ޝިންޝިނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. އޭނާ އަދި މީގެ ކުރިން އެއްވެސް މީހަކަށް އޭނާގެ އަސްލު ސިފަ ދައްކާފައެއް ނުވެއެވެ. ޖައުފަރު ފިޔަވައެވެ.

ޝިންޝިނާ އޭނާގެ ހަޤީޤީ ސޫރަ ޒީޝާންއަށް ދައްކައިލިއެވެ.

އެ މަންޒަރު ފެނި ގަތް ބިރެއްގެ ސަބަބުން، ޒީޝާންގެ ފައިން ވަރުދޫވާހެން ހީވިއެވެ. އޭނާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ދެ ތުންފަތް ތުރުތުރުލަމުން ދިޔަ ޒީޝާންއަށް ހިންދިރުވައިލެވުނެވެ.

"ނޫން ނޫން..." ނޭވާ އަވަސްވެފައި ހުރި ޒީޝާން ދިޔައީ ހިނދެއް ހިނދަކަށް ފަހަތަށް ފިޔަވަޅެއް އަޅަމުންނެވެ. އޭނާ ދެ އަތް މުށްކަވައިލިއެވެ. ކުރިމަތިލާން ޖެހޭނީ ކޮންފަދަ ކަމަކާ ކަމެއް ނޭނގެއެވެ.

ޝިންޝިނާގެ ލޮލުގެ ކަޅި ހުރީ ހުދުކުލައިގައެވެ. ދިގު މޫނެއް ހުރިއިރު ބޮލާއި މޫނުމަތީގައި ބިހިތަކެއް ފާޑު އެއްޗެހިތަކެއް ނަގާފައި ހުއްޓެވެ. ބޮލުގައި ވެސް އިސްތަށި ހުރިހެނެއް ހިޔެއްނުވެއެވެ. އެ އެއްޗެހިތަކުން ފާޑެއްގެ ދިޔައެއް އޭރުވެސް ފައިބަމުން ދިޔައެވެ. މީގެ ކުރިން ދުވަހަކުވެސް އޭނާ އެފަދަ ހަޑި ސޫރައެއް ނުދެކެއެވެ. ބިރުވެރި ފިލްމުތަކުގައިވެސް އެފަދަ ސޫރައެއް ނުދައްކައެވެ. ދަތްތަށްވެސް ހުރީ ތޫނުކޮށެވެ. ތުންފަތް ވެސް ހުރީ ކަޅުކުލައިގައެވެ. އަތުގެ ނިޔަފަތިތައް ދިގުކޮށް ހުރިއިރު، ފައިގައި ހުރީ ކިތައް އިނގިލިކަން ލަފާކޮށްލާކަށް ނޭނގެއެވެ. ހުރިހާ އިނގިއްޔެއްވެސް ހީވާގޮތުން ހުރީ އެއްވެފައެވެ.

ޒީޝާން ބިރުން ތުރު އަޅައިގަތެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އެންމެ ފަހުން، އޭނާއަށް ދުއްވައިގަނެވުނީ ދަބަހާ ދިމާލަށެވެ. ފޯނުވެސް އޮތީ ދަބަސްތެރޭގައެވެ.

ކުއްލިއަކަށް އޭނާގެ ފައިގައި މީހަކު ހިފެއްޓި އިޙްސާސްއަކާއެކު، ޒީޝާން ބިންމައްޗަށް ވެއްޓުނެވެ. އަނގަވަތަށް ވެއްޓި ޖެހުނު ގޮތަކުން އޭނާގެ ތުންފަތް ވެސް ފަޅައިގެން ދިޔައެވެ. ކަކުލަށްވެސް ތަދުވިއެވެ. ބޮލަށް ވެސް އެނބުރުން އަރާ ގޮތްވިއެވެ. ޒީޝާން ތެދުވަން އުޅުނު ވަގުތު މީހަކު އޭނާގެ ފައިގައި ހިފާ ދަމައިގަތެވެ. އޭނާ ފަހަތް ބަލައިލިއެވެ. ޝިންޝިނާ ހުރީ ހުރިތާގައެވެ. މަޑު މަޑުން އޭނާ ޒީޝާން ދަމަމުން ދިޔައީ އޭނާގެ ގާތަށެވެ. ނުދާންވެގެން ޒީޝާން ގަދަހެދިއެވެ. އޭނާ ބިންމަތީގައި އަތް ޖައްސާ ބާރުކޮށްލިއެވެ. ވެލިގަނޑުގައި އަތް ޖައްސާ މުށްކަވައިލިއެވެ. އޭރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ.

"އާހް..." ރޮމުންރޮމުންދިޔަ ޒީޝާންގެ ހަޅޭކުގެ އަޑުން މުޅި އެ ހިސާބު ގުގުމާލާފައިވެއެވެ. އޭރު ތުންފަތުން ފައިބަމުން ދިޔަ ލޭތައް ވެސް އަނގަމަތީގައި ހޭކެމުން ދިޔައެވެ. މޫނުގެ އެތަން މިތަނުގައި ވަނީ ވެއްޔެވެ. ފަތްތަކު ތެރޭގައި އެގޮތް މިގޮތަށް ޒީޝާން ދަމަމުންދިޔަ ޝިންޝިނާގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. އޭނާ މިއަދު ޒީޝާންގެ ފުރާނަވެސް ރޮއިގަންނަވަރު ކޮށްލާނެއެވެ. އަރްޒަންއާ އޭނާއާ ދުރުވުމުގެ އަސްލަނީ ޒީޝާންއެވެ. ޒީޝާން އެ ދެމެދަށް ނައިނަމަ އެ ދެމީހުންގެ ދިރިއުޅުން ހާދަ އޮމާން ވީ ހެވެ. ހުރިހާ ވެސް ގޯހަކީ މި އިންސާނާއެވެ.

ޒީޝާންގެ ކަކުލުންވެސް ދިލަނަގަން ފެށިއެވެ. ހީވަނީ ބިންމަތީގައި ކޭތި ހަލާކުވީހެންނެވެ. މީހެއްގެ އެހީއަށް އެދި ޒީޝާން އާދޭސް ކުރަމުން ދިޔައެވެ. ހަޅޭއްލެވިއެވެ. އެކަމަކު އެ ފަޅު ހިސާބުގައި އޭނާގެ އަޑަށް އަންނާނީވެސް ކާކުހެއްޔެވެ؟ އޭނާ އަޔާންއަށް ވެސް ގޮވިއެވެ. ނުދާން ކިތަންމެ ވަރަކަށް ގަދަ ހެދިނަމަވެސް އޭނާ ދަމާފައި ގެންދަނީއެވެ. އެކަމުގެ ސަބަބުން ނިޔަފަތިތައް ދަށަށް ވެސް ވެލި ވަންނަ ގޮތްވިއެވެ. ކޮންމެވެސް ވަރަކަށް ނިޔަފަތިތައް ވެސް ހަލާކުވާގޮތް ވިއެވެ. އެތަނުގައި ހުރި ގަހެއްގައި ހިފައްޓާ ޒީޝާން އޭގައި ބައްދައިގަތެވެ. ނުދާންވެގެން ގަދަ ހެދިއެވެ. ރޮމުންނެވެ. އޭރު، އޭނާގެ ގައިގެ އެތަން މިތަނުގައި ވެސް ރިއްސަމުން ދިޔައެވެ. ކުއްލިއަކަށް ދަމައިގަތްލެއް ބާރުކަމުން އަތް ދޫވެ، އަނެއްކާވެސް އޭނާ ބިންމަތީގައި ޖެހުނެވެ.

ޝިންޝިނާ އެނބުރިލިއެވެ. ޒީޝާންއަށް ފުރަގަސްދިނެވެ. ޒީޝާން އެނބުރި ބަލައިލިއެވެ. އޭރު އޭނާއަށް ފުރަގަސް ދީގެން ހުރެ ޝިންޝިނާ ހިނގަމުން ދިޔައެވެ. ހީވާގޮތުން އޭނާ ޒީޝާން ކޮންމެވެސް ތަނަކަށް ގެންދަނީއެވެ.

އަޔާންއަށް ދެލޯ ހުޅުވައިލެވުނީ އެދިމާލުން ދިޔަ ކާޅުތަކެއްގެ ހަޅޭކުގެ އަޑާއެކުގައެވެ. އޭނާ ވޭނީ 'އާހް' އަކާއެކު ބޮލުގައި އަތް ޖައްސައިލިއެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ލޭ ހުއްޓެވެ. ގިނައިރުވުމުގެ ސަބަބުން ބޮޑުބައި ހުރީ ހިކިފައެވެ. ބޮލަށް ބަރުވެފައި ހުރި އަޔާން މަޑުމަޑުން ތެދުވެ ރުކުގައި ހިފައްޓައިލިއެވެ. އޭނާގެ ބޮލުގައި އޭރުވެސް ރިއްސަމުން ދިޔައެވެ. އެނބުރުން އަރާގޮތްވެ ކުޑައިރުކޮޅަކަށް އަޔާންއަށް ލޯ މަރައިލަން މަޖުބޫރުވިއެވެ.

ކަންތައް ވެގެންދިޔަ ގޮތް އޭނާގެ ހަނދާނަށް އައީވެސް އިރުކޮޅެއް ފަހުންނެވެ.

"ޒީ...." ކުއްލިއަކަށް ޒީޝާން މަތިން ހަނދާންވެ، އަޔާންއަށް ވަށައިގެން ބަލައިލެވުނެވެެ. އޭނާގެ ލޮލުގައި ކުންނާރު ގަސްކަައިރީގައި އޮތް ދަބަސް އަޅައިގަތެވެ. ދެފަހަރަކު އަޔާން ޒީޝާންއަށް ގޮވައިލި ނަމަވެސް، ހަބަރެއް ނުވިއެވެ. އޭނާ އެތަނުގައި އޮތް ދަނޑި ގަނޑު ނަގާ ކުންނާރުގަހުން ގޮފިގަނޑުގައި ދެތިން ހަތަރު ފަހަރު ޖެހިއެވެ. އެއާއެކު އޮފިގަނޑު ވެއްޓުނެވެ. ފަތްތައް ބިނދެ އޭނާ ދަބަހަށް އަޅައިލިއެވެ. އަތް މަތި އަވަސް އަވަސްކޮށްލި އަޔާން ޒީޝާން ހޯދަން އަވަސްވެގަތެވެ. އޭނާ ޒީޝާންގެ ނަމުން ގޮވަމުން ކުރިއަށް ހިނގަމުން ދިޔައެވެ. ޒީޝާން އަނެއްކާ ދިޔައީ ހެއްޔެވެ؟ ނޫނީ އޭނާއަށް ދިމާވި ފަދަ ކަމެއް ޒީޝާންއަށް ދިމާވީ ހެއްޔެވެ ފިރާޤުބެއަށް ގުޅަންވީއެވެ. ހަދަންވީ ގޮތް އޭރުން ކިޔައިދޭނެތާއެވެ. އޭނާ ޖީބުގައި އޮތް ފޯނު ނަގާ ބަލައިލިއިރު ފޯނު އޮތީ ނިވިފައެވެ. އޭރު ޒީޝާންގެ ފޯނު އެ ދަބަހުގެ ކުޑަ ވަތްގަނޑު ތެރޭގައި އޮތްކަމެއް އަޔާންއަކަށް ނޭނގެއެވެ.

އެހެން ހިނގަމުން ދަނިކޮށް، ވަކި ހިސާބަކުން އޭނާގެ ކަންފަތުގައި މީހަކުގެ ހަޅޭކުގެ އަޑު ޖެހުމާއެކު އަޔާން އެ އަޑަށް ސަމާލުކަން ދިނެވެ. ހަމަހިމޭން އެ މާހައުލުން އެ އަޑު އަންނަ ދިމާ ފާހަގަ ކުރަމުން އަޔާން ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. އޭރުވެސް އޭނާގެ ހިތްދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ.

މެންދުރުގެ އެންމެ އަވި ގަދަ ވަގުތު އިރުގެހޫނުން ބިންގަނޑު ދޮން ކުރަމުން ދިޔަ ނަމަވެސް، އެ ހިސާބުގައި ހިޔާދޭ ބޮޑެތި ގަސްތައް ހެދިފައި ހުރުމުން އަވަށު ތެރެހާ ހޫނެއް ނޫނެވެ. އެހެންނަމަވެސް، އަޔާން ހުރީ ދާހިތްލާ ފޯވެފައެވެ. މީހާ ހުރީ ވަރުބަލިވެފައެވެ. ހަމަ އެއާއެކު ބިރުވެސް ގަނެފައެވެ. އެ އަޑަށް ސަމާލުކަން ދީގެން އިރުކޮޅަކު ހުރުމަށްފަހު، އަޔާން އަތުގައި އޮތް ދަބަހަށް ބާރުކޮށްލަމުން އެ ދިމާލަށް ދުއްވައިގަތެވެ.

ޒީޝާން މަތަވީ ޕަރީ ފެންގަނޑޭ ކިޔާ ފެންގަނޑާ ހިސާބުންނެވެ. އޭނާ ފަހަތް ބަލަލިއިރު ދުރުގައި ޝިންޝިނާ އޭނާއަށް ބަލަހައްޓައިގެން ހުރި ތަން ފެނުނެވެ. ފެންގަނޑާ ދިމާލަށް ވާގޮތަށް ބޯ ކޮޅު އޮތް އިރު ޒީޝާން އޮތީ ބަންޑުންނެވެ.

މަޑުމަޑުން އޭނާގެ ބޮލުގައި ހިފާފައި މީހަކު އޭނާގެ ބޯ ފެންގަނޑުގެ ތެރެއަށް ލުމަށް މަސައްކަތް ކުރާހެން ޒީޝާންއަށް ހީވިއެވެ. އޭނާއަށް ހިންދިރުވައިލެވުނެވެ. ފެންގަނޑުގެ ތެރެއަށް ބޯ ތިރިވަމުންދިޔަ ވަގުތު ޒީޝާން ގަދަހަދަން މަސައްކަތް ކުރިއެވެ. ޝިންޝިނާ މިފަހަރު ހުރީ އޭނާގެ ސިފަޖެހިގެންނެވެ. ނުފެންނަ އަތަކުން ދިޔައީ ޒީޝާންގެ ބޯ ފެންގަނޑު ތެރެއަށް ކޮށްޕައިލަން މަސައްކަތް ކުރަނީއެވެ. ޒީޝާން ގަދަ ހަދަމުން ދިޔައެވެ. ރޮމުން ހަޅޭއްލެވިއެވެ. އާދޭސް ކުރިއެވެ. އޭނާއަށް އެހެން ނުހެދުމަށް ބުނަމުންދިޔައެވެ.

ޝިންޝިނާގެ މޫނުމަތިން ފެންނަނީ ބަދަލުހިފުމުގެ ރޫހެވެ.

"ނޫން ނޫން.... އަހަންނަށް ތިހެން ނަހަދާ... މީހެކޭ... މީހެކޭ... އަހަރެން ސަލާމަތް... ކުރޭ... މީހެކޭ"

އޭނާގެ ބޯ ފެންގަނޑު ތެރެއަށް ކޮށްޕައިލީ ކުއްލިއަަކަށެވެ. އެއާއެކު ނޭވާ ނުލެވި ޒީޝާން ތެޅެން ފެށިއެވެ. އަތް ހޫރަން ފެށިއެވެ.

"ކަލޭ މަރުވާން ޖެހޭނީ ވެސް ވޭނީ މަރަކުން..." ޝިންޝިނާގެ އަޑު ޒީޝާންގެ ކަންފަތުގައި ގުގުމައިލިއެވެ.

"ނޫން... ނޫން... އަހަރެން ސަލާމަތް ކުރޭ އާހް!" ޒީޝާންއަށް ރޮވެނީއެވެ.

އިރުކޮޅަކުން އޭނާގެ މޫނު ފެންގަނޑު ތެރެއިން ނެގުނުއިރު ޒީޝާންއަށް މާނޭވާ ލެވެއެވެ. އެކަމުގެ ސަބަބުން ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. ވަރުބަލުކަން މީހާގެ ހަށިގަނޑަށް އިޙްސާސްވިއެވެ. އޭނާ އެނބުރި ޝިންޝިނާއަށް ބަލައިލިއެވެ. އެ ތުންފަތް މަތީގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

"ނޫން... އަހަރެން ސަލާމަތް ކުރޭ... މީހެކޭ...އާހް" ޒީޝާން ވަރުބަލިވެ ވާހަކަ ދެކެވެނީ ހާލުންނެވެ.

އަނެއްކާވެސް އޭނާގެ ބޯ ފެންގަނޑު ތެރެއަށް ކޮށްޕައިލިއެވެ. އެއާއެކު މިފަހަރުވެސް ޒީޝާން ތެޅެން ފެށިއެވެ. އެހެން ދެތިން ހަތަރު ފަހަރު ހެދިފަހުން ޒީޝާން ވަރުބަލިވެ ގޮތް ހުސްވާ ގޮތްވިއެވެ. އޭނާ މާޔޫސްކަމާއެކު، ތުންފަތުގައި ދަތް އަޅައިލިއެވެ އޭނާގެ ހަށިގަނޑުވެސް ހީވަނީ ގައިދެއްގައި ވާހެންނެވެ. އަތް ފިޔަވާ ހަށިގަނޑުގެ އެއްވެސް ބަޔެއް ހަރަކާތެއް ނުކުރެއެވެ. އެކަމުން ޒީޝާންއަށް ހައްތަހާ ބޮޑަށް ހިތްދަތިކަން ލިބެމުން ދިޔައެވެ. ޝިންޝިނާގެ ވަކިތަކުގެ ދަށުގެ އޭނާގެ ދުވަސް ދިޔައީ އޭ ޒީޝާންގެ ހިތަށް އެރިއެވެ.

އަނެއްކާވެސް އޭނާގެ ބޯ ޝިންޝިނާ ފެންގަނޑުގެ ތެރެއަށް ލިޔެއެވެ. ކުރިޔާ ހިލާފަށް މިފަހަރު އޭނާ ޒީޝާންއަށް ލުޔެއް ނުދި ނެވެ. ޒީޝާން މަރަށް ތެޅެމުން ދިޔަ މަންޒަރު ބަލަހައްޓައިގެން އޭނާ ހުރީއެވެ. ހެވިފައެވެ.

"އަހަންނަށް އަރްޒަން ހާސިލް ނުވި.. ކަލެއަށް ވެސް ހާސިލްވިޔަކަ ނުދޭނަން..." ޝިންޝިނާ ހީގަތެވެ. އޭނާގެ ހުނުމުގެ އަޑު އެތަނުގައި ގުގުމައިލިއެވެ.

އޭގެ އިރުކޮޅެއްފަހުން ދެން ފެނުނީ ޒީޝާންގެ ހަރަކާތްތައް މަޑުވަމުން ދިޔަތަނެވެ. ފެންގަނޑުގެ ތެރެއިން ބޮކިތައް މައްޗަށް އަރަން ފެށިއެވެ. ހަމަ އެވަގުތެވެ. ކުއްލިއަކަށް އިވެން ފެށި އަޑާއެކު ޝިންޝިނާގެ މޫނުމަތި ބަނަވެގެން ދިޔައެވެ.

ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު ޝިންޝިނާގެ ދެބުމަ ގޮށްޖެހުނެވެ.

އަޔާން އެހިސާބަށް އަރާ ހަމަވީއިރު ބަންގި ގޮވަން ފެށީއެވެ. ބަންގީގެ އަޑާއެކު އެތަން އެކީ ހިމޭންވިއެވެ.

ޒީޝާން ފެންގަނޑުން އޭނާގެ ބޯ ހިއްލައިލިއެވެ. އުނދަގުލުންނެވެ. ހާސްވެ އޭނާގެ ނޭވާ ވަނީ ކުރުވެފައެވެ. ނޭވާ ލެވެނީ އުނދަގުލުންނެވެ.

އޭނާގެ ފުރާނަ ހަށިގަނޑާ ވަކިވެގެން ހިނގައިދާނެހެން ހީވި ފަދަ ވަގުތު ކޮޅެކެވެ. އޭނާގެ ބޮލަށް ވަނީ އެނބުރުން އަރާފައެވެ. އޭނާއަށް ހަށިގަނޑު ފެންގަނޑު ކައިރީގައި އުއްޑުން އޮންނަ ގޮތަކަށް ސީދާ ކޮށްލެވުނީ ކިރިޔާއެވެ. އޭނާގެ ހަބަރު ހުސްވީއެވެ. އޭރު އަޔާން ވެސް އައިސް އެ ހިސާބާ އަރާ ހަމަވަނީއެވެ. އޭނާ ޒީޝާންގެ ކޯތާފަތުގައި ޖަހައިލަމުން، ޒީޝާންއަށް ގޮވަން ފެށިއެވެ. ވެގެން ދިޔަގޮތް ކޮންމެވެސް ވަރަކަށް އަޔާންއަށް ނަގައިގަނެވުނެވެ. އޭނާ ޒީޝާންގެ މެއަށް ފިތައިލަމުން ބޮވުނު ފެންތައް ނެރެވޭތޯ މަސައްކަތް ކުރިއެވެ. ކޮންމެވެސް ވަރަކަށް އެ މަންޒަރު ވެސް އޭނާއަށް ފެނުނެވެ.

ދެފަހަރަކު އެެހެެން ހަދައިލިތަނާ ކެއްސައިލުމަށްފަހު، ޒީޝާން ދެލޯ ހުޅުވައިލިއެވެ. އެއާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ.

"އާހް..."

"ޒީ...އިޓްސް މީ އޭ... އިޓްސް މީ އަޔާން..." އަޔާން ބުނެލިއެވެ. ޒީޝާން އަޔާން އާ ދިމާލަށް ބަލަން އިނީ ޤަބޫލުނުކުރެވިފައެވެ.

އޭނާއަށް ވަނީ ޝޮކެއް ލިބިފައެވެ. ހަޤީގަތަކީ ކޮބައިކަމެއް ގަބޫލުކުރަންވީ ކޮންކަމެއްކަމެއް ޔަޤީނެއް ނޫނެވެ. އޭނާގެ ގާތުގައި ހަމަ އެއިނީ އަޔާންހެއްޔެވެ؟

"އަހަރެންގެ ދަބަސް..."

"މިއޮތީ ދަބަސް... އަވަހަށް މިތަނުން ނިކުންނަން ހިނގާ..." އަޔާން ބުނެލިއެވެ. ޒީޝާން އަދިވެސް އަޔާންއަށް ބަލަން އިނީ ޝައްކުގެ ނަޒަރަކުންނެވެ. އަނެއްކާ އަނެއްފަހަރު ޝިންޝިނާ އޭނާއަށް އޮޅުވައިލަނީ ހެއްޔެވެ؟

"އިޓްސް މީ އޭ... އެގޮވަނީ ބަންގި. މިވަގުތަކަށް މިތަން އަމާންވެއްޖެ!" އަޔާން ޒީޝާންއަށް ޔަޤީންކަންދޭން ބޭނުންވާފަދައެވެ.

"ފޯނު..." ޒީޝާން އަވަސް އަވަހަށް އަޔާން އަތުގައި އޮތް ދަބަހުން ފޯނު އަތުލައި، އޭގެން ބަޤަރާ ސޫރަތް ޖަހަން އަވަސްވެގަތެވެ.

"މިތަނުން ވީހާވެސް އަވަހަކަށް ނިކުންނަންވީ؟ ބަންގި ގޮވާ ނިމެންވާއިރަށް މަގާ ހިސާބަށް ދެވުނަސް..." ޒީޝާންއަށް އޭރުވެސް މާނޭވާ ލެވެއެވެ. އޭނާ އަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ ހާސްވީ ވަރުންނެވެ.

"އާރ ޔޫ އޯކޭ؟"އަޔާންއަށް ދެފަހަރަކު ޒީޝާންގެ ބުރަކަށީގައި ޖަހައިލެވުނެވެ.

"ޔާ... އައި އެމް ފައިން ލެޓްސް ގޯ!" ޒީޝާން ތެދުވިއެވެ. އެއާއެކު އޭނާގެ ބޮލަށް އެނބުރުން އެރިއެވެ. ކުރިއަށް އެޅުނީ ދެ ފިޔަވަޅެވެ. އޯކާ ދެމިފައި ޒީޝާންއަށް ހޮޑުލެވުނެވެ. އޭނާ ހަމަޖެހެމުން އަޔާންއާއެކު ހިނގައިގަތެވެ.

*****

"އަޔާންއަށް ނޫނީ ޒީޝާންއަށް ގުޅޭތޯ އަދިވެސް ބަލާބަލަ! އަހަންނަށް ހިޔެއްނުވޭ ކަންތައްތައް މާ ރަނގަޅުހެނެއް..." ފިރާޤު އިރުފާންއަށް ބަލައިލިއެވެ. އިރުފާން ބޯ ޖަހައިލުމަށްފަހު، ފޯނުން އަޔާންގެ ނަންބަރަށް ގުޅައިލިއެވެ. ފޯނު އޮތީ ނިއްވާލާފަ އެވެ.

ފިރާޤު ބަލައިލީ އަރްޒަންއަށެވެ. އަރްޒަންއަށް ނިދިފައި އޮތްތަން ފެނި ފިރާޤު ބުނީ މެންދުރު ނަމާދަށްފަހު، އޭނާ މަސައްކަތް ފަށާނޭ ކަމުގައެވެ. މިފަހަރު އޭނާ ދޫކުރާނީ ޖިންނި އަންދައިލުމަށްފަހުގައި ކަމުގައެވެ.

ކުރި ލިބޭނީ ކޮންމެވެސް އެކަކަށް ކަމުގައި ފިރާޤު ބުނެލިއެވެ. އޭނާ ޔަޤީންކަން ދިނީ މާތް ﷲ ގެ އިރާދަފުޅާއެކު، އެ ޖިންނީގެ ކިބައިން ކުރިއެކޭ އެއްގޮތަކަށް މިފަހަރުވެސް އަރްޒަން ސަލާމަތްވާނޭ ކަމުގައެވެ. އޭނާއާއެކު އިރުފާންފަދަ އެކަންތައް ދަންނަ ކުއްޖަކު ހުންނާތީވެސް ފިރާޤަށް އިތުރު ފަސޭހަތަކެއް ލިބިގެން ދިޔައެވެ. އޭނާއަކީ މިހާރު އުމުރުން ދުވަސްވީ މީހެކެވެ. އިހު ހުރި ބާރެއް ގަޔަކު ނުހުންނާނެތާއެވެ. އެކަމަކުވެސް ފިރާޤު ހުރީ ދޫ ދޭގޮތަކަށް ނޫނެވެ. މާހުތާބެކޭ އެއްގޮަތަށް ޝިންޝިނާގެ ކިބައިން ވެސް އޭނާ އަރްޒަން ސަލާމަތް ކޮށްދޭނެއެވެ. އޭނާ ވާޤި އެދެނީ ހަމައެކަނި ﷲ ގެ ހަޟްރަތަށެވެ. ދުޢާ ދަންނަވަނީ ހަމައެކަނި އެކަލާނގެ ހަޟްރަތަށެވެ. އެހީއަށާއި މަދަދަށް އެދޭނީވެސް ހަމަ އެކަނި އެކަލާނގެ ހަޟްރަތަށެވެ.

*****

އަޔާންއަށާއި ޒީޝާންއަށް ގެއާ ހިސާބަށް އާދެވޭވަރުވީ ފިރާޤު ނަމާދުކޮށްވެސް ނިމުނު ފަހުންނެވެ. އެމީހުން ދެމީހުން ގެނައި ހުރިހާ އެއްޗެއް ފިރާޤާ ހަވާލުކުރިއެވެ.

"ކަންތައްތައް ވީގޮތް އަހަންނަށް ކިޔައިދީ... " އެ ދެމީހުންނަށް ވަކިވަކިން ބަލައިލުމަށްފަހު، ފިރާޤު ބުނެލިއެވެ. އެއާއެކު ޒީޝާންއާއި އަޔާންއާއި ދެމީހުން ވީ ގޮތް ކިޔަދިނެވެ.

"ސުބްހާނަ ﷲ... އޭތި ޒީޝާންއަށް ކޮންމެ ފަދަ ގެއްލުމެއްވެސް ދީފާނެ... އަހަރެންގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރަން ޖެހޭނެ. " ފިރާޤު ބުނެލިއެވެ.

އެރެއިން ފެށިގެން އަރްޒަން ކައިރީގައި ހުއްޓާނުލާ ފިރާޤު ކިޔެވިއެވެ. ޖެހިޖެހިގެން ކިޔަވާތާ ތިންވަނައަށްވީ ރޭ ފިރާޤު ޖިންނިއާ ގިނަ ވާހަކަތަކެއް ދެއްކިއެވެ. ގިނަ ކަންތައްތަކެއްގެ ހަޤީގަތް ތަކެއް ޖިންނި ލައްވާ ހާމަކުރުވިއެވެ.

"ކަލޭ މި އިންސާނާ ދޫކޮށް ނުދާނެނަމަ... އަހަރެންނަށް ދެން ޖެހޭނީ ކަލޭ އަންދައިލަން..." ފިރާޤު އެންމެ ފަހުގެ އިންޒާރުދިނެވެ.

"އިންސާނުންނާ ޖިންނީންނަކީ މުޅީން ތަފާތު ދެ ބައެއް... އިންސާނުންނަށް ނުލިބޭ އެތައް ބާރެއް ކަލޭމެން ޖިންނީންނަށް ދެއްވާފައި ވިޔެއްކަމަކު، ކަލޭމެން އަނދައިލެވޭނޭ މަގު އިންސާނުންނަށް އޮތީ ދައްކަވާފަ. ކަލޭ އިސްލާމްދީން ޤަބޫލުކުރާކަށް ބޭނުމެއްނުވި. ކަލޭ މި އިންސާނާ ދޫކުރާކަށް ވެސް ބޭނުމެއްނުވި. އަހަރެންގެ ހިތުގައި ކަލެއަށް އެއްވެސް ހަމްދަރުދީ އެއް ނެތް. ކަލޭގެ ހަށިގަނޑުގެ އެތަން މިތަނުގައި ވޭން އަޅާކަން އަހަންނަށް އެނގޭ... " ފިރާޤު ވާހަކަ ދެއްކިއެވެ.

އޭނާ ޢަޒާބުގެ އާޔަތްތައް ކިޔަވަން ފެށުމާއެކު ޖިންނި ރޮއިހަޅޭއްލަވަން ފެށިއެވެ. އޭނާއަށް އެހެން ނުހެދުމަށް އެދި އާދޭސްކުރަން ފެށިއެވެ.

"އިތުރަށް އަހަރެން ކަލެއަކަށް ފުރުސަތެއް ނުދޭނަން..." ފިރާޤު ހަރުއަޑުން ބުނެލިއެވެ.

"އަހަންނަށް އެނގޭ އިންސާނުންނަކީ ރަޙުމެއް ނެތް ބައެއްކަން... އަހަރެން ވީ ލޯބީގެ ބަދަލު... އާހް..."

"އިންސާނުންނަކީ ރަޙުމެއް ނެތް ބައެއްކަމުގައި ބުނާއިރު، އަހަރެން ކަލެއަށް ކިތަށް ފުރުސަތު ދިނިން؟ ..."

"އާނ. އެއީ އަމިއްލަ އެދުމުން ފޯވެފައި ތިބޭ ބައެއް. އަހަރެމެން ކުރަނީ އަހަރެމެންނާ ހަވާލުކުރެވޭ މަސައްކަތް. ސިހުރުވެރިޔާ ސިހުރު ހެދުމަށްފަހު އަހަރެމެންނާ ހަވާލުކުރަނީ... ނުނީ އޭނާގެ ޤައިދުގައި އަހަރެމެން ހައްޔަރުކޮށްލަނީ... އެ މީހުން ބޭނުންވާގޮތަށް ކަންތައް ނުކޮށްފިއްޔާ އަހަރެމެން އަންދައިލުމަށް ބިރު ދައްކާ... އަހަރެންގެ މަންމަވެސް..."

"އަދިވެސް އަހަރެން މި އަހަނީ، ކަލޭ މި އިންސާނާ ދޫކޮށްލާނަންނަ؟ ނުލާނަންތަ؟"

"އަހަރެން މި އިންސާނާ ދޫކޮށެއް ނުލާނަން... ޖައުފަރު ހެދި ސިހުރު ނުބައިކޮށް ގޮސް އޭނާ ވަނީ އަހަރެމެންނަށް އަރްޒަން ހަވާލުކޮށްފައިކަން ކަލެއަށް ނޭނގޭތަ؟ އަރްޒަންގެ މައްޗަށް އަހަންނަށް ޙައްޤު އޮތް ވަރު އެނގި އެކަން ގަބޫލުނުކުރަނީ ކަލޭމެން. ކަލޭމެންނަކީ މޮޔަ ބައެއް. އަމިއްލަ އެދުމަށް ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވެދާނެ... އަމިއްލަ މުދަލާއި ދަރިންވެސް ވިއްކާލަފާނެ!" ޝިންޝިނާ ބުނެލިއެވެ.

"ކަލޭ ކުށެއްނެތް އިންސާނުން މެރުމުގެ ބޭނުމަކީ ކޮބާ؟" ފިރާޤު ސުވާލުކޮށްލިއެވެ.

"ކަލޭމެންނަށް ކުށަކަށް ނުވިޔަސް އަހަންނަށް އެއީ ބޮޑު ކުށެއް. އެމީހުންގެ މައްސަލައަކީ އަރްޒަންއަށް ގެއްލުން ދޭން މަސައްކަތް ކުރުން. ރާކިން ވެސް... ބަތޫލް ވެސް... އަދި ދެން އަހަރެން މެރި މީހުންވެސް..." ޝިންޝިނާ ބުނެލިއެވެ. ވާހަކަ ދައްކަމުން ދިޔައީ އަރްޒަންގެ ހަށިގަނޑު ތެރެއަށް ވަދެގެން ކަމަށްވިޔަސް އަޑުގައި ބަރުކަން ހުއްޓެވެ. ބައެއްފަހަރު އެ އަޑު މަޑުވެއެވެ. އަނެއްބައި ފަހަރު ބާރުވެއެވެ.

"ކަލޭ ބޭނުންވަނީ ކޮންކަމެއް ހާސިލްކުރަން؟"

"އަރްޒަން" ވަގުތުން ޝިންޝިނާ ޖަވާބު ދިނެވެ.

(ނުނިމޭ)

comment ކޮމެންޓް