ނަޝީދު މަލީހަށް ވިދާޅުވީ މައްސަލަ ބަލައި ދައުވާވެސް ކުރާނެ ކަމަށް

2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަޖިލިސް މެމްބަރުންނާ ގުޅޭގޮތުން ސާބިތުނުހިފޭ ވާހަކަ ދެއްކެވިތޯ ބައްލަވަން މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ފޮނުވާނެ ކަމަށާއި ސާބިތުވެއްޖެ ނަމަ ދައުވާކުރަން ފޮނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަލީހުގެ އިތުބާރުގެ މައްސަލައިގައި ޖަވާބުދާރީވާން ލިބުނު ފަހު ފުރުސަތުގައި މަލީހު ވަނީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބިރުދައްކައި އިސްތިއުފާ ދޭން މަޖުބޫރު ކުރި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ވަޒީރުންނަށް، ސަރުކާރަށް ބިރުދައްކަމުން ދާތަން. ޝިދާތާއަށް ބިރުދައްކާ. މަދު މެމްބަރުންތަކެއް ވަޒީރުންނަށް ބިރުދައްކަމުން އެބަދޭ. ޝިދާތާއަށް ބިރުދައްކައިގެން..." މަލީހު ވިދާޅުވި އެވެ.

މަލީހުގެ ވާހަކަ އެ ހިސާބަށް ދިއުމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައިފަ އެވެ. ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީގެ ސަރުކާރަށް ނިސްބަތްވާ ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ބިރުދައްކާ ކަމަށް ވިދާޅުވާނަމަ އޭގެ ތަފްސީލް ދެއްވަން ޖެހޭނެ ކަމަށެވެ.

ރިޔާސަތުން ވެސް ވަނީ އެކަން ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

"އެބަ ފެނިގެންދޭ ތަކުރާރުކޮށް ސަރުކާރުގެ އެކިއެކި ވަޒީރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅުއްވާ ބިރުދައްކަމުން ދާތަން. އޭގެ ތަފްސީލަކަށް ފެންނާން އޮތީ ޝިދާތާއަށް މަޖުބޫރު ކުރުވި އިސްތިއުފާ ދޭން،" މަލީހު ވިދާޅުވި އެވެ.

މަލީހުގެ އެ ވާހަކައާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އެ ކަމެއް ފެންނާން އޮތް ތަނެއް ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

މަލީހު ވިދާޅުވީ އެކަމުގެ ތަފްސީލަށް ދާނެ ވަގުތު މިއަދު ނެތް ކަމަށާއި އެހެން ނަމަވެސް އޭގެ ތަހުގީގެއް ވަކިން ހިންގާނަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"ވަޒީރެއްގެ ގޮތުގައި ހުންނަވައި ރައްޔިތުންގެ މަޖިލީހުގައި ހަގީގަތާ ހިލާފު ވާހަކަފުޅު ދައްކަވާފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަށް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ފޮނުވާނެ. އަދި އިމްތިޔާޒް ކޮމިޓީން އެކަން އެހެން ސާބިތުވެއްޖެ ނަމަ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް އަށް ވެސް ފޮނުވާނަން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސްގެ ވާހަކައާ ގުޅިގެން މަލީހު ވަނީ އެގޮތަށް ކުރިއަށް ގެންދަން އެދިވަޑައިގެންފަ އެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނެވިހާ ދުވަހަކު، މަޖިލީހުގެ ގަދަރާއި ހައިބަރު ހިފަހައްޓަވާނެ ކަމަށެވެ.

comment ކޮމެންޓް