ޖަޕާން-ރާއްޖެ ޕޮލިސީ ޑައިލޮގް ބާއްވަނީ

ފޮރިން މިނިސްޓަރު ޝާހިދު ޖަޕާނުގެ ފޮރުން މިނިސްޓަރާ ބައްދަލުކުރެއްވުން -- ފޮޓޯ: ޖަޕާން ފޮރިން މިނިސްޓްރީ

ރާއްޖެ އާއި ޖަޕާނާ ދެމެދު ބާއްވާ ޕޮލިސީ ޑައިލޮގް ގެ ތިންވަނަ ބައްދަލުވުން މި ހަފްތާ ބާއްވަން ނިންމައިފިއެވެ.

މިމަހުގެ ހަތަރުވަނަ ދުވަހު ބާއްވާ މި ބައްދަލުވުން މި ފަހަރު ކުރިއަށް ގެންދާނީ ވާޗުއަލް ކޮށެވެ.

މި ޑައިލޮގް ގައި ރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލެވެ. ޖަޕާނުގެ ފަރާތުން އެގައުމުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނީ ޖަޕާނުގެ ހާރިޖީ ވުޒާރާގެ ސައުތު އީސްޓް އެންޑް ސައުތު ވެސްޓް އޭޝިއަން އެފެއާޒް ޑިޕާޓްމެންޓްގެ ޑިރެކްޓާ ޖެނެރަލް ކޮބަޔަޝީ ކެނިޗީއެވެ.

މި ބައްދަލުވުމުގައި ތަރައްގީ އާއި އިގްތިސޯދީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ، ކޮވިޑް-19 އިން ރައްކާތެރިވުމާ، ފަތުރުވެރިކަމާ ގުޅޭގޮތުންްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން ދެގައުމުގެ ދައުރު ހިމެނޭ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވޭނެ ކަމަށް މިނިސްޓްރީ އިން ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ދިމާވި އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމަށާއި، ފުދުންތެރި ގައުމަކަށް ރާއްޖެ ވާސިލްވުމަށްކުރާ މަސައްކަތުގައި، ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކާއި އެކު މިފަދަ މަޝްވަރާ ބައްދަލުވުންތައް ބާއްވަންސަރުކާރުން އިސްކަންދޭ ކަމަށެވެ.

ދެގައުމުގެ އިގްތިސޯދީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު މިފަދަ ޕޮލިސީ ޑައިލޮގެއް އެންމެ ފަހުން ބޭއްވީ އޮގަސްޓް 2019 ގައެވެ.

comment ކޮމެންޓް