ފައިސާ ނޫން އެއްޗެހި އޭޓީއެމް ތެރެއަށް ނުލާން އެދެފި

ބީއެމްއެލް އިން ގުރައިދޫގައި ގާއިމްކުރި އޭޓީއެމް -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް އޭޓީއެމްތައް ބޭނުންކުރާއިރު ހިދުމަތް ބޭނުންކުރާއިރު ކަސްޓަމަރުން ސަމާލުކަންދޭންވީ ކަންތަކުގެ އިރުޝާދުތަކަށް އަމަލު ކުރުމަށް ބޭންކުން އިލްތިމާސް ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މިހާރަކަށް އައިސް ނަގުދު ފައިސާ ނޫން އެހެން ބައެއް ތަކެތި އޭޓީއެމްއަށް ލުމުގެ ސަބަބުން ހިދުމަތް މެދުކެނޑިގެން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އޭޓީއެމްގެ ހިދުމަތް ދިނުމަށް ބޭންކުގެ މުވައްޒަފުން ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި ހިދުމަތް ދިނުމަށްޓަކައި ބޭންކުގެ މުވައްޒަފުން އޭޓީއެމް ބަހައްޓާފައިވާ ރަށަކަށް ދަތުރުކުރަންޖެހޭއިރު، މިހާރު ހާލަތު އޮތްގޮތުން ރަށަކަށް މުވައްޒަފުން ދަތުރުކޮށް މައްސަލަ ހައްލުކުރުމަށް ވަގުތު ހޭދަވާ ކަމަށް ބޭންކުން ބުންޏެވެ.

މީގެ އިތުރުން އޭޓީއެމްއަށް ލިބޭ ގެއްލުމަށް ބަލައި އެކަމެއް ރަނގަޅުކޮށް އަލުން ހިދުމަތްދޭން ފެށުމަށް ރާއްޖޭން ބޭރުން އާލާތްތައް ގެންނަންޖެހޭ ފަހަރުވެސް އަންނަ ކަމަށާއި މިހާރުގެ ހާލަތަށް ބަލާއިރު މިކަމަށް ގިނަ ވަގުތު ހޭދަވެ ހިދުމަތް މެދުކެނޑިފައި ހުންނަ ވަގުތު އިތުރުވެގެން ދާތަން އަންނަ ކަން ބީއެމްއެލް އިން ފާހަގަ ކުރެއެވެ.

މިގޮތަށް ހިދުމަތް މެދުކެނޑިގެން ދިޔުމަކީ ބޭންކުގެ ކަސްޓަމަރުންނަށާއި އެ ރަށެއްގެ ރައްޔިތުންނަށްވެސް ދަތިތަކާ ކުރިމަތިވާ ކަމެއްކަމަށް ބޭންކުން ބުންޏެވެ.

އޭޓީއެމް މެދުވެރިކޮށް ސެލްފް ސާވިސް ބޭންކިން ހިދުމަތް މެދުނުކެނޑިލިބޭނެހެން ކަސްޓަމަރުން އަމަލުކުރުމަށް ބޭންކމުން ވަނީ އިލްތިމާސް ކޮށްފައެވެ. އެ ގޮތުން ހަމައެކަނި ނަގުދު ފައިސާ އޭޓީއެމްއަށް ލުމާއި ހިދުމަތް ބޭނުންކުރުމަށް އޭޓީއެމް ސެންޓަރުގައި ހުރި އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ބޭންކުން އެދިފައިވެއެވެ.

comment ކޮމެންޓް