އުރީދޫގެ ހިއްސާއަކަށް 2.34 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫ އިން މިރޭ ވާޗުއަލްކޮށް ބޭއްވި އެޖީއެމްގެ ތެރެއިން ---

ޓެލެކޮމް ކުންފުނި، އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 2.34 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

މިގޮތަށް ފާސްކޮށްފައިވަނީ އެ ކުންފުނިން މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގަ އެވެ. އުރީދޫގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ވަހިވޯޓު މެދުވެރިކޮށް ވާޗުއަލްކޮށެވެ.

ހުސްވި 2020 ވަނަ އަހަރު އުރީދޫ އަށް 407 މިލިއަން ރުފިޔާގެ ފައިދާ ލިބިފައި ވެއެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15 ޕަސެންޓް ދަށަށް ގޮސްފައެވެ.

ހިއްސާގެ ފައިދާ ފާސްކުރުމުގެ އިތުރުން މިރޭ ވަނީ 2020 ވަނަ އަހަރުގެ މާލީ ރިޕޯޓް ތަކާއި އޮޑިޓް ރިޕޯޓު ވެސް ފާސްކޮށްފަ އެވެ.

އުރީދޫ އިން މިރޭ ވާޗުއަލްކޮށް ބޭއްވި އެޖީއެމްގެ ތެރެއިން ---

އުރީދޫގެ ހިއްސާގެ ތެރެއިން 90 ޕަސެންޓް ހިއްސާ އަކީ ވަތަނިޔާ އިންޓަނޭޝަނަލްގެ ހިއްސާ އެވެ. 5.64 ޕަސެންޓް ހިއްސާ އަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ހިއްސާ އެވެ. 3.86 ޕަސެންޓް ހިއްސާ އަކީ އާންމުންގެ ހިއްސާ އެވެ.

މިރޭގެ ޖަލްސާގައި އުރީދޫ އޮޑިޓް ކުރާނެ ފާމެއްގެ ގޮތުގައި ޖަލްސާގެ ހިއްސާދާރުންގެ ތާއީދާ އެކު ހަމަޖައްސާފައި ވަނީ ޕްރައިސްވޯޓާ ހައުސް ކޫޕާސް (ޕީޑަބްލިއުސީ) އެވެ. ޕީޑަބްލިއުސީ އޮޑިޓް ފާމެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 59,610 ޑޮލަރަށެވެ. އެއީ އައުޓް އޮފް ޕޮކެޓް ހަރަދުތައް ނުހިމަނައި، އަދި އެކްޗުއަލް ބޭސިސްގައި ޖުމްލަ ފީގެ ފަސް ޕަސެންޓަށް ވުރެ ބޮޑު ނުވާނެހެން އެކްޗުއަލް ބޭސިސްގައި ޗާޖު ކުރާގޮތަށެވެ.

އުރީދޫ އިން ރާއްޖޭގައި ޓެލެކޮމްގެ ހިދުމަތްދޭތާ 15 އަހަރު ފުރުނީ މިދިޔަ އަހަރުއެވެ.

އުރީދޫގެ ޗެއާމަން އެންޑްރޫ ތޫ އޮޑްވާ ވިދާޅުވީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ކުންފުނިން ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވުނު ކަމަށެވެ. އެގޮތުން އުރީދޫ އިން މިދިޔަ އަހަރު ރާއްޖެއަށް 5ޖީ ހިދުމަތް ތައާރަފު ކުރި ކަމަށާއި ޕެންޑެމިކް ތެރޭ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

ކުންފުނީގެ ނެޓްވޯކު އިތުރަށް ހަރުދަނާ ކުރުމަށް އާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލްއެއް ގާއިމް ކުރެވުނު ކަމަށާއި މި ކޭބަލާއެކު ހިދުމަތް އިތުރަށް ފުރިހަމަވެ، އާ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް ޗެއާމަން އޮޑްވާ ވިދާޅުވިއެވެ.

comment ކޮމެންޓް