ހުދުމުހުތާރު ފެކްޝަނަކުން ބޭއިންސާފުން ދޭން އުޅޭ އަދަބު ބޭޒާރުވާނެ: މަލީހު

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

މަގާމުން ވަކި ކުރަން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނަކުން ދޮގު އިލްޒާމެއް އަޅުވައިގެން ކަމަށާއި ވަރަށް އަވަހަށް އެކަން ބޭޒާރުވާނެ ކަމަށް ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މަލީހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރު ވެފައިވާ ކަމަށާއި ގާނޫނު އަސާސީ ތަރިކަ މުދަލަށް ހަދައިފި ކަމަށެވެ.

"އަސާސެއް ނެތް ކަމެއްގައި، ދޮގު އިލްޒާމެއް އަޅުވާ ބޭއިންސާފުން ދޭން އުޅޭ އަދަބު ބޭޒާރުވާނެ. ބޭއިންސާފުގެ މައްޗަށް އިންސާފު އަބަދު ވެސް ކުރި ހޯދާނެ. ލިވޭ ބާރަކީ ފާޑެއްގެ އެއްޗެއް،" މަލީހު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އިސްކޮށް ހުންނަވާ ހުށަހެޅުއްވި އެ މައްސަލާގައި މަލީހަށް ގާނޫނީ ގޮތުން ދޭން ޖެހޭ ނޯޓިސް މަޖިލީހުން ފޮނުވީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި މަލީހު ވަކިކުރަން އެމްޑީޕީން ހުށަހެޅި އިރު، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ބުނެ އެމްޑީޕީގެ މަޖިލިސް މެމްބަރުން އަންނަނީ އަބަދު ވެސް އޭނާއަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އިންޓަނެޓް އަގުހެޔޮ ނުވުމާއި އިންޓަނެޓުގެ ސްޕީޑް ލަސްވުމަކީ މަލީހު ޒިންމާ އަދާނުކުރާތީ ކަމަށް ބުނެ މެމްބަރުން ފާޑުވިދާޅުވެ އެވެ.

މަޖިލިސް ގަވައިދުގެ 207 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގައި ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރިވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެ އެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ވޯޓުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް މަޖިލިސް ގަވައިދުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް