އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރަން ޓްރެވަލް އެޖެންޓުން ގެނެސްފި

އިންޑިއާގެ ޓްރެވަލް އެޖެންޓުން ރާއްޖޭގައި -- ފޮޓޯ: ވިޒިޓް މޯލްޑިވްސް

އިންޑިއާގެ ޓްރެވަލް އެޖެންޓުންނަށް އަމާޒުކޮށްގެން ވިޒިޓް މޯލްޑިވްސް އިން ފެމެލިއަރައިޒޭޝަން ޓްރިޕެއް ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ އިންޑިއާގެ އެންމެ ބޮޑެތި ޓްރެވަލް އެޖެންޓުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ފޭމް ޓްރިޕްގެ މަގުސަދަކީ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް އިިންޑިއާގައި ރާއްޖެ އިޝްތިހާރުކޮށް، އެގައުމުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުން ކަމަށެވެ.

މި ފޭމް ޓްރިޕުގައި ހިމެނޭ ޓީމު ހަތް ދުވަސް ވަންދެން ރާއްޖޭގައި ތިބޭނެ އެވެ.

މި ޓީމުގައި ހިމެނޭ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް އެ ކުންފުނިތަކުގެ ޕްލެޓްފޯމުތަކުގައި ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށާއި މި ދަތުރާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތައް ދަސްކޮށް އިންޑިއާ މާކެޓަށް ވިއްކަން ޓްރެވަލް އެޖެންޓުންނަށް ފަސޭހަވާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

މި ފޭމް ޓްރިޕުގައި އޭ ޕްލަސް ޓްރެވަލް، ކާނޭޝަން ޓްރެވަލް، ޓްރެވަލް ބުލްޒް، ކޭސަރި ޓުއާސް އަދި ތޯމަސް ކުކް ގެ ޑިރެކްޓަރުން ވަނީ ރާއްޖެ އައިސްފައެވެ.

މި ކުންފުނިތަކަކީ މުޅި އިންޑިއާގައިވެސް މަޝްހޫރު، ލެޝާ އަދި މައިސް ޓްރެވަލް އަށް ހާއްސަ ޕެކޭޖުތައް ވިއްކާ ކުންފުނިތައް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

މިޓީމުން އެއް ހަފްތާ ރާއްޖޭގައި ހޭދަކުރާނެއެވެ. އެމީހުން ތިބޭނީ ހެރިޓެންސް އާރަށް، ގްރޭންޑްޕާކް ކޮއްދިއްޕަރު އަދި އެމެރަލްޑް މޯލްޑިވްސްގައެވެ.

މި ހުސްވި ފެބްރުއަރީ މަހުގެ ނިޔަލަށް އިންޑިއާ އިން 44،039 ޓޫރިސްތުން ރާއްޖެ އައިސްފައިވެއެވެެ. މިއާއެކު އިންޑިއާ އަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.

އިންޑިއާގެ ހަތަރު އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށާއިރު އިތުރު އެއާލައިނަކުން އިންޑިއާ އާއި ރާއްޖެ އާއި ދެމެދު މި މަހު ދަތުރުތައް ފަށާނެއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ގިނަ ކެމްޕެއިންތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

comment ކޮމެންޓް