ވައުދު ނުފުއްދުނީމާ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭނީ ރައީސްގެ: އިދިކޮޅު

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުނީމާ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭނީ ވަކިވަކި މިނިސްޓަރުންގެ ނޫން ކަމަށާއި ނަގަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު ކަމަށް އިދިކޮޅުން ބުނެފި އެވެ.

ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސް މިއަދު ވަނީ މަޖިލީހުގައި ފަށައިފަ އެވެ.

އެ މައްސަލާގައި ބަހުސްކުރައްވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ އެމްޑީޕީ އިން ވެރިކަމަށް އައީ އިންޓަނެޓު އަގުހެޔޮކޮށްދޭނެ ކަމުގެ ވައުދާ އެކުގައި ކަމަށާއި ދައުރު ދެބައި ވާން ދާއިރު ވެސް އެ ވައުދު ފުއްދިފައި ނުވާ ކަމަށެވެ.

ވަޒީރުން މަގާމުން ވަކިކުރަނީ ސަރުކާރުގެ ވައުދުތައް ނުފުއްދޭތީ އެކަން ފޮރުވަން ކަމަށް ޝަރީފް ތުހުމަތުކުރެއްވި އެވެ. އަދި ވައުދުތައް ނުފުއްދި ހިދުމަތް ނުދެވޭ ނަމަ، ޒިންމާވާ މީހުން ވަކިކުރަން ޖެހޭ ކަމަށާއި އެކަމަށް އެމްޑީޕީން ވެސް ތާއީދުކުރާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީ އަކީ ރައްޔިތުންނާއި ގައުމަށް ހެޔޮ އެދޭ، އިހްލާސްތެރި ނިޔަތެއްގައި މަސައްކަތް ކުރާ ޕާޓީއެއް ނަމަ، މިއަދު މަޖިލީހުގައި ވޯޓު ނަގަންޖެހޭނީ މަލީހު އާ ދެކޮޅަށް ނޫން ކަމަށެވެ.

"ވޯޓު ނަގަން ޖެހޭނީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ. ސަބަބަކީ ގާނޫނުތައް ތަންފީޒު ނުކުރެވި ވައުދުތައް ނުފުއްދުނީމާ ދެން އަޅުގަނޑުމެން ދެކޭ ގޮތުގައި ކުރަން ޖެހޭނީ އެކަން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފްގެ އިތުރުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ވަނީ އެމޭރުމުން ވާހަކަދައްކަވައިފަ އެވެ. ސައީދު ވިދާޅުވީ މައްސަލަ ހައްލުވާނީ ރައީސް ސޯލިހު އިސްތިއުފާ ދެއްވައިގެން ކަމަށެވެ.

"މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުމޭ މި ގައުމަށް އޮތް ހައްލަކީ،" ސައީދު ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ — ފޮޓޯ/މަޖިލިސް

ޝަރީފް ވިދާޅުވީ ސަރުކާރުގެ ވައުދުތައް ނުފުއްދުނީމާ ދެން އަޅާ ކޮންމެ ފިޔަވަޅެއްގެ ސަބަބުން ނުކުންނަ ނަތީޖާ އާއި އެކަމުގެ އަގު ސަރުކާރުން ބަޔާންކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި މިހާރު ހިނގާ ކަންކަމްން ފެނިގެން ދަނީ ސަރުކާރު ކޯލިޝަން ރޫޅޭ މަންޒަރު ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

ޝަރީފް ވަނީ ކޮވިޑް19 ބަލިމަޑުކަމާ އެކު، އިންޓަނެޓަކީ އެންމެންގެ "ލައިފްލައިން" އަށް ވެގެންގޮސްފައިވާ ކަމަށާއި ވިޔަފާރިކުރުމަށާއި ސިއްހީ ހިދުމަތް ހޯދުމަށާއި ތައުލީމީ ދާއިރާއަށް ވެސް އިންޓަނެޓަކީ ޒަރޫރީ ކަމަކަށް ވެފައިވާކަން ފާހަގަކުރައްވައިފަ އެވެ.

ސަރުކާރުން ވީ ވައުދު ނުފުއްދި، އިންޓަނެޓުގެ އަގުހެޔޮ ނުކުރެވުމް މިއަދު އިންޓަނެޓަށް ސަބްސިޑީ ދޭން ޖެހިފައިވާކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެކަމަށް ސަރުކާރަށް ގޮވާލެއްވި އެވެ.

comment ކޮމެންޓް