މެޖިސްޓްރޭޓުންނަށް ފޯން އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ދޭން ފާސްކޮށްފި

މަޖިލިސް ޖަލްސާއެެއްގެ ތެރެއިން: މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުމަށް ވަނީ ފާސްކޮށްފައި --- ފައިލް ފޮޓޯ/ މަޖިލިސް

ރަށްރަށުގެ ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ފޯނު އެލަވްންސްގެ ގޮތުގައި 500 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވީ ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެެސްސީ) ފަރާތުންނެވެ.

އެ މައްސަލަ ދިރާސާ ކުރެއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ، މެޖިސްޓްރޭޓުންނަށް އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ދިނުމަށެވެ.

މާލިއްޔަތު ކޮމިޓީގެ އެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން، 57 މެމްބަރުން އެގޮތަށް ފާސްކުރުމަށް ވޯޓުދެއްވި އެވެ.

ޖޭއެސްސީން ރަށްރަށުގެ މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސެއް ދިނުމަށް އެދިވަޑައިގެންވީ، މަތީ ކޯޓުގެ ފަނޑިޔާރުންނަށް 1،000 ރުފިޔާ ދިނުމަށް މީގެ ކުރިން މާލިއްޔަތު ކޮމިޓީން ނިންމާފައިވާއިރު، ދަށު ކޯޓުތަކަށް އެކަންކޮށްފައި ނުވާތީ އެވެ.

މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މިއަހަރުގެ ބަޖެޓްގައި ވެސް އޮތީ ހިމަނާފައެވެ. އެހެން ނަމަވެސް އެކަން ތަންފީޒު ނުވެ އޮތީ، ކޮމިޓީން އެކަމުގައި ގޮތެއް ނުނިމެ އޮތުމުންނެވެ.

މަޖިލީހުގެ މިއަދުގެ ނިންމުމަށް އަމަލު ކުރަން ފާށާނީ އަންނަ އެޕްރީލް މަހު އެއްވަނަ ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް