އިދިކޮޅުންވެސް ވޯޓު ދޭނީ މަލީހު މަގާމުން ވަކިކުރަން

މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެމްބަރުންވެސް ވޯޓު ދެނީ މިނިސްޓަރު މަލީހް ވަކިކުރަން ކަމަށް އެ ކޯލިޝަންގެ ޕާލިންޓްރީ ގްރޫޕުން ނިންމައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޕީޖީގެ މިރޭގެ ބައްދަލުވުމުގައި ނިންމާފައި ވަނީ، އެ މައްސަލައިގައި މަލީހު ވަކިކުރުމަށް ތްރީލައިން ވިޕެއް ނެެރުމަށެވެ. އެކަން އިދިކޮޅު ޕީޖީ މެމްބަރަކު "ސަން"އަށް ކަށަވަރުކޮށްދެއެވެެ.

ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން"އާ ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރަކު ވިދާޅުވީ، މަލީހު ވަކިކުރުމަށް ތްރީލައިން ވިޕެއް ނެރުނު ނަމަވެސް އިދިކޮޅުން ވޯޓުގައި ބައިވެރިވާނީ "ވޯޓު ކުރިއަށްދާ ގޮތަށް ބެލުމަށްފަހު" ކަމަށެވެ.

"އަޅުގަނޑުމެންގެ ވޯޓާ ނުލާ މަލީހު މަގާމުން ވަކިކުރެވޭނަމަ، ވޯޓުގައި ބައިވެރި ނުވާނަން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ވޯޓާއެކު މަލީހް ވަކިކުރެވޭ ގޮތަށް ހާލަތު އޮތިއްޔާ، ވޯޓު ދެނީ މަލީހް ވަކިކުރަން،" އެ މެމްބަރު ވިދާޅުވި އެވެ.

މަޖިލީހުގައި ޕީޕީއެމް ޕީއެންސީ ތަމްސީލު ކުރާ ނުވަ މެމްބަރުން ހިމެނެ އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގުރުޕޫގެ ލީޑަރު، އަލީ އާޒިމް 14 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި އެ މައްސަލައިގައި، އެޕާޓީންވެސް މިއަދު ވަނީ، މަލީހު ވަކިކުރުމަށް ތްރީލައިން ވިޕެއް ނެރުމަށް ނިންމާފައެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 65 އެވެ. އެހެން ކަމުން އެމްޑީޕީއަށް ވަޒީރަކުން މަގާމުން ދުރުކުރުމަށް ފަސޭހަ ވާނެ އެވެ.

އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުގެ ނިންމުމާއެކު، މަލީހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ޚުދުމުހުތާރު ވެފައިވާ ކަމަށާއި ގާނޫނު އަސާސީ ތަރިކަ މުދަލަށް ހަދައިފި ކަމަށެވެ. އޭނާ ވަނީ އިހްތިރާމް ކުރުމުގެ ގޮތުން މާދަމާގެ ޖަލްސާއަށް ހާޒިރުވުމަށް ނިންމާފައެވެ.

comment ކޮމެންޓް