ދިރާގު ސިއެމް: ސައިބާ ސެކިއުރިޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް

ދިރާގު

ނެޓްވޯކެއްގެ ތެރޭގައި ހިނގަމުންދާ ސަލާމަތަށް ބުރޫ އަރާ ފަދަ ހަރަކާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ދުރާލާ އެފަދަ ނުރައްކާތައް އަންގައިދީ އެކަމުން ސަލާމަތްވާނެ މަގު ފަހިކޮށްދޭ ހާއްސަ ހިދުމަތެއް ދިރާގުން ތައާރަފުކޮށްފި އެވެ.

ދިރާގު ސިއެމް (ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމެންޓް)ގެ ނަމުގައި ތައާރަފުކުރި އެ ނިޒާމުގައި ނެޓްވޯކެއްގެ އެކި ދިމަ ދިމާލުން ވަގުތުން އެ ނެޓްވޯކެއްގެ ސަލާމަތީ ކަންކަމާއި ކޮމްޕްލައިންސްއާ ގުޅުން ހުރި ޑޭޓާ ހޯދައި، ޖަމާކޮށް، އެއް ތަނަކުން ފެނި އަދި މޮނިޓާ ކުރެވޭނެ އެވެ.

ދިރާގުން ބުނީ އެ ސިސްޓަމްގެ އެހީގައި ހާއްސަކޮށް އިންޓަނެޓް ފަދަ ވިއުގަތަކާ ގުޅިފައިވާ ނެޓްވޯކްތަކަށް ދިމާވާ ސެކިއުރިޓީ މައްސަލަތައް އަވަހަށް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރުމާއި އަދި ސެކިއުރިޓީގެ ބެސްޓް ޕްރެކްޓިސްތަކަށް ނެޓްވޯކް ފެއްތުމަށާއި ރިޕޯޓްތައް ތައްޔާރުކުރުމަށް ސައިބާ ސެކުއިރިޓީ ޓީމްތަކަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

ދިރާގު ސިއެމްއިން ލިބިދޭ ފައިދާތަކުގެ ތެރޭގައި

  • ނެޓްވޯކްއާ ބެހޭ މުހިންމު މައުލޫމާތުތައް ލައިވްކޮށް އެއް ޑޭޝްބޯޑަކުން ބެލުން
  • ނެޓްވޯކްގެ ތެރޭގައި ވަގުތުން ހިނގަމުންދާ ކަންކަމާއި ކުރިން ހިނގާފައިވާ ކަންކަން ބަލާލުން (އެވަގުތެއްގައި ނެޓްވޯކް ހުރި ހާލަތާއި ކުރިން ހުރި ހާލަތުވެސް ބަލައިލެވޭނެ)
  • ނެޓްވޯކްއާ ގުޅިފައިވާ ގުނަންތަކުގެ ކޮންފިގަރޭޝަން ތައްޔާރުކުރުމާއި އެ ނެޓްވޯކަށް އަންނަ ބަދަލުތައް އެކަމެއް ހިނގާ ވަގުތުގައި ދެނެގަތުން.
  • ދިރާގު ސިއެމް މެދުވެރިކޮށް ނެޓްވޯކްއާ ގުޅިފައި ހުރި އެއްވެސް ޑިވައިސްއެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް މޮނީޓާ ކުރުން
  • އޮޑިޓްތަކަށް ބޭނުންވާ ކޮމްޕްލައިންސް ރިޕޯޓު ތައްޔާރުކުރުން

ދިރާގުން ބުނީ އެކުންފުނީގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެގޮތުން އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ހައްލުތައް ތައާރަފުކޮށް، ޑިޖިޓަލް މި ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެ އެވެ.

ދިރާގު ސިއެމް ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުން އީމެއިލް ކުރަން ޖެހޭނީ [email protected] އަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް