މިސްކިތަށް ފިޔަވަޅު އެޅެންޖެހޭނީ އެންމެ ފަހުން، ޖަމާއަތް ހުއްޓާނުލެވޭނެ: ދީނީ އިލްމުވެރިން

ފެބްރުއަރީ 14، 2020: އަދާލަތު ޕާޓީގެ ފަރާތުން ބޭއްވި ދަރުހެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިސްކިތުގައި ނަމާދުގެ ޖަމާއަތް ހެދުން ހުއްޓާލަން ހުއްދަ ދެވޭނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ކަމަށް ދީނީ އިލްމުވެރިން އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް19ގެ ހާލަތު ގޯސްވެފައިވާތީ މިސްކިތުގެ ޖަމާއަތް ހެދުން މިވަގުތަށް މެދުކަނޑާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެދިފަ އެވެ.

އެކަމާ ގުޅިގެން ހުކުރު ދުވަހުގެ ރޭ އިސްލާމިކް މިނިސްޓްރީން ވަނީ އިލްމުވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުވާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވީ އެޗްޕީއޭއިން ހުށަހަޅަނީ މިސްކިތުގައި ޖަމާއަތް ހެދުން ހުއްޓާލަން ކަމަށެވެ.

"އިލްމުވެރިން ވިދާޅުވާ ވާހަކައަކީ މިސްކިތުގައި ޖަމާއަތް ހެދުން ހުއްޓާލީމަ ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ހެއްޔޭ. ކޮވިޑް ކޮންޓްރޯލް ކުރެވެން އޮތް ގޮތަކީ މިސްކިތުގެ ޖަމާއަތް ހުއްޓާލުން ހެއްޔޭ،" އިޔާޒް ވިދާޅުވި އެވެ.

މިސްކިތުގެ ޖަމާއަތް ހުއްޓާލުމުން މަގުތަކަށް ނުކުންނަ މީހުންނާއި ކެފޭ ރެސްޓޯރަންޓުތަކުގައި މާސްކް ނާޅާ ގައިދުރުކަމެއް ނެތި ތިބޭ މީހުން ހުއްޓުވޭނެތޯ އިޔާޒު ސުވާލު އުފެއްދެވިއެވެ. ހަމައެއާއެކު ފުޓުބޯޅަ ޓީމުތައް ޕްރެކްޓިސް ކުރުމަށް ހުއްދަ ދީފައިވާއިރު، ކުޅުންތެރިން ތިބެނީ ޕީޕީއީގައިތޯވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"އެހެންވީމަ އެކަންކަމުގައި އެއްވެސް ކަހަލަ ހަރުކަށި ކަމެއް ނެތިފަ ހަމައެކަނި މިސްކިތުގެ ޖަމާއަތް ހުއްޓާލީމާ ކޮވިޑް ކޮންޓްރޯލް ކުރެވެނީ ކިހާ މިންވަރަކަށްކަން ނޭނގި އަޅުގަނޑުމެންނަކަށް މިސްކިތުގެ ޖަމާއަތް ހުއްޓާލަން ހުއްދައެއް ނުދެވޭނެ،" އިޔާޒް ވިދާޅުވި އެވެ.

އިޔާޒް ވިދާޅުވީ މިސްކިތުގެ ޖަމާއަތާ ކުޅެވެން ޖެހޭނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

އަލުން ފުލް ލޮކްޑައުނަކަށް ދާން އިލްވެރިން ވެސް ބޭނުންނުވާ ކަމަށާއި ލޮކްޑައުނަކަށް ނުދިޔަ ނަމަވެސް މީހުން ނުކުމެ އުޅޭ އުޅުމާއި، އެއްވުންތައް ހުއްޓުވައިފި ނަމަ، މިސްކިތުގައި ޖަމާއަތް ހެދުން ހުއްޓާލާ ހިސާބަށް ދެވިދާނެ ކަމަށެވެ.

ނަމަވެސް މިސްކިތުގައި ވަނީ ގިނަވެގެން 10 މިނެޓު ކަމަށާއި ނަމާދަށް ތިބޭ މީހުން ފޭސް ޓު ފޭސް ކޮށް ދިމާނުވާނެ ކަމަށެވެ. ނަމަވެސް ރެސްޓޯރަންޓުތަކާއި ކުޅިވަރު ކުޅޭ ތަންތަނުގައި މާސްކް އެޅުމެއް، ގައިދުރުކަމެއް ނެތް އިރު ހަރުކަށި ފިޔަވަޅު ނާޅާތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މާލެ ސިޓީގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ހަތް ދުވަހުގެ މުއްދަތަކަށް ރޭގަނޑު އަށަކުން ފެށިގެން ކެފޭ ރެސްޓޯރަންޓުތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ.

އިޔާޒް ވިދާޅުވީ އަދިވެސް މުޅި ދުވަހު ރެސްޓޯރަންތަކުގައި ގައިދުރުކަމެއް ނެތި ތިބެވޭނެ ކަމަށެވެ. އެހެންކަމުން އެއީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަމައެކަނި މިސްކިތާ ދޭތެރޭ ފިޔަވަޅު އެޅުމުން ރައްޔިތުން ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"މީގެ ހަފްތާއެއް ކުރިން އެޗްޕީއޭ އިން ބައްދަލުކުރީމަ ވެސް އަޅުގަނޑުމެން ބުނިން މިސްކިތުގެ ކަންތައްތައް ވާން ޖެހޭނީ އެންމެ ފަހުން ފިޔަވަޅު އަޅާ ތަނަކަށޭ.... އަޅުގަނޑުމެންނަކަށް ހުއްދައެއް ނުދެވޭނެ،" އިޔާޒް ވިދާޅުވި އެވެ.

ކޮވިޑް އާ ގުޅިގެން މިދިޔަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލި އެވެ. އަލުން ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ދިނީ ޖުލައި މަހުން ފެށިގެންނެވެ.

comment ކޮމެންޓް