ކެމްޕޭނަށް ހަމަހަމަ ފުރުސަތު ދިނުމަށް އީސީން އެދިއްޖެ

ޖެނުއަރި 26، 2021: ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާނެ ދުވަސް އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިންކުރުމަށް ހަމަހަމަ ފުރުސަރު ހޯދައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ސިޓީއެއް ފޮނުވައިފި އެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ދެ އިންތިހާބާ ގުޅިގެން ގާއިމުކޮށްފައިވާ ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށައަޅާފައިވާ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ތަހުގީގެއް ކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ދަތުރުފަތުރު ކުރުމުގެ ހުއްދަ ދިނުމުގައި ތަފާތު ކުރުންތަކެއް ހުރިކަން ތަހުގީގަށް ފާހަގަ ކުރެވުނު ކަމަށެވެ.

އީސީން ބުނީ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ ދަށުން، އިންތިހާބަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގެ ހައްގު ލިބިދީފައިވީ ނަމަވެސް، އިންތިހާބަށް ތާއީދު ހޯދުމަށް ދަތުރުފަތުރު ކުރުމަށް ހުއްދަ ލިބުމުގައި އިދިކޮޅު ފަރާތްތަކަށް ދަތިތަކެއް ހުރިމަމަށް ފާހަގަ ކުރެވޭ ކަމަށެވެ.

ހަމައެއާ އެކު ސަރުކާރުގެ އިސްވެރިންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން، ރަސްމީ ދަތުރުތަކުގައި ރަށްރަށަށްގޮސް، އިންތިހާބަށް ކުރިމަތިލާފައިވާ ބައެއް ފަރާތްތަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރާކަން ފާހަގަވެފައިވާ ކަމަށް ވެސް ސިޓީގައިވެ އެވެ.

އެހެންކަމުން އިންތިހާބުގައި ވާދަކުރާ ހުރިހާ ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް ކެމްޕެއިން ކުރުމުގައި، ލޯކަލް އިންތިހާބުގެ ހާއްސަ ގާނޫނާ އެއްގޮތަށް ހާއްސަ އުސޫލެއް އެކުލަވާލުމަށާއި ހުރިހާ ކެންޑިޑޭޓުންނަށާއި ހުރިހާ ޕާޓީތަކަށް އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު އިންތިހާބު ބޭއްވުމަށްޓަކައި ހަމަހަމަ ފުރުސަތު ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެޗްޕީއޭގައި ވަނީ އެދިފަ އެވެ.

ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ތާރީހަކީ އެޕްރީލް 10 ވަނަ ދުވަހެވެ.

comment ކޮމެންޓް