މަޖިލީހުގެ މަސައްކަތް މަދީ ސަރުކާރުން ބިލު ނުފޮނުވާތީ: މަޖިލިސް ރައީސް

މަޖިލިސް ރައީސް ނަޝީދު ރިޔާސަތުގައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިހާރު ވަރަށް ބޮޑަށް މަދުވެފައި ވަނީ ސަރުކާރުން ފޮނުވަންޖެހޭ ބިލުތައް މަޖިލީހަށް ނުފޮނުވާތީ ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ޖަލްސާ ފައްޓަވައިދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ ކޮންމެ ދައުރެއް ފަށާއިރު އެ ދައުރަކަށް ސަރުކާރުން ފޮނުވާނެ ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ލިބޭ ކަމަށެވެ. އަދި މި ދައުރުގައި ވެސް ލިސްޓު ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ލިސްޓާ ގުޅޭ ބިލެއް އަދި ލިބިފައި ނުވާ ކަމަށެވެ.

"މަޖިލީހުގެ މަސައްކަތް ވަރަށް މަދުވެއްޖެ. އެއީ މަޖިލީހަށް ބިލު މިވަގުތު ލިބިފައި ނުވާތީ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހަށް ލިބިފައިވާ ބިލުތަކުގެ ސުންގަޑި ކަނޑައެޅި އެ މަސައްކަތްތައް ކޮމިޓީތަކުގައި ހިނގަމުންދާ ކަމަށެވެ.

ހަމައެއާއެކު މަޖިލީހުގެ އެކިއެކި މެމްބަރުންނާ ކޮމިޓީތަކުގެ އިސްނެގުމުގެ ދަށުން ބައެއް ބިލުގެ ތަސައްވުރުތައް އެކުލަވާލެވި މަސައްކަތްތައް ހިނގަމުން އަންނަ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެން ނަމަވެސް ގިނަ ބޭނުންވެފައިވާ ބިލަކީ ފައިސާ އާ ވެސް ގުޅޭ ބިލު ކަމަށް ވާތީވެ، ސަރުކާރުން އެ ބިލުތައް މަޖިލީހަށް ލިބުމަކީ ބޭނުންތެރިކަމެއް،" މަޖިލިސް ރައީށް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ ބަންޑާރަނައިބާ އެކުގައި މަޝްވަރާ ކުރުމަށްފަހު އެންމެ އަވަހަށް މަޖިލީހަށް ފޮނުވެން ހުރި ބިލުތަކާ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެލުމުގެ މަސައްކަތާއި، ވަޒީފާއެއް ނެތި ވަޒީފާ ހޯދަމުންދާ ފަރާތްތަކަށް އިނާޔަތެއް ދިނުމުގެ ބިލުގެ ވާހަކަ ފާހަގަކުރެއްވި އެވެ.

އެއީ އެމްޑީޕީގެ އެޖެންޑާ19ގެ ބާކީ ހުރި ބިލުތަކުގެ ތެރެއިން ބިލެއްކަން ފާހަގަކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ އެމްޑީޕީން އަބަދުވެސް އެ ޕާޓީގެ ލެޖިސްލޭޓިވް އެޖެންޑާ ސާފުކޮށްދީފައި އޮންނަ ކަމަށެވެ.

"ހަގީގަތުގައި އެ ޕާޓީގެ ޕީޖީ ލީޑަރާ ބަންޑާރަނައިބާ ވާހަކަދައްކަވައިގެން މިކަމުގައި އަވަސް މަގެއް ހޯއްދަވާ ދެއްވަންނީ. މަޖިލީހުގެ އިދާރާއަށް މިކަމުގައި ކުރެވޭނެ ވަކި ހާއްސަ މަސައްކަތެއް ނޯންނާނެ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ ވަރަށް ބޮޑު މުސާރައެއް ދީ، ރައްޔިތުނންގެ އުންމީދުތަކާ ގުޅިފައިވާ މަޖިލީހުން ރައްޔިތުން އުންމީދކުރާ ވަރަށް މަސައްކަތް ކުރިއަށް ނުދާނަމަ ރައްޔިތުން ކަންބޮޑުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 33 ބިލެއް ހުށަހަޅަން ނިންމައި، އެ ބިލުތަކުގެ ލިސްޓު މަޖިލީހަށް ފޮނުވީ ފެބުރުއަރީ 11 ވަނަ ދުވަހު އެވެ.

އެ ލިސްޓުގައިވާ ގޮތުން އަލަށް 15 ގާނޫނެއް ހަދަން މަޖިލީހަށް ބިލު ހުށަހަޅަން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ކޮވިޑް ވެކްސިން ދިނުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލެއް ހިމެނެ އެވެ. އަދި އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގާނޫނަކާއި، ހެއްކާ ބެހޭ ގާނޫނަކާއި، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަކާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ އުފެއްދުމުގެ ގާނޫނަކާއި، ފޮރިން އިންވެސްޓްމެންޓުގެ ގާނޫނަކާއި، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ގާނޫނަކާއި، ނަފްސާނީ ސިއްހަތާ ބެހޭ ގާނޫނަކާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކުރުމާ ގުޅޭ ގާނޫނެއް އުފެއްދުމަށް ބިލު ހުށަހަޅަން ނިންމާފައިވެ އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން 16 ގާނޫނަކަށް އިސްލާހު ގެންނަން ބިލުތައް ހުށަހަޅަންވެސް ސަރުކާރުން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި، އާންމުދަނީއިން ޓެކްސް ނެގުމުގެ ގާނޫނާއި، ޕެންޝަނާ ބެހޭ ގާނޫނާއި، ކޯޓުތަކުގެ ގާނޫނާއި، ފަނޑިޔާރުންގެ ގާނޫނާއި، ގާނޫނީ ފަންނުގެ ގާނޫނާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި، އިންތިގާލީ އިންސާފުގެ ގާނޫނާއި، ކުޅިވަރުގެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތައް ހިމެނެ އެވެ.

ދެ ގާނޫނެއް އުވާލުމުގެ ބިލު ހުށަހަޅަންވެސް ސަރުކާރުން ނިންމާފައިވެ އެވެ. އެއީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނާއި، އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނެވެ.

comment ކޮމެންޓް