އިންސްޓަގްރާމުގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ ވިދާލައިފި

ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ ވޯޓާ ވިލާއެއް

އިންސްޓަގްރާމުގައި އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެ ވެއްޖެއެވެ.

ޓްރެވަލް ޑެއިލީ ނޫހުން ބުނީ އެންމެ ގިނަ ބަޔަކު އިންސްޓަގްރާމު ކުރި ފަތުރުވެރިކަމުގެ މަންޒިލަށް ރާއްޖެ ވެފައިވާ ކަމަށާއި ރާއްޖޭގެ ފޮޓޯތައް ޝެއާކުރުމަށް #މޯލްޑިވްސް ޖަހާ ނުވަ މިލިއަނާ ގާތްކުރާ އަދަދަކަށް ފޮޓޯ ޕޯސްޓު ކޮށްފައިވާ ކަމަށެވެ.

މައި ބެގެޖް ގެ ޓްރެވަލް އެކްސްޕާޓުން ކުރިއަށްގެންދިޔަ ދިރާސާ އަށްފަހު އާންމުކުރި މައުލޫމާތަށް ބަލާއިރު ރާއްޖޭގެ ފޮޓޯ ޝެއާކޮށް #މޯލްޑިވްސް ޖަހާ 8.8 މިލިއަން ފޮޓޯ ވަނީ ޝެއާކޮށްފައެވެ.

ރާއްޖޭގެ ފަހަތުން އޮތީ ޕެރިސްގެ އައިފިލް ޓަވަރެވެ. އައިފިލް ޓަވަރުގެ ފޮޓޯ އަށް 6.5 މިލިއަން އަދި ނިއުޔޯކް ގެ ޓައިމްސް ސްކޮޔާ އަށް 4.4 މިލިއަން ހޭޝް ޓެގް ލިބިފައިވެއެވެ.

ކޮވިޑް19 ބަލިމަޑުކަމާއެކު ޓޫރިސްޓުންނަށް ފަސޭހަކަމާއެކު ޒިޔާރަތް ކުރެވޭނެ ފުރުސަތު އޮތް މަދު މަންޒިލުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި ރާއްޖޭގެ މަގުބޫލުކަން އިންފްލުއެންސާސް އަދި މަޝްހޫރު އެހެން ފަންނާނުންގެ މެދުގައިވެސް މަގުބޫލު ވެފައިވާ ކަމަށް ޓްރެވަލް ޑެއިލީގައި ބުނެފައިވެއެވެ.

ރާއްޖެ އަށް އިންސްޓަގްރާމުގެ ކުރި ލިބެނީ ގިނަ ބަޔަކު ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތައް #މޯލްޑިވްސް ޖަހައި އިންސްޓަގްރާމު ކޮށްފައިވާތީ އެވެ.

މިދިޔަ އަހަރު ފަސްލައްކަ ފަންސާސް ހާސް ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި އިރު މިއަހަރުގެ މިހާތަނަށް 180،468 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ.

ރާއްޖޭގެ މަގުބޫލުކަން އިތުރުވެ، ކޮވިޑުގެ ހާލަތުގައި ވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު ޓޫރިޒަމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީ އާއި ކުރިއެރުން ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.

ރާއްޖެ އަކީ މިދިޔަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގައި އެންމެ މަގުބޫލު މަންޒިލެވެ.

comment ކޮމެންޓް