ސަރުކޯޒީގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ، ޖަލަށް ލާން ހުކުމްކޮށްފި

ފްރާންސުގެ ކުރީގެ ރައީސް ނިކޮލަސް ސަރުކޯޒީގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދައުވާ ސާބިތުވެފަ -- ފޮޓޯ: ރޮއިޓާސް

ޕެރިސް (މާޗް 2): ފްރާންސުގެ ކުރީގެ ރައީސް ނިކޮލަސް ސަރުކޯޒީގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ، އެއް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ފްރާންސުގައި 2007އިން 2012އަށް ރައީސްކަން ކުރެއްވި ސަރުކޯޒީގެ މައްޗަށް ސާބިތުވީ 2014 ވަނަ އަހަރު ފަނޑިޔާރަކަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ދައުވާ އެވެ. އެއީ އޭނާއާ ގުޅުން ހުރި އެހެން ތަހުގީގަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފި ނަމަ އެ ފަނޑިޔާރަށް މޮނަކޯއިން ވަޒީފާއެއް ދެއްވާނެ ކަމަށް ވިދާޅުވެ އެވެ.

އެ މައްސަލަ ބެލި ޕެރިސްގެ ކޯޓުގައި އިއްޔެ ސަރުކޯޒީގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ސިއްރު ހިފެހެއްޓުމާ ހިލާފަށް އަމަލު ކުރެއްވި ކަމުގެ ދައުވާ ސާބިތުވެފަ އެވެ. އަދި އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކުރި ނަމަވެސް އޭގެ ތެރެއިން ދެ އަހަރުގެ ހުކުމް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އެއީ ފަހުގެ ތާރީހުގައި ފްރާންސުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ސާބިތުވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ކޮރަޕްޝަނުގެ ދައުވާ ސާބިތުވީ ފްރާންސުގެ ކުރީގެ ރައީސް ޖަކް ޝިރާކްގެ މައްޗަށް 2011އިގަ އެވެ. އެއީ އޭނާ ޕެރިސްގެ މޭޔަރުގެ ގޮތުގައި ހުންނެވި އިރު އޭނާގެ ޕާޓީގެ އެކްޓިވިސްޓުންތަކަކަށް ޕެރިސް ސިޓީ ހޯލްއިން ފޭކު ވަޒީފާތަކެއް ދެއްވާ، ދައުލަތުގެ ފައިސާއިން މުސާރަ ދެއްވި މައްސަލައެއްގަ އެވެ. އޭގެ ސަބަބުން އޭނާގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް ކުރި ނަމަވެސް ކޯޓުން އެ ހުކުމް ސަސްޕެންޑު ކުރި އެވެ.

ސަރުކޯޒީގެ ވަކީލުން ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅާނެ އެވެ. އަދި އޭނާ ހުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގަތް ނަމަވެސް ޖަލަށް ވަޑައިގަންނަވާކަށް ނުޖެހޭނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އޭގެ ބަދަލުގައި ސަރުކޯޒީ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ބެލެވެނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.

ސަރުކޯޒީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދޮގު ކުރައްވާފަ އެވެ. އެ މައްސަލައިގެ އިތުރުން އޭނާއާ ގުޅުން ހުރި އިތުރު ކޮރަޕްޝަނުގެ މައްސަލަތަކެއްވެސް ފްރާންސުގައި ކުރިއަށްދެ އެވެ.

އޭގެ ތެރޭގައި 2012 ވަނަ އަހަރު ސަރުކޯޒީއަށް ނާކާމިޔާބުވި ރިޔާސީ ކެމްޕޭނަށް މާގިނައިން ހަރަދު ކުރެއްވި މައްސަލައަކާއި 2007 ވަނަ އަހަރު އޭނާގެ ރިޔާސީ ކެމްޕޭނުގައި، ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީ ދެއްވި ފައިސާތަކެއް ހަރަދު ކުރެއްވި މައްސަލައެއް ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް