ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ހަތަރު މީހަކަަށް އަނިޔާވެ، އެކެއްގެ ހާލު ސީރިއަސް

ގއ ވިލިނގިލި ފަޅު ތެރެ -- ފޮޓޯ/އެމްޓީސީސީ

ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ހަތަރު މީހަކަށް އަނިޔާވެ، އެކަކުގެ ހާލު ސީރިއަސްވެއްޖެ އެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 9:15 އެހައިކަންހާއިރު ގއ. ވިލިނގިލީ ފަޅު ތެރެއިން ނުކުތް ލޯންޗަކާއި ދޯންޏެއް ޖެހި އެވެ. އެ ހާދިސާގައި ބޮޑުވަރުވެފައި ވަނީ ލޯންޗުގައި ތިބި ދެ މީހަކަށެވެ. އޭގެ އިތުރުން ދޯނީގައި ތިބި ދެމީިހަކަށްވެސް އަނިޔާވެފައި ވެ އެވެ.

ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހްމަދު މިރޭ "ސަން"އަށް ވިދާޅުވީ، ހަތަރު މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށެވެ. އޭނާގެ ލޯލާއި ބޮލަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ހާލު ސީރިއަސްވި މީހާ މާލެ ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. އޭނާގެ ލޮލަށާއި ބޮލަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައި،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ލޯންޗުން އަނިޔާވި އަނެއް މީހާގެ ބޮލަށްވެސް އަނިޔާވެފައިވާ ކަމަށެވެ.

އެކްސިޑެންޓްގައި ލޯންޗު ބާރު ސްޕީޑްގައި ގޮސް ދޯންޏަށް އެރި ކަމަށް މަންޒަރުދުއް މީހުން ބުންޏެވެ. އެ ވަގުތުގައި ދޯނީގެ މީހެއް މޫދަށްވެސް ވެއްޓި އަނިޔާ ލިބުނު ކަމަށް އެ މީހުން ބުނެ އެވެ.

ޝަރީފް ވިދާޅުވީ، ދޯނިން ކަނޑަށް ވެއްޓުނު މީހާގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށާއި އޭނާ އިތުރު ފަރުވާއަށް ގދ. ތިނަދުއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދޯނިން ދެން އަނިޔާވި މީހާއަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނު ނަމަވެސް މާބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފުލުހުންނާއި އެމްއެންޑިއެފްއަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

comment ކޮމެންޓް