އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލުކޮށްފި

މާލޭ އުސްފަސްގަނޑުގެ ހެލިކޮޕްޓަރު ޖެއްސުމަށް ހެލިޕޭޑެއް ހަދައި އެ ތަން ބޭނުން ކުރަން ފަށުން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ތިބޭ އިންޑއިާ ސިފައިންގެ އަދަދު ހާމަ ނުކުރި މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 22 ވަނަ ދުވަހަށް ހައިކޯޓުގައި ތާވަލު ކޮށްފިއެވެ.

ރާއްޖޭގައި ގާއިމްވެގެން ތިބޭ އިންޑިއާ ސިފައިންގެ މައުލޫމާތު ދިނުމަށް އެދި ދިޔަރެސްގެ ނޫސްވެރިއެއް ކަމަށްވާ އަހުމަދު އަޒާން ޑިފެންސް މިނިސްޓްރީގައި އެދުނު ނަމަވެސް އެ މައުލޫމާތުތަކަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި މައުލޫމާތުތަކެއް ކަމަށް ބުނެ ޑިފެންސް އިން އެ މައުލޫމާތު ދޭން އިންކާރުކުރި އެވެ.

އަދި އަޒާންގެ ފަރާތުން ވަނީ އެ މައްސަލަ އައިކޮމް އަށް ހުށަހަޅައިފައެވެ. އެ މައްސަލަ ބެލުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރު ވެސް މައްސަލަ ނިންމީ ޑިފެންސާ އެއްކޮޅަށެވެ.

އެ މައްސަލަ ހައިކޯޓުގައި އަޒަން އިސްތިއުނާފު ކުރީ މީގެ ތިން މަސް ކުރިންނެވެ. އެ މައްސަލައިގައި އޭނާ ތަމްސީލުކުރާނީ ސިވިލް ކޯޓުގެ ގާޒީ ކަމާއި ޑެޕިއުޓީ ޕީޖީގެ މަގާމުވެސް ފުރުއްވި މަރްޔަމް ނިހާޔަތު އެވެ.

އެހެން ގައުމެއްގައި އެ ގައުމުގެ ސިފައިން ތިބޭ ނަމަ އެ އަދަދު ހާމަކުރުމަކީ އެ ސިފައިން ނިސްބަތްވާ ގައުމަކުން ކުރާނެ ކަމަކަށްވާއިރު ރާއްޖެއިން އެފަދަ މައުލޫމާތެއް ހިއްސާކުރުމުން ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ޑިފެންސުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ތިބި ބޭރު ސިފައިންގެ އަދަދާއި އެމީހުންނަށް ކުރާ ހަރަދުގެ ތަފްސީލު ހޯދަން ވެސް އަޒާން އެދުނެވެ. ނަމަވެސް ޑިފެންސް އިން ބުނީ އެފަދަ މައުލޫމާތެއް ހާމަކުރުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށާއި އެމީހުންނަށް ހަރަދު ކުރާ އަދަދު ހިއްސާކުރުމަކީ ސިފައިންގެ އަދަދު އެނގޭނެ ގޮތެއް ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެވެ. ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އައްޑޫގައި އޮންނަ އިރު އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ.

އެމްއެންޑީއެފްގެ އެކި ބޭނުންތަކަށް އަދި ހާލު ދެރަ ބަލި މީހުން ރަށްރަށުން މާލެ ގެނައުމަށް ބޭނުން ކުރަމުން އަންނަނީ އިންޑީއާގެ ދެ ހެލިކޮޕްޓަރުންނެވެ. އެ ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރަމުން އަންނަނީ، އިންޑިއާ ސިފައިންނެވެ.

comment ކޮމެންޓް