ފެނަކަ އިން މެކޭނިކަލް މަސައްކަތްކުރާނެ މީހުން ތަމްރީނު ކުރަނީ

ފެނަކަ ކުންފުނީގެ މުވައްޒަފުން މަސައްކަތުގައި --- ފޮޓޯ: ފެނަކަ

ފެނަކަ އިން މެކޭނިކަލް މަސައްކަތްކުރާނެ މީހުން ތަމްރީނު ކުރުމަށް ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗް ގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ "ފުނަރު ޕްރޮގުރާމް" އާ ގުޅޭ ގޮތުން ފެނަކަ އިން ބުނީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތް 153 ރަށަކަށް ފޯރުކޮށްދޭއިރު، ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މެކޭނިކަލް މަސައްކަތްކުރާ ފަންނީ ގާބިލު މަސައްކަތްތެރިން ހޯދުމަކީ ދަތި ކަމެއް ކަމަށެވެ.

ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ކޮންމެހެން ކުރަން ޖެހޭ މެކޭނިކަލް މަސައްކަތްތައް ކުރަނީ އެކަމުގެ ފަންނީ އިލްމާއި ހުނަރު ހުރި މުވައްޒަފުންގެ މަސައްކަތު ތާވަލަށް ބިނާކޮށް ކަމަށާއި އެކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ލަސްތަކާ ކުރިމަތިވެ، ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ އަސާސީ ހިދުމަތްތައް ހަލުވިކަމާއިއެކު ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

އެކަމަށް ހައްލެއް ހޯދުމަށް ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗް ގެ ފަރާތުން "ފުނަރު ޕްރޮގުރާމް އިން، އިންޖީން ރިޕެއަ އެންޑް މެއިންޓެނަންސް" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގުރާމުން، އެ ދާއިރާއިން މީހުން ބިނާކުރެވި، ފަންނީ މީހުން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަަށް ފެނަކަ އިން ބުންޏެވެ.

ފެނަކަ ކުންފުނީގެ މުވައްޒަފުން މަސައްކަތުގައި --- ފޮޓޯ: ފެނަކަ

ފުނަރު ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަރަންޓު ހިދުމަތް ދިނުމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް އެ ދާއިރާގައި ގާބިލު، މަސައްކަތަށް ކަމޭހިތާ މީހުން ބިނާކުރުން ކަމަށްވެސް ފެނަކަ އިން ބުންޏެވެ.

އެގޮތުން، މެކޭނިކަލް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދެ ޖިންސުގެ ޒުވާނުންނަށް ފުރުސަތު ހުޅުވާލުމާއި، މެކޭނިކަލް ދާއިރާއިން ޤާބިލުކަންހުރި މީހުންގެ އަދަދު އިތުރުކުރުމާއި،ޒުވާނުންނަށް މިދާއިރާގެ ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިލުމަށް މަގުފަހިކޮށްދިނުމާއި، ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް މަސައްކަތްކުރުމާއި، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ މުއައްސަސާތަކަށް ދިމާވާ މެކޭނިކަލް މައްސަލަތައް އިތުބާރާއި ޔަގީންކަމާއިއެކު ހައްލުކުރުމަށް އެހީތެރިވެދިނުމަކީ މި ޕްރޮގްރާމުގެ މަގުސަދު ކަމަށް ފެނަކަ އިން ބުންޏެވެ.

ފުނަރު ޕްރޮގުރާމުގެ ސަބަބުންއެ ދާއިރާއިން ކުރިއަށް ދިޔުމަށް ހިތްވަރު ލިބި، މެކޭނިކަލް ދާއިރާއިން ޓެކްނީޝަނުން އުފެދި، ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ވެގެންދާނެ ކަމަށްވެސް ފެނަކަ އިން ބުންޏެވެ.

"ފުނަރު ޕްރޮގުރާމް އިން އިންޖީން ރިޕެއާ އެންޑް މެއިންޓެނަންސް" ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމާފައިވަނީ ތިއަރެޓިކަލް ބަޔާއި ޕްރެކްޓިކަލް ބައި ހިމެނިގެން ތިން މަސް ދުވަހުގެ ނިޔަލަށެވެ.

އެ ކޯސް ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ހިންގުމަށް ނިންމާފައިވާއިރު 16 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް މި ޕްރޮގްރާމަށް ކުރިމަތިލެވޭނެކަމަށް ފެނަކަ އިން ބުންޏެވެ. އޭގައި އަންހެން ފިރިހެން ތަފާތު ކުރުމެއް ނެތް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް