ޑްރަގް މައްސަލަ: ޕެސްޓް އާއި އިތުރު މީހުންގެ ވަނަވަރު އާންމުކޮށްފި

ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 2.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އެ އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފަ އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ވެސް ހިމެނެ އެވެ.

މިއަދު ފުލުހުން ވަނީ މައްސަލައިގައި ހައްޔަރުކުރި އެންމެންގެ ފޮޓޯ އާއި ވަނަވަރު އާންމުކޮށްފަ އެވެ.

އެ މައްސަލަގައި ހައްޔަރުކޮށްފައި ވަނީ؛

1. އަހްމަދު ޝަމްއޫން، (30އ)، ލ. ގަން/ތުނޑި، ހަނދުވަރީހިޔާ.

2. އަހްމަދު ހުސާމް (26އ)، ލ. ގަން/ތުނޑި، ރޯޝަންހިޔާ.

3. އިސްމާއީލް އިފްހާމް މުހައްމަދު (26އ)، ޏ. ފުވައްމުލައް/ދިނގުވާނޑު، ނައި.

4. މުހައްމަދު ސުއައިދު (23އ)، ލ. ގަން/ތުނޑި، އަބަދަށްއުފާ.

5. އަބްދުﷲ ސާޖިއު ހަސަން (23އ)، މއ. މަލިކުރުވާގެ.

މައްސަލައިގައި ހައްޔަރު ކުރި އަހްމަދު ހުސާމް އަކީ ވެސް ސިމްބޮލިކް ރެކޯޑްސްގެ އާޓިސްޓެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ "ޖަހުލު"ގެ ނަމުންނެވެ.

ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފެބުރުއަރީ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ. އެ އެންމެން ވެސް ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.

އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް