ހޮންކޮންގްއިން އަމަނާ ބެހޭ ގާނޫނުގެ ދަށުން 47 މީހެއްގެ މައްޗަށް ދައުވާކޮށްފި

ހޮންކޮންގްއިން އަމަނާ ބެހޭ ގާނޫނުގެ ދަށުން ދައުވާ ކުރި މީހުންގެ ތެރޭގައި 2019 ވަނަ އަހަރު ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ބައިވެރިވި މީހުން ހިމެނޭ -- ފޮޓޯ: ރޮއިޓާސް

ހޮންކޮޮންގް (ފެބްރުއަރީ 28): ހޮންކޮންގްއިން އަމަނާ ބެހޭ ގާނޫނުގެ ދަށުން 47 މީހަކަށް ދައުވާކޮށްފި ކަމަށް އެ ސަރަހައްދުގެ ފުލުހުން މިއަދު ބުނެފި އެވެ.

ހޮންކޮންގްއިން 'ދައުލަތާ ދެކޮޅަށް މަސައްކަތް ކުރުމުގެ' ދައުވާ ކުރީ މިދިޔަ މަހުގެ ހަތެއްގައި އެ ސިޓީން ހައްޔަރު ކުރި 55 އެކްޓިވިސްޓުންނާއި އިދިކޮޅު ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނޭ ބަޔަކަށެވެ. އޭގެ ތެރެއިން ގިނަ މީހުން ފަހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.

އެއީ ހޮންކޮންގްއިން އަމަނާ ބެހޭ ގާނޫނުގެ ދަށުން ގިނަ ބަޔަކަށް އެއްފަހަރާ ދައުވާ ކުރި ފުރަތަމަ ފަހަަރެވެ.

ހޮންކޮންގްގެ ފުލުހުން ބުނި ގޮތުގައި އެ ދައުވާ ލިބޭ މީހުންނަކީ އެ ސަރަހައްދުގެ ލެޖިސްލޭޓިވް ކައުންސިލް އިންތިހާބުގައި ވާދަ ކުރާނެ ޑިމޮކްރެޓިކް ކެންޑިޑޭޓުން ހޮވުމަށް، މިދިޔަ ޖޫން މަހު ނުރަސްމީ ޕްރައިމަރީއެއް ބޭއްވުމުގައި ބައިވެރިވި މީހުންނެވެ. އަދި އެ މީހުން މާދަމާ ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ހައްޔަރު ކުރުމަށްޓަކައި ފުލުސް ސްޓޭޝަންތަކަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.

ހޮންކޮންގްގެ ލެޖިސްލޭޓިވް ކައުންސިލް އިންތިހާބު ބާއްވަން މީގެ ކުރިން ހަމަޖައްސާފައި އޮތީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހެއްގައި ކަމަށްވީ ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އެ ސިޓީގެ ސަރުކާރުން ވަނީ އެއް އަހަރަށް އެ އިންތިހާބު ފަސްކޮށްފަ އެވެ. އަދި އިދިކޮޅުން ޕްރައިމަރީއެއް ބޭއްވުމަކީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން ކަމުގައި ޗައިނާ އާއި ހޮންކޮންގްގެ އޮފިޝަލުން ވަނީ ސިފަކޮށްފަ އެވެ.

ޗައިނާއިން މިދިޔަ އަހަރު ފާސް ކުރި އަމަނާ ބެހޭ ގާނޫނުގެ ދަށުން ހޮންކޮންގްގައި މިހާތަނަށް 100އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރާ އިރު މިފަހަރު ދައުވާ ކުރި މީހުންގެ ތެރޭގައި އެ ސަރަހައްދުގެ އެންމެ މަޝްހޫރު ޑިމޮކްރަސީ އެކްޓިވިސްޓުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 64 އަހަރާ ދެމެދުގެ 39 ފިރިހެނުންނާއި އަށް އަންހެނުންނެވެ.

ހޮންކޮންގްގައި ސަރުކާރާ ދެކޮޅަށް 2019 ވަނަ އަހަރު ބޭއްވި މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސް ދައުރެއް އަދާ ކުރި އަދި މިހާރު އަމަނާ ބެހޭ ގާނޫނުގެ ދަށުން ދައުވާކޮށްފައިވާ ޖިމީ ޝަމް ވަނީ ޑިމޮކްރަސީއަކީ ގިނަ ބަޔަކު މަސައްކަތްކޮށްގެން ހޯދަން ޖެހޭ އެއްޗެއް ކަމަށާއި އަދިވެސް އެމަސައްކަތް ކުރިއަށްގެންދާނެ ކަމަށް ބުނެފަ އެވެ.

ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނުގައި ވަނީ ޗައިނާއިން ހޮންކޮންގް ވަކި ކުރުމާއި މައި ސަރުކާރުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމާއި ބޭރުގެ ބާރުތަކާއެކު ސިއްރިއްޔާތުގައި މަސައްކަތް ކުރުމާއިި ޓެރަރިޒަމްގެ އަމަލުތައް މަނާކޮށްފަ އެވެ. އަދި އެ ގާނޫނާ ހިލާފުވާ މީހުން އިންތިހާބުތަކުގައި ވާދަކުރުން މަނާކޮށް، އުމުރަށް ޖަލަށް ލެވިދާނެ އެވެ.

ހޮންކޮންގްގެ ގިނަ އަދަދެއްގެ މީހުން ވަނީ އާ ގާނޫނުގެ ސަބަބުން އެ ސަރަހައްދުގެ މިނިވަންކަން ގެއްލިގެންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިނގިރޭސިވިލާތުން ހޮންކޮންގް ޗައިނާއާ ހަވާލު ކުރީ 2047އާ ޖެހެންދެން އެ ސަރަހައްދުގައި 'އެއް ގައުމެއް، ދެ ނިޒާމެއް'ގެ އުސޫލު ގެންގުޅުމަށް އެއްބަސްވުމެއްގައި ސޮއި ކުރުވުމަށް ފަހުގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ޗައިނާގެ އެހެން ސަރަހަައްދުތަކަށް ނުލިބޭ މިނިވަންކަމެއް ހޮންކޮންގަށް ލިބެ އެވެ. އޭގެ ތެރޭގައި އެއްވެ އުޅުމުގެ މިނިވަން ކަމާއި އަމިއްލަ ޖުޑިޝަރީއެއް އޮތުން ހިމެނެ އެވެ.

ނަމަވެސް ޗައިނާއިން އަމަނާ ބެހޭ ގާނޫނު ފާސްކޮށްފައި ވަނީ އެ އެއްބަސްވުމާ ހިލާފަށް ކަމަށް އިނގިރޭސިވިލާތާއި އެމެރިކާއިން ބުނެ އެވެ.

comment ކޮމެންޓް