މަހަކަށްފަހު ޓީމުތަކުން ޕްރެކްޓިހަށް ނުކުމެއްޖެ

އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކުލަބުތަކުން ޕްރެކްޓިސް ފެށުން: ޓީސީން މިއަދު ބޭއްވި ޕްރެކްޓިސް ސެޝަން --- ފޮޓޯ/އެފްއޭއެމް

ކޮވިޑްގެ ތިންވަނަ ރާޅާ އެކު މެދުކަނޑާލާފައި އޮތް ދިވެހި ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުގެ ފަރިތަކުރުންތައް އެޗްޕީއޭގެ އައު ގައިޑްލައިންތަކަށް ފައްތައިގެން މިއަދު ފަށައިފި އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަލުން އިތުރުވާން ފެށުމާ ގުޅިގެން އެޗްޕީއޭއިން އޭރު ނެރުނު ގައިޑްލައިންތަކާއެކު ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދަން ހުއްދަ ނުލިބުމުން ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަން އެފްއޭއެމުން ހާމަކުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ. ލީގުގެ ދެވަނަ ބުރުގެ ދެވަނަ މެޗު ވީކުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު މެދުކަނޑާލުމާ ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ސަރުކާރަށާއި، އެޗްޕީއޭއަށް ހުށައަޅައިފަ އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކުލަބުތަކުން ޕްރެކްޓިސް ފެށުން: ގްރީންސްޓްރީޓުން މިއަދު ބޭއްވި ޕްރެކްޓިސް ސެޝަން --- ފޮޓޯ/އެފްއޭއެމް

އެއާ އެކު އެފްއޭއެމްއާއި ސަރުކާރުގެ ކަމާ ބެހޭ މުވައްސަސާތަކާ އެކު ގިނަ މަޝްވަރާތަކެއްކޮށްގެން އަލުން ޕްރެކްޓިސްތައް ފެށުމުގެ ހުއްދަ ދީފައިވާ އިރު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފޮނުއްވި ސިޓީގައިވާ ގޮތުން އެފްއޭއެމާއި އެޗްޕީއޭ މަޝްވަރާކޮށްގެން ތައްޔާރުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޕްރެކްޓިސްތައް ކުރިއަށްގެންދިއުމަށް ހުރަހެއް ނެތެވެ.

އެކަމަކު މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލްކުރަން މި ވަގުތު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އަދި ދެ ހަފްތާ އަށް ފަރިތަކުރުންތައް މަޑުޖައްސާލުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ. އެހެން ނަމަވެސް ޕްރެކްޓިސްތައް ނުފެށި ވަމުންދާ ދުވަސްތަކުގެ ސަބަބުން ކުޅުންތެރިންގެ ފިޓްނަސްއަށް ބޮޑެތި އަސަރުތަކެއްކޮށް އަލުން ލީގު ފެށުމަށް ގިނަ ހުރަސްތަކެއް ހުރުމުން މިއަދު ވަނީ ކުލަބުތަކުން ޕްރެކްޓިހަށް ނުކުންނަން ފަށައިފަ އެވެ.

އެގޮތުން އާ ގައިޑްލައިންގެ ދަށުން މިއަދު ހެނދުނު ޕްރެކްޓިސް ފެށިއިރު، އެންމެ ފުރަތަމަ ފަރިތަކުރުންތައް ބޭއްވީ ޓީސީ ސްޕޯޓްސް ކްލަބާއި ގްރީންސްޓްރީޓްސްއެވެ.

ކުރީފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ޕްރެކްޓިސްތައް ފަށަން އެޗްޕީއޭއިން ހުއްދަ ދިނީ ސީޒަން ފެށިއިރު ކޮންމެ ކްލަބަކުން ތަމްރީން ކުރި ހައިޖީން އޮފިސަރަކަށް ކުލަބުތަކުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިއުމުގެ ބާރު ދީގެންނެވެ. އެ ގޮތުން ގައިޑްލައިނާ އެއްގޮތަށް ހުރިހާ ކަމެއް ކްލަބްތަކުން ކުރޭތޯ ބަލައި އެކަން ހަމަޖައްސަން ޖެހޭނީ ހައިޖީން އޮފިސަރެވެ.

އެޗްޕީއޭއިން ކުލަބުތަކަށް ޕްރެކްޓިސް ކުރުމުގެ ފުރުސަރު ދިނުމުގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ހަމަކޮށްފަ އެވެ.

comment ކޮމެންޓް