މަލީހު ވަކިކުރަނީ މަސައްކަތް ނުކުރާތީއެއް ނޫން، އިތުބާރު އެބަ އޮތް: ރިޔާޒް

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް

ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލު ވަކިކުރަން އުޅެނީ މަސައްކަތެއް ނުކޮށްގެން ނޫން ކަމަށާއި، ޖުމްހޫރީ ޕާޓީގެ ފުރިހަމަ ތާއީދު މިނިސްޓަރަށް އޮތް ކަމަށް، އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

މަލީހުގެ އިތުބާރުގެ މައްސަލައިގައި މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން މަލީހުގެ ދިފާއުގައި ވާހަކަ ނުދައްކަނީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ.

އެ މެމްބަރުންނަށް ރައްދު ދެއްވަމުން ރިޔާޒް ވިދާޅުވީ މިނިސްޓަރު މަލީހަކީ ވަރަށް އިހްލާސްތެރި، ތައުލީމީ، ގާބިލް ބޭފުޅެއް ކަމަށެވެ. އަދި މިހާ ހިސާބަށް އައި އިރުވެސް މަލީހުގެ މަސައްކަތާ މެދު ހިތްހަމަނުޖެހިގެން، ނުވަތަ މަލީހު މަސައްކަތް ނުކޮށްގެން ސަރުކާރުން އެއްވެސް ކަހަލަ ޝަކުވާއެއް ޖުމްހޫރީ ޕާޓީގެ ލީޑަޝިޕާ ވެސް ނުވަތަ މެމްބަރުންނާ ވެސް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

މަލީހާ ދެކޮޅަށް މައްސަލަ ހުށަހަޅައިގެން އުޅެނީ މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތަކެއް ނުހަދައިގެން ކަމަށް ބުނާ ކަމަށާއި ނަމަވެސް އެނަމުގައި މިއަދު މަޖިލީހުގައި ކުރާ ކަންކަމަކީ އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި އެކަމަށް ތާއީދުވެސް ނުކުރައްވާ ކަމަށެވެ.

"މީ ހަމަ ސިޔާސީ މަސައްކަތެއް. މަޖިލީހުގަ ކުރާނީ ސިޔާސީ މަސައްކަތް. އަޅުގަނޑު ގަބޫލުކުރަން ސިޔާސީ ގޮތުން، މަލީހާ ދޭތެރޭގައި މަޖިލީހުގައި އެމްޑީޕީ މެމްބަރުންގެ ސުޕަ މެޖޯރިޓީ އޮތް ތަނެއް މީ. އެބޭފުޅުން ބޭނުންވާ ކަމެއް، ބޭނުންވާ މީހަކާ ދޭތެރޭ، ވަޒީރަކާ ދޭތެރޭ ވިޔަސް، އެހެނިހެން ވެސް މަޖިލީހުން ރުހުން ދޭން ނުޖެހޭ މީހަކަށް ރުހުން ނުދިނުމާ، ވަކިކުރަން ބޭނުން މީހަކު ވަކިކުރުމުގެ ބާރު އެބަ އޮތް. އެކަން ގަބޫލުކުރަންޖެހޭ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ މަލީހަކީ ކޯލިޝަން ސަރުކާރު ގެނައުމަށް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި މިހާތަނަށް ވެސް މަސައްކަތް ކުރައްވާފައި ވަނީ އިހްލާސްތެރިކަމާ އެކުގައި ކަމަށާއި، ސަރުކާރުން ވެސް މަލީހާ ދޭތެރޭ ސުވާލުއ އުފައްދާފައި ނުވާ ކަމަށެވެ.

"މަލީހު ވަކިކުރުމަށް އެމްޑީޕީން އިސްވެ ތިބެގެން ތިކުރައްވާ މަސައްކަތަކީ މީ ސިޔާސީ މަސައްކަތެއް. މަލީހު މަސައްކަތެއް ނުކޮށްގެނެއް ނޫނޭ މަލީހު ވަކިކުރަން އުޅެނީ. ޖުމްހޫރީ ޕާޓީގެ ވެސް އަދި އަޅުގަނޑުގެ ވެސް ފުރިހަމަ އިތުބާރު މަލީހަށް އެބަ އޮތް،" ރިޔާޒް ވިދާޅުވި އެވެ.

އެމްޑީޕީން މިއަދު ބުނެފައި ވަނީ އެ ޕާޓީގެ 65 މެމްބަރުންގެ އިތުބާރު ވެސް މަލީހަށް ނެތް ކަމަށެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، އަލީ އާޒިމް 14 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި އެ މައްސަލައިގައި، އެމްޑީޕީން ވަނީ، މަލީހު ވަކިކުރުމަށް ތްރީލައިން ވިޕެއް ނެރުމަށް ނިންމާފަ އެވެ.

ހަމައެއާއެކު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެމްބަރުންވެސް ވޯޓު ދެނީ މިނިސްޓަރު މަލީހް ވަކިކުރަން ކަމަށް އެ ކޯލިޝަންގެ ޕާލިންޓްރީ ގްރޫޕުން ވެސް ވަނީ ނިންމައިފަ އެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 65 އެވެ. އެހެން ކަމުން އެމްޑީޕީއަށް ވަޒީރަކުން މަގާމުން ދުރުކުރުމަށް ފަސޭހަ ވާނެ އެވެ.

comment ކޮމެންޓް