ލަހުން ހުށަހެޅުމުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ ހައިކޯޓުން ބަލައިނުގަތް

ކުރީގެ މިނިސްޓަރު އަލީ ވަހީދު -- ފޮޓޯ: ޓޫރިޒަމް

ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުގައި ގިނަ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރަން ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައިކޯޓުގެ ރެޖިސްޓްރާ ނިންމައިފި އެވެ.

އެ އަމުރު އިސްތިއުނާފު ކުރިކަން ޕީޖީ އޮފީހުން ހުށަހެޅީ ފެބުރުއަރީ މެދު ތެރޭގަ އެވެ.

ހައިކޯޓުން ބުނީ އެ މައްސަލަ ބަލައިނުގަންނަން ނިންމީ އިސްތިއުނާފު ކުރުމަށް އޮންނަ 48 ގަޑިއިރަށްވުރެ ފަހުން ޕީޖީ އޮފީހުން މައްސަލަ ހުށަހަޅާފައި ވާތީ ކަމަށެވެ.

ނަމަވެސް ރަޖިސްޓްރާގެ ނިންމުން އިސްތިއުނާފުކުރަން ދައުލަތަށް ހަތް ދުވަސް ލިބޭނެ އެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރަކާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމުން އޭނާ ވަނީ އިނގިރޭސި ވިލާތަށް ފުރައިގެން ގޮސްފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ.

އަލީ ވަހީދު ޕާސްޕޯޓު ހިފެހެއްޓި އަމުރު ބާތިލު ކުރީ ހަތަރު މަސްދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި އޭނާ ރާއްޖެ ނައިސްފި ނަމަ ޒިންމާ ނަގާނެ ފަރާތެއްގެ ގޮތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ވަނީ ހަމަޖައްސައިފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ އެވެ.

އަލީ ވަހީދު ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

އަލީ ވަހީދު މަގާމުން ވަކި ކުރީވެސް ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.

comment ކޮމެންޓް