މުލީ އެއާޕޯޓު އެއް އަހަރު ތެރޭ އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

މ. މުލީ އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކުރުން-- ސަން ފޮޓޯ/ފަޔާޒު މޫސާ

މ. މުލީ އެއާޕޯޓު ޑިޒައިންކޮށް، އެއް އަހަރު ތެރޭ އަޅާ ނިންމަން ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެ މަޝްރޫއުއާ ގުޅޭ ގޮތުން ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަސްލަމް ވިދާޅުވީ ދަތުރުފަތުރުގެ ގޮތުން ބަލާ އިރު މ. އަތޮޅަކީ ރާއްޖޭގައި އެންމެ އެކަހެރިކޮށް އޮތް އަތޮޅު ކަމަށެވެ.

ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރަށެއް ވެސް ކަނޑުމަގުން އެ ރަށަކަށް ދަތުރުކޮށްފައި ދިއުމަށް ބައިގަޑިއިރަށް ވުރެ އިތުރު ނުވާ ގޮތަށް އެއާޕޯޓް އިންފްރާސްޓްރަކްޗާ ގާއިމުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިތުރު ހަތަރު ރަށެއްގެ [އެއާޕޯޓު] މަސައްކަތް ކުރަން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަން ވާނީ އިއުލާން ކޮށްފައި... އުންމީދު ވަރަށް ބޮޑު، އެ ހަތަރު ރަށުގެ މަސައްކަތް ވެސް ކޮންޓްރެކްޓަކާ ހަމައަށް ދާދި އަވަހަށް ދެވޭނެ. އަދި އޭގެ އިތުރަށް އިއުލާން ނުކޮށް އޮތް އެއާޕޯޓެއް އެބައޮތް، އޭރުން ވައިގެމަގުން ދަތުރުކުރަން ބޭނުންވާ އިންފްރާސްޓްރަކްޗާ މިދެންނެވި ސިޔާސަތާ އެއްގޮތަށް ތަންފީޒުކޮށް ނިމޭނެ." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަސްލަމް-- ސަން ފޮޓޯ/ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވި އެއާޕޯޓު އަޅަން ސަރުކާރުން ރާވާފައިވާ އިތުރު ހަތަރު ރަށަކީ ބ. ތުޅާދޫ، ށ. ބިލަތްފަހި، ތ. ވިލިފުށި އަދި ހދ. މަކުނުދޫ އެވެ.

މުލީ އެއާޕޯޓު އެއް އަހަރު ތެރޭ އަޅައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިރު، އެ މަޝްރޫއުގެ އަގަކީ 221 މިލިއަން ރުފިޔާ އެވެ.

އެ އެއާޕޯޓުގެ އިތުރުން އެމްޓީސީސީ އިން އިތުރު އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވެސް އެބަ ކުރިއަށްގެންދެ އެވެ.

comment ކޮމެންޓް