސް ކޯސް ނުނިމުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެގޮތުން 12-18 މަސް ދުވަހުން ނިމޭ ކޯހެއް، ތިން ހަތަރު އަހަރުވާއިރު ވެސް ނުނިމޭތީ ކުދިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ސްކޫލުގެ ދަރިވަރުން ވަނީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެ މައްސަލަ މަޖިލީހުންވެސް ވަނީ ބަލައިފަ އެވެ.

ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމުގައި ހުރި ގޮންޖެހުންތަކަށް ފުރިހަމަ ހައްލެއް ލިބިފައިނުވާތީ، މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން އޭއޭއޭގަިއ މިހާރު ކިޔަވާ 96 ދަރިވަރުންގެ ވެސް ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީހަކުން ފެށިގެން 6 މަސްދުވަހަށް ވަނީ އިތުރުކޮށްދީފަ އެވެ.

އަދި އެ ސްކޫލަށް އިތުރު ދަރިވަރުން އެންރޯލްކުރުންވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖެއިން ބޭރުން އެ ސްކޫލުގައި ކިޔަވަން އަންނަ ދަރިވަރުންނަށް ސްޓޫޑެންޓް ވިސާ ދޫކުރުން ވެސް ހުއްޓާލަން އިމިގްރޭޝަނަށްވެސް ވަނީ އަންގައިފަ އެވެ.

އެ ސްކޫލުގައި ކިޔެވުމަށް ހުރަސްއެޅިފައިވާ ކުދިންނަށް ބޭރުގެ ސްކޫލަކުން ކޯސް ފުރިހަމަ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހަސަން އިބްރާހިމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް