ވޭމަންޑޫގައި އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: ފެނަކަ

ވޭމަންޑޫ --- ފޮޓޯ: އަރުޝަދު

ތ. ވޭމަންޑޫގައި އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

މިމަހުގެ 24 ވަނަ ދުވަހު މެންދުރު ވޭމަންޑޫ އިންޖީނުގޭގައި އަލިފާންރޯވެ އަނދާ ހުލިވެފައިވާ އިރު އެ ރަށަށް ކަރަންޓޫ ފޯރުކޮށްދެވުނީ އޭގެ އެއްދުވަސް ފަހުންނެވެ.

ވޭމަންޑޫ އިންޖީނުގޭގައި ހިނގައި ދިޔަ ހާދިސާއާ ގުޅޭ ގޮތުން ފެނަކަ އިން ނެރުނު ނޫސްބަޔާނުގައި ބުނީ ކުރިއަށް އޮތްތަނުގައި އެފަދަ ހާދިސާތައް މެދުވެރިވިޔަ ނުދިނުމަށް އަދި އެފަދަ ހާދިސާއެއް ދިމާވެއްޖެ ނަމަ ލިބޭ ގެއްލުން ކުޑަކުުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ފެނަކަ އިން ބުނީ އިންޖީނުގޭގައި އަލިފާން ރޯވި ހާދިސާ އާއި ގުޅިގެން އެ ކަމުން އަރައިގަތުމަށް ވޭމަންޑޫ ރައްޔިތުންގެ ފަރާތުން ފެނުނީ ނަމޫނާ ބަދަހި ގުޅުމެއް ކަމަށާއި އެ ރަށުން ދެއްކި އެކުވެރިކަމާއި އެއްބައިވަންތަކަން ފާހަގަ ކުރާ ކަމަށެވެ.

އަދި އެ ހާދިސާ އާ ގުޅިގެން ރައްޔިތުންނަށް ވީހާ ވެސް އަވަހަށް ކަރަންޓު ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވި ކަމަށާއި ހާދިސާ ހިނގި ވަގުތުން ފެށިގެން އެންވަރަމެންޓް މިނިސްޓަރު ޑރ. ހުސައިްނ ރަޝީދު ކުރެއްވި މަސައްކަތް ވެސް ފެނަކަ އިން ވަނީ ފާހަގަކޮށްފަ އެވެ.

އާބާދީީގައި 1،100 އަށްވުރެ ގިނަ މީހުން އުޅޭ ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އިންޖީނުގޭގައި ބޭނުންކުރަމުންދިޔަ ތިން ޖަނަރޭޓު ސެޓުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.

އެ ރަށަށް ކަރަންޓުދީފައި ވަނީ ތ. ގުރައިދޫ އިން 360 ކިލޯ ވޯޓްގެ ޖެނެރޭޓަރު ސެޓެއް ގެންގޮސްގެންނެވެ.

comment ކޮމެންޓް