ކަސްޓަމްސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި

ކޮވިޑް19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް، މޯލްޑިވްސް ކަސްޓަމްސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، ސަރުކާރުން ފަށާފައުވާ "ކޯވިޑް-19 ދިފާއު" ކެމްޕޭނުގެ ދަށުން މިހާތަނަށް އެ މުއައްސަސާގެ 74 ޕަސަންްޓް މުވައްޒަފުން "ކޮވިޝީލްޑް" ވެކްސިން ޖަހާފައިވާ ކަމަށެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނާއި މާލެ އަދި ހުޅުމާލެ ކަސްޓަމްސް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން، އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ރީޖަނަލް ކަސްޓަމްސް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ހިމެނޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ، އިތުރު މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް އެއްލަކަ އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެ ތެރެއިން މާލެ ސިޓީން 72،872 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އަތޮޅުތަކުން ވެކްސިން ޖަހާފައިވަނީ 32،620 މީހުންނެވެ.

comment ކޮމެންޓް