ކޮވިޑަށް ކުރި ހޭދަ ތިން ބިލިއަން ހުރަސްކޮށްފި

މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާއި ގުޅިގެން ދައުލަތުން ކުރި ހޭދަ ތިން ބިލިއަން ރުފިޔާ ހުރަސްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ 25 ގެ ނިޔަލަށް ކޮވިޑާ ގުޅުންހުރި ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އިގްތިސޯދީ ކަންކަމަށް އެ މުއްދަތާއި ކަމަށް 1.54 ބިލިއަން ވަނީ ހޭދަކޮށްފައެވެ.

ހަފްތާއިންް ހަފްތާ އަށް ބަލާނަމަ، ސިއްހީ އަދި އިޖުތިމާއީ ދާއިރާ އިން އެންމެ ބޮޑު ހޭދައެއް ކުރީ ހެލްތު މިނިސްޓްރީން ކަމަށް ފިނޭންސްގެ ހިސާބުތައް ދައްކައެވެ. އެގޮތުން އެހެން މުޒާރާތަކާއި އިދާރާރަކަށްވުރެ ހަތަރު މިލިއަން ރުފިޔާ އިތުރަށް އެ މިނިސްޓްރީން ހޭދަކުރު އިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެ މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އެލަވެންސް ދިނުމަށް ކަމަށް ފިނޭންސްގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ ރިޕޯޓުގެ މުއްދަތާއި ހަމައަށް ހެލްތުން މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 14.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދަތުރުތަކަށް 11.6 މިލިއަން ރުފިޔާ އެމިނިސްޓްރީން ހޭދަކުރި ކަމަށްވެސް ހިސާބުތައް ދައްކައެވެ.

އިގްތިސޯދީ ދާއިރާ އިން ނުވަތަ އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންގެ ދާއިރާ އިން ހޭދަކޮށްފައިވަނީ ކޮވިޑް19 އާއި ގުޅިގެން އާމްދަނީ އަށް އަސަރުކުރި މީހުންނަށް އެލަވެންސް ދިނުމަށެވެ. މިދިޔަ ހަފްތާ ގައި އެ ދާއިރާ އިން އިތުރު ކަމަކަށް ހޭދަކޮށްފައެއް ނުވެއެވެ.

އެ މުއްދަތާއި ހަމައަށް އެމްއެންޑީއެފްގެ މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 24.5 މިލިއަން އަދި ފުލުހުންގެ މުވައްސަސާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮވިޑާ ގުޅިގެން ދޭ އެލަވެންސް ދިނުމަށް 27.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކޮވިޑް19 އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފްރަންޓްލައިން އެލަވެންސް ދެނީ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ކުރަމުންދާ މަސައްކަތަށެެވެ. ތިން ކެޓަގަރީ އަކަށް ބަހާލައިގެން މި އެލަވެންސް ދޭއިރު ހައިރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދޭއިރު މީޑިއަމް ރިސްކު ކެޓަގަރީއަށް ދުވާލަކަށް 250 ރުފިޔާ އަދި ލޯ ރިސްކު ކެޓަގަރީއަށް 200 ރުފިޔާ ދުވާލަކަށްދެ އެވެ.

comment ކޮމެންޓް