ގައިޑްލައިނާ ޚިލާފުވާ ތަންތަން 24 ގަޑިއިރަށް ބަންދު ކުރަނީ

މާލޭގެ މަޝްހޫރު ކެފޭއެއްގެ އެތެރެ -- ސަން ފައިލް ފޮޓޯ

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވާ އާންމު ޚިދުމަތްދޭ ތަންތަން 24 ގަޑިއިރަށް ބަންދު ކުރަން ނިންމައިފި އެވެ.

ގައިޑްލައިނާ ޚިލާފުވާ އާންމު ޚިދުމަތްދޭ ތަންތަނަ މެދު މިހާތަނަށް އަމަލުކުރަމުން އައި އުސޫލަކީ ގައިޑްލައިނާ ޚިލާފުވާ ފުރަތަމަ ފަހަރު ވައިޓް ނޯޓިސް ދިނުމެވެ. އެއީ ނަސޭހަތްތެރިވުމުގެ ގޮތުން ދޭ ނޯޓިހެކެވެ.

ގައިޑްލައިނާ ޚިލާފުވާ ދެވަނަ ފަހަރު ދެނީ ރެޑް ނޯޓިހެކެވެ. އެއީ ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދިނުމުގެ ގޮތުން ދޭ ނޯޓިހެކެވެ. އެއަށްފަހު ޖޫރިމަނާ ކުރަނީއެވެ. ނަމަވެސް މިހާރު ޖޫރިމަނާ ކުރުމުގެ އުސޫލު ވަނީ ބަދަލުކޮށްފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ މިހާރު ތިންވަނަ މަރުހަލާގައި ޖޫރިމަނާ ކުރުމުގެ ބަދަލުގައި ގައިޑްލައިނާ ޚިލާފަށް މަސައްކަތް ކުރާ ތަންތަން 24 ގަޑިއިރަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

"އެހެންވީމަ ކުރިއަށްއޮތްތަނުގައި އިންސްޕެކްޝަންތަކުގައި ގައިޑްލައިނާ އެއްގޮތަށް ނެތްކަމުގައި ވަނީނަމަ ފުރަތަމަ ވައިޓް ނޯޓިސް. ހަމައެހެންމެ ދެވަނަ ފަހަރަށް ރެޑް ނޯޓިސް. އެއަށްފަހު 24 ގަޑިއިރަށް ތަންތަން ބަންދު ކުރެވޭނެ ގައިޑްލައިނާ އެއްގޮތަށް ނެތް ކަމުގައިވާނަމަ،" އަހްމަދު ނާސިރު ވިދާޅުވި އެވެ.

ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުގައި މާސްކު ނާޅައި ތިބޭކަން މިދިޔަ ހަފްތާގައި ކުރިއަށްގެންދިޔަ އިންސްޕެކްޝަންތަކުން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މާސްކު ނާޅައި ތިބޭ މީހުން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާސްކު ނާޅައިގެން ތަން ބަންދެން ނުކުރާނެ. އޭގެބަދަލުގައި އެފަދަ ތަންތަން 24 ގަޑިއިރަށް ބަންދުން ބަންދު ކުރާނީ،" އަހްމަދު ނާސިރު ވިދާޅުވި އެވެ.

comment ކޮމެންޓް