އެމްއެމްސީއާ ބްރޯޑްކޮމް އެއްކޮށްލުން ލަސްވާތީ، ޝަފީގުގެ ކަންބޮޑުވުން

ވެލިދޫ ދާއިރާ މެމްބަރު ޝަފީގު -- ފޮޓޯ/ މަޖިލިސް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮލުން ލަސްވާތީ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ހުސްވެފައިވާ ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަން ކުރުމަށް ފޮނުވި ނަންތައް ދިރާސާކޮށް، މިނިވަން މުއައްސާތަކުގެ ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަަމުން ޝަފީގު ވިދާޅުވީ، ދެ މުއައްސަސާ އެއްކޮލުމުގެ މަސައްކަތް ފެށިތާ މިހާރު އެއް އަހަރުވެގެން ގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް އެކަން ނުކުރެވި ލަސްވާތީ، އެކަމުގެ ނުރުހުން އޭނާ ފާޅު ކުރެއްވި އެވެ.

"ބްރޯޑްކާސްޓިން ކޮމިޝަނަށް އަނެއްކާވެސް މެމްބަރަކު ނެގިގެންދާއިރު، މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް. ހާއްސަކޮށް ކޮމިޓީގެ ގިނަ މެމްބަރުންގެ ކަންބޮޑުވުމެއް،" މިނިވަން މުއައްސަސާ ކޮމިޓީގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ޝަފީގު ވިދާޅުވި އެވެ.

މީޑިއާ ރެގިއުލޭޓުކުރާ ދެ މުއައްސަސާ އެއްކޮށްލުމާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެކުލަވާލި ސަބް ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ޝަފީގު ވިދާޅުވީ، އެ ސަބް ކޮމިޓީގެ މަސައްކަތްތައް ނިންމައި، ނޫސްވެރިންނާއި އިދާރާތަކުން އެކަމުގައި ފާހަގަކުރާ ކަންކަން ބަންޑާރަ ނައިބު އޮފީހަށްވެސް ހުށަހެޅި ކަމަށެވެ.

އެ ދެ މުއައްސަސާ އެއްކޮލުމުގެ ބިލު މަޖިލީހުގެ މިދިޔަ ދައުރުގައި ހުށަހަޅާނެ ބިލުތަކުގެ ތެރޭގައި ބަންޑާރަނައިބު އޮފީހުން ހިމެނި އެވެ. އޭގެ އިތުރުން މި ހިނގާ މަޖިލީހުގެ ދައުރަށްވެސް ހުށަހަޅާ ބިލުތަކުގެ ތެރޭގައި އެ ބިލު ހިމެނެ އެވެ.

"އެހެން ނަމަވެސް އެ ދައުރު ނިމިގެން ދިޔައީ އެ ބިލެއް ނުލިބޭ، އަނެއް ދައުރު ފެށިގެން މިދަނީ،" ޝަފީގު ވިދާޅުވި އެވެ.

ކުރިން ނޫސްވެރިކަން ކުރެއްވި ޝަފީގު ވިދާޅުވީ، އޭނާގެ އުންމީދަކީ ވީހާވެސް އަވަހަކަށް އެ ބިލު މަޖިލީހަށް ލިބިގެން ލިބުން ކަމަށެވެ. އަދި އެކަމުގައި މަޖިލީހުގެ ރަނގަޅު ބަހުސްތަކެއް ކުރެވި، އެންމެ ރަނގަޅަށް ފާސްވެގެންދާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ.

ސަރުކާރުން ފޮނުވަން ޖެހޭ ބިލުތައް މަޖިލީހަށް ނުފޮނުވާތީ، މަޖިލީހުގެ މަސައްކަތްތައް މަދުކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން މަޖިލިސް ރައީސްވެސް މިއަދު ފާޅުކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ ކޮންމެ ދައުރެއް ފަށާއިރު އެ ދައުރަކަށް ސަރުކާރުން ފޮނުވާނެ ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ލިބޭ ކަމަށެވެ. އަދި މި ދައުރުގައި ވެސް ލިސްޓު ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ލިސްޓާ ގުޅޭ ބިލެއް އަދި ލިބިފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ދެ މުއައްސަސާ އެއްކޮލުމަށް ނިންމައި، މިނިވަން މުއައްސާތަކުގެ ކޮމިޓީން މަސައްކަތް ނިންމީ 2019 ވަނަ އަހަރު ފަހުކޮޅު އެވެ.

https://sun.mv/126134

މިހާރު އޮތް ދެ މުއައްސަސާގެ ތެރެއިން ބްރޯޑްކާސްޓިންގް ކޮމިޝަނު އެކުލެވެނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން އައްޔަނުކުރާ ހަތް މެމްބަރުންގެ މައްޗަށެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވެނީ މީޑިއާގެ ތެރެއިން އިންތިހާބުކުރާ އަށް މީހުންނާއި އާންމުންގެ ތެރެއިން ހޮވާ ހަތް މީހުންގެ މައްޗަށް އެކުލެވޭ، 15 މެމްބަރުންގެ މައްޗަށެވެ.

comment ކޮމެންޓް