އާ ޕާޓީއެއް އުފައްދާ ވާހަކަ ޓްރަމްޕް ދޮގުކުރައްވައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އާ ޕާޓީއެއް އުފައްދަވަން ނޫޅުއްވާ ކަމަށް ވިދާޅުވެފަ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (މާޗް 1): އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑެން ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ޓްރަމްޕް ތަގުރީރު ކުރެއްވީ އިއްޔެ އެގައުމުގެ ފްލޮރިޑާގައި ބޭއްވި ކޮންޒާވެޓިވް ޕޮލިޓިކަލް އެކްޝަން ކޮންފަރެންސްގަ އެވެ. އަދި އޭނާ އާ ޕާޓީއެއް އުފައްދަވަން އުޅުއްވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ "ފޭކު ހަބަރު" ކަމަށާއި އެއީ ރިޕަބްލިކަން ޕާޓީގެ ވޯޓުތައް ބައިބައި ވާނެ ގޮތެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވޯޓުތައް ބައިބައިވެ، ދުވަހަކުވެސް މޮޅު ނުވާނެ ގޮތަށް ހިނގާ އާ ޕާޓީއެއް ފަށަން،" ޓްރަމްޕް ސަމާސާ ކުރެއްވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ރިޕަބްލިކަން ޕާޓީން އެންމެން އެއްބައިކޮށް، އެ ޕާޓީ އިތުރަށް ވަރުގަދަ ވާނެ އެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމުގެ ތުހުމަތު އަނެއްކާވެސް ތަކުރާރު ކުރައްވާ، 2024 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވި އެވެ.

"އަޅުގަނޑު ފަހަރެއްގަ އެމީހުން ތިން ވަނަ ފަހަރަށް ބަލި ކުރަންވެސް ނިންމަފާނަން، އިނގޭތޯ؟،" ޓްރަމްޕް ވިދާޅުވި އެވެ.

ނޮވެމްބަރު މަހުގެ ރިޔާސީ އިންތިހާބުން ޓްރަމްޕް ނާކާމިޔާބުވެ، ޖެނުއަރީ ހަޔެއްގައި ކޮންގްރެސްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އޭނާއަށް ފާޑު ކިޔުން އަމާޒުވި ނަމަވެސް އޭނާއަށް ތާއިދު ކުރާ މީހުންގެ މެދުގައި ޓްރަމްޕްގެ މަގުބޫލުކަން ދަށަށް ނުދެ އެވެ. އަދި ޓްރަމްޕަށް ތާއިދު ކުރާ މީހުން ހިމަނައިގެން މިދިޔަ ހަފްތާގައި އެމެރިކާގައި ބޭއްވި ސާވޭއެއްގައި 46 ޕަސެންޓު މީހުން ވަނީ އޭނާ އާ ޕާޓިއެއް އުފައްދަވައިފި ނަމަވެސް އޭނާއަށް ވޯޓު ދޭނެ ކަމަށް ބުނެފަ އެވެ.

ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު ޖެނުއަރީ ހަޔެއްގައި ކޮންގްރެސްއަށް ވަދެ ހިންގި ހަމަނުޖެހުންތަކުގައި ފަސް މީހަކު މަރުވި އެވެ. އޭގެ ސަބަބުން ކޮންގްރެސްގެ ތިރީގެއިން ޓްރަމްޕަށް ދައުވާ ކުރަން ނުވަތަ އިމްޕީޗް ކުރަން ފާސް ކުރި ނަމަވެސް ސެނެޓުގައި އެ ދައުވާތައް ސާބިތެއް ނުވި އެވެ. ނަމަވެސް އިމްޕީޗްމެންޓު ވޯޓުގައި ހައުސްގެ 10 ރިޕަބްލިކަން މެމްބަރުން އަދި ހަތް ރިޕަބްލިކަން ސެނެޓަރުން ޓްރަމްޕާ ދެކޮޅަށް ވޯޓު ދެއްވި އެވެ.

comment ކޮމެންޓް