މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ގައިދުރުކޮށް ނަމާދުގެ ޖަމާއަތް ހެދުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑް19ގެ ހާލަތު އިތުރަށް ގޯސްވަމުން އަންނަ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެހެންކަމުން ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާ މަޝްވަރާކޮށް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުގެ މެންދުރު ނަމާދުން ފެށިގެން، ކޮވިޑްގެ ހާލަތަށް ލުޔެއް ލިބެންދެން ގްރޭޓާ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް، ގައިދުރުކަމާއެކު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ، ނަމަދުގެ ޖަމާއަތް ހެދުމުގައި ގައިދުރުކުރަން ނިންމީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލައި މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތިކަމަކަށް ވާނެތީ ކަމަށެވެ.
ހަމައެއާއެކު މިހާލަތުން އަރައިގަތުމަށް ކުރެވެން އޮތް ކަމަކީ މިސްކިތް ބަންދުކުރުމުގެ ބަދަލުގައި ގައިދުރުކަމާއެކު ނަމާދުގެ ޖަމާއަތް ހެދުން ކަމުގައި ފަތުވާ މަޖިލީހާއި ބައެއް އިލްމުވެރިން ލަފާދެއްވާފައިވާތީ ކަމަށެވެ.
ހާލަތު ރަނގަޅުވާން ފެށުމުން ކުރިއެކޭ އެއްގޮތަށް ޖަމައަތުގައި ނަމާދު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ މިކަމުގައި ސިޓީ ކައުންސިލުންނާއި، ނަމާދަށް މިސްކިތަށް ދާ މީހުން އަދި އިމާމުން ވެސް ގިނަ ކަންތައްތަކަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ސަމާލުކަން ދޭންވީ ކަންކަން:
- ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅަފައި ނެތުން
- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން
- މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން
- ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެއާކޯނު ބޭނުން ނުކުރުން
- އެއާކޯނު ބޭނުންކުރާނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނެގޮތް ހެދުން
މިސްކިތަށް ނަމާދަށް ދާ މީހުން ސަމާލުކަން ދޭންވީ ކަންތައްތައް:
- ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން
- މުސައްލައެއް ގެންދިއުމާއި އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުން
- މާސްކު އެޅުން
- މިސްކިތައް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
- މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން
- ނަމާދަށް ސަފު ހެދުމުގައި ގައިދުރުކަން ބެހެއްޓުން އަދި ގައިދުރުކަމާއެކު ނަމާދުކުރުން
- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި އުމުރުން ދުވަސްވެފައިވާ މީހުން ގޭގައި ނަމާދުކުރުން
- ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން
- މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން
- މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން
އިމާމުން ސަމާލުކަން ދޭންވީ ކަންތައްތައް:
- ބަންގިއަށްފަހު ފަސް މިނެޓު ތެރޭ ގަމަތް ދީ ނަމާދު ފެށުން
- އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގު ނުކުރުން
- ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިހާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުން
"ވީމާ މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް ސަމާލުކަން ދިނުމާއެކު ގްރޭޓާ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތުގެ ނަމާދު ކުރައްވަމުން ގެންދެވުމަށް ދެންނެވީމެވެ." މިނިސްޓްރީން ބުންޏެވެ.