އޭއެފްސީގެ މެޗުތައް ބާއްވަން ރާއްޖެއިން ކުރި ބިޑު ކާމިޔާބުކޮށްފި

ފެބްރުއަރީ 19، 2020: އޭއެފްސީ މުބާރާތުގެ ޕްލޭ އޮފުގެ ފުރަތަމަ ލެގުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސްއާ އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅުނު މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕް "ޑީ"ގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމްއިން ކުރި ބިޑު ކާމިޔާބު ކޮށްފި އެވެ.

ކޮވިޑްގެ ސަބަބުން މިދިޔަ ސީޒަނުގެ އޭއެފްސީ މުބާރާތް ވަކި ހިސާބަކުން ކެންސަލް ކުރުމާ ގުޅިގެން ކުލަބުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔަ އިރު، މިފަހަރުގެ މުބާރާތް ކުޅެން އޭއެފްސީން ނިންމާފައި ވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށްގެން ކުޅުމަށެވެ. އެގޮތުން ދެކުނު އޭޝިއާގެ ޓީމުތަކަށް ހާއްސަކޮށްފައިވާ ގްރޫޕް ޑީގެ މެޗުތައް ކުޅުމަށް ރާއްޖެއިން ކުރި ބިޑު ވަނީ ކާމިޔާބު ކޮށްފަ އެވެ.

ފެބްރުއަރީ 19، 2020: އޭއެފްސީ މުބާރާތުގެ ޕްލޭ އޮފުގެ ފުރަތަމަ ލެގުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސްއާ އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅުނު މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެފްއޭއެމުގެ ރައީސް ބައްސާމ އަދީލް ޖަލީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ގަދަބާރެއް ކަމަށްވާ މާޒިޔާ ހިމެނޭހެން އޭއެފްސީގެ ދެކުނު އޭޝިއާއަށް ހާއްސަ ގުރޫޕުގެ މެޗުތައް ކުޅެން ރާއްޖެއިން ކުރި ބިޑް ކާމިޔާބުވެފައިވާ ކަމަށެވެ. އަދި އީގަލްސް އިން ވެސް ޕްލޭ އޮފުގެ މެޗުތައް ކާމިޔާބުކޮށް ގްރޫޕްސްޓޭޖަށް ވާސިލްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ބައްސާމ ވަނީ ވިދާޅުވެފަ އެވެ.

އޭއެފްސީ ކަޕް ބާއްވަން ރާއްޖޭން ކުރި ބިޑް ކާމިޔާބު ކުރިއިރު، އަވަށްޓެރި އިންޑިއާއިން ވަނީ މި މުބާރާތް ބާއްވަން ބިޑްކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ވަނީ އޭއެފްސީ ކަޕުގެ މެޗުތައް ކަލްކަތާގައި ކުޅެން ހުށަހަޅައިފަ އެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގައި ރާއްޖޭގެ ޓީމުތައް ވާދަކުރާއިރު، ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައި ވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކޮށްފައި ވަނީ އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ.

ކޮލިފައިންގް ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ކޮލިފައިންގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދި ކުލަބު އީގަލްސްއެވެ. އެގޮތުން ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާ އީގަލްސް ވާދަކުރަން ޖެހޭއިރު، އެ މެޗު ކުޅޭނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އެވެ. އަދި އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެ ނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާ އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ގިނަވާން ފެށުމާ އެކު ފުޓުބޯޅައިގެ ހަރަކާތްތަކަށް އައި މެދުކެނޑުމަކަށް ފަހު އިއްޔެ ވަނީ ކުލަބުތަކުން އައު ގައިޑްލައިންތަކާ އެކު އަލުން ފަރިތަކުރުންތަކަށް ނުކުމެފަ އެވެ.

comment ކޮމެންޓް