ކައުންސިލް އިންތިހާބުގައި 121 ރިސޯޓުގައި ވޯޓުފޮށި ބަހައްޓާނެ

އީސީގެ ރައީސް އަހުމަދު ޝަރީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 121 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް "ސަން" އަށް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިން އޮތްގޮތުން، ރިސޯޓު މުވައްޒަފުންނަށް ކައިރި ރަށްރަށަށް ވޯޓު ލުމަށް ދެވެން ނެތް ކަމަށެވެ.

އެހެންކަމުން ރިސޯޓު މުވައްޒަފުންނަށް ވޯޓު ލުމުގެ ހައްގު ދިނުމުގެ ގޮތުން ވޯޓު ފޮށި ބެހެއްޓުމަށް އެދޭ ކޮންމެ ރިސޯޓެއްގައިވެސްް އެއްވެސް ބޭސް ލައިނެއް ނެތި ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން އިންތިހާބުތަކުގައި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަނީ ވަކި އަދަދަކަށް އެރިސޯޓެއްގައި ވޯޓުލުމަށް ރެޖިސްޓްރީ ވުމުންނެވެ.

އެހެންމަވެސް މިފަހަރު ނިންމާފައިވަނީ ރިސޯޓަކުން ރިކުއެކްސްޓު ކުރުމުން އެ ރިސޯޓެއްގައި ފޮށި ބެހެއްޓުމަށެވެ. 158 ރިސޯޓު ރާއްޖޭގައި ހިންގާއިރު ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރިސޯޓަކުން އެދިއްޖެނަމަ ވޯޓު ފޮށި ބެހެއްޓުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ރިސޯޓުން ކޮށްދޭން ޖެހޭނެ ކަމަކީ އޮފިޝަލުންގެ ގޮތުގައި ރިސޯޓުގެ މުވައްޒަފުން ކަނޑައެޅުން. އެ ކަންކޮށްދެންޏާ އެއްވެސް ބޭސްލައިނެއް ނެތި ހުރިހާ ރިސޯޓެއްގައި ބަހައްޓައިދޭނެ،" އީސީ އިން ބުންޏެވެ.

ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.

comment ކޮމެންޓް