ގެއްލުނު ފަތުރުވެރިޔާ މޫދަށް ފައިބަނިކޮށް ފެނުނު، ބެލެވެނީ ގެނބުނީކަމަށް!

ގިއެޑްރީ ވަސްކައިޓް (33). (ފޮޓޯ/ޓްވިޓާ)

ފެެބްރުއަރީ 13، 2021 ވަނަ ދުވަހު ރ. އަތޮޅު، އިންޓަކޮންޓިނެންޓަލް މާމުނަގައު މޯލްޑިވްސް ރިސޯޓުން މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެއްލިގެން ހޯދަން ފެށި ފަހުން މިއަދަށް 14 ދުވަސްވީއިރު ވެސް އަދިވެސް އޭނާގެ ހިލަމެއް ވެސް ނެތެވެ. ވީނުވީއެއް ނޭނގި ގެއްލިފައިވާ ގިއެޑްރީ ވަސްކައިޓް ނަމަކަށް ކިޔާ 33 އަހަރުގެ ކެނެޑާގެ އެ ފަތުރުވެރިޔާ މޫދަށް އެރި އުޅެނިކޮށް ގެއްލުނުކަން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އެދުވަހު އިރުއޮއްސެން ކައިރިވެފައި ވަނިކޮށް އޭނާގެ ފިރިމީހާ ޕަރްމާރް ގޫރްޝަރަންޖީތު ސިންގު އެވެ. ގިއެޑްރީ ގެއްލުނު އިރު އޭނާ ބަނޑު ބޮޑެވެ. ބަނޑަށް އަށް މަހެވެ.

މޫދަށް އެރޭ ފަތުރުވެރިން ގެއްލުމަކީ އާ ކަމެއް ނޫނެވެ. ނަމަވެސް މި ފަތުރުވެރިޔާގެ ހާދިސާއަށް ޓްވިސްޓެއް އައީ އޭނާގެ ފިރިމީހާގެ ތުހުމަތުތަކުންނެވެ. އޭނާގެ ތުހުމަތަކީ "ކަނޑުފޭރޭ ބަޔަކު އޭނާގެ އަންހެނުން ވަގަށް ނަގައި ރަހީނުކުރި" ކަމަށެވެ. މިވާހަކަތައް އޭނާ ދެއްކީ ދުބާއީގެ ނޫހެއްކަމުގައިވާ ހަލީޖް ޓައިމްސްގަ އެވެ.

އެ ތުހުމަތުތަކާ އެކު ފުލުހުން ވެސް ތަހުގީގެއް ފެށި ނަމަވެސް ގިއެޑްރީ ފިރިމީހާ ތުހުމަތު ކުރާ ކަހަލަ އެއްވެސް ހެއްކެއް ފުލުހުންގެ ތަހުގީގަށް ވެސް ނުލިބުނެވެ. އޭނާގެ ފިރިމީހާގެ ތުހުމަތުތަކުން ގިއެޑްރީ ގެއްލުމަށް އެންމެންގެ ސަމާލުކަން ދަމައިގަތް އިރު އެ ގެއްލުމާ ގުޅޭ ގޮތުން ދެކެވެން ހުރީ ކޮން ވާހަކަތަކެއް ހެއްޔެވެ؟

ރިސޯޓުގެ ފަރާތުން ރަސްމީ ގޮތް އެކަމުގައި ވާހަކަ ދައްކަން ބޭނުން ނުވި ނަމަވެސް އެ ރިސޯޓުގެ ބައެއް އިސް މުވައްޒަފުން ބުނި ގޮތުގައި މިއިން ދުވަހަކު އެ ރިސޯޓުގެ ކައިރީ ޓޫރިސްޓެއް ރަހީނުކުރުން ފަދަ ކަމެއް ހިނގާފައެއް ނުވެ އެވެ. އަދި އޭނާ ގެއްލުނު ދުވަހު އެކަހަލަ ނިޝާނެއް ވެސް ނުފެންނަ ކަމަށް އޭނާ ބުންޏެވެ. ރިސޯޓުގެ މުވައްޒަފުން ވެސް ބުނަނީ ފިރިމީހާގެ ތުހުމަތަށް ބާރު ލިބޭޭ ހަމަ އެންމެ ކަމެއްވެސް ނެތް ކަމަށެވެ.

"އެމީހާ ދެކުނިން އެދުވަހު ވެސް، ވާހަކަވެސް ދެއްކިން، އެއްވެސް އާދަޔާޙިލާފް ކަމެއް ފާހަގައެއް ނުކުރެވޭ. ފިރިމީހާ ވެސް ދެކުނިން ހަމަ. ދެން މި ސަރަހައްދުގައި ވެސް އެކަހަލަ [ކަނޑުފޭރުމުގެ] އަމަލެއް ހިނގާފައެއްވެސް ނުވޭ މިވީހާ ދުވަހަކު." ރިސޯޓުގެ އިސް މަގާމެއްގައި ހުރި މުވައްޒަފަކު "ސަން" އަށް ކިޔައިދިނެވެ.

ނަން ހާމަނުކުރާ ގޮތަށް ވާހަކަ ދައްކަބަމުން އޭނާ ކިޔައިދިން ގޮތުގައި އަންހެން މީހާ އެ ދުވަހު މޫދަށް އެރުނީ ހަވީރުކޮޅަށް އަޅާލާފައި ވަނިކޮށެވެ.

"އޭނަ ޕޫލް ކައިރީގައި ފިރިމީހާއާ އެއްކޮށް އިނދެފައި، ހަމަ ވަރަށް ރީއްޗަށް ހަމަ ޖެހިލައިފައި ތެދުވެގެން ދިޔައީ ބީޗުން ހިނގާލާފައި. ފައިވާން އަތަށް ލައިން ބީޗުން ހިނގާލާފައި ދިޔައީ. އެހެން ސީސީޓީއިން ވެސް ފެނޭ. ހިނގާފައި ގޮސް އެތާ ލައިޓްހައުސް ހުންނަ ސަރަހައްދުން ޖެޓީ މަތިން ފަހުން އޭނަ ފައިވާން ވެސް ފެނުނީ." އެ މުވައްޒަފު ކިޔައިދިނެވެ.

ރ. މާމުނަގައު.

މާމުނަގައުގެ ލައިޓްހައުސް ހުންނަނީ ރަށުގެ ދެކުނު ފަރާތުގަ އެވެ.

ލައިޓްހައުސް ސަރަހައްދަކީ އާންމުކޮށް މީހުން ސްނޯކްލިންގްއަށް ދާ ސަރަހައްދެއްކަމުގައިވީ ނަމަވެސް ބައެއް ފަހަރު އެ ސަރަހައްދުގައި ވަރަށް އޮޔެ ގަދަ ވާނެ ކަމަށް ރިސޯޓުން ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.

"އެ ސަރަހައްދަކީ ހަމަ ވަރަށް އޮޔެ ބާރުވާ ސަރަހައްދެއް، އޮޔެގައި ޖެހިއްޖިއްޔާ ހަމަ އަތޮޅުން ބޭރަށް ވެސް ދަމައިގަނެފާނެ. ދެން ބައެއް ފަރާތްތަކުން ރިިޕޯޓުކޮށްފައި ވަނީ އެބޭފުޅާ ސްނޯކްލިންގްއަށް ދިޔަކަމަށް. އެކަމަކު އެހެނެއްނޫން، ހަމަ މޫދަށް އެރުނީ ކަމަށް ބެލެވެނީ އެއީ އެއްވެސް ކަހަލަ އިކުއިޕްމެންޓެއް އެބޭފުޅާ ނުގެންދަވާތީވެ." ރިސޯޓުގެ މުވައްޒަފަކު ކިޔައިދިނެވެ.

ފަތުރުވެރިޔާ ގެއްލުނުއިރު މޫދަށް އެރި އުޅުނުކަމަށް ރިސޯޓުގެ މުވައްޒަފުން ބުނާ ސަރަހައްދު.

ފަތުރުވެރިޔާ ގެއްލުނު މައްސަލަ ތަހުގީގުކުރަމުންދަނީ ތުހުމަތެއް އޮވެގެނެއް ނޫން ކަމަށް ފުލުހުން ބުންޏެވެ. މައްސަލަ ބަލަނީ އޯޕަން ކޭސްއެއްގެ ގޮތުގަ އެވެ.

ގިއެޑްރީ ގެއްލުނު ދުވަސް ނޫން އަނެއް ދުވަހު އޭނާގެ ފިރިމީހާ ސިންގް ވަނީ ރ. މީދޫ ޕޮލިސް ސްޓޭޝަނަށް އެ މައްސަލަ ރިޕޯޓުކޮށްފަ އެވެ.

ފުލުހުން އެ މައްސަލަ ބަލަން ފެށި ފަހުން އިއްޔެ ވަނީ ގިއެޑްރީ މޫދުގައި އުޅެނިކޮށް ގެނބިފައިވާކަމުގެ ބާރު ހުރި ހެކިތަކެއް ލިބިފައިވާކަމަށް ބުނެފަ އެވެ. އަދި ވަގަށް ނަގައި ރަހީނުކުރި ކަމުގެ އެއްވެސް ހެެއްކެއް މިހާތަނަށް ލިބިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ގިއެޑްރީ ގެނބިގެން މަރުވެދާނެ ކަމަށް އޭނާގެ އާއިލާ އާއި ފިރިމީހާއަށް ގަބޫލުކުރަން ދައްޗެވެ. ހަލީޖް ޓައިމްސްއަށް ދިން އިންޓަވިއުގައި ފިރިމީހާ އާއި އާއިލާއިން ވަނީ ގިއެޑްރީ އަކީ "އެތްލީޓެއް" ކަމަށް އަދި "ފަތަން މޮޅު" މީހެއްކަމަށް ބުނެފަ އެވެ. ރާއްޖޭގެ ތިލަ މޫދުގައި ގިއެޑްރީ ގެނބިދާނެ ކަމަކީ އާއިލާއަށް ގަބޫލުނުކުރެވޭ ކަމެކެވެ.

އެހެންނަމަވެސް ސިންގް ތުހުމަތު ކުރާ ގޮތަށް ގިއެޑްރީ ވަގަށް ނަގައި ރަހީނުކޮށްފައިވާ ނަމަ، ވަގަށް ނެގި ބަޔަކު ފައިސާއަށް ނުވަތަ އިތުރު ކަންތައްތަކަށް އެދި އެ ފަރާތްތަކަށް ހުށަހަޅާނެ އެވެ. އޭގެ ބަދަލުގައި އިވިގެންދިޔައީ ސިންގް އާއި އޭނާގެ އާއިލާއިން ގިއެޑްރީގެ މައުލޫމާތު ދޭ ފަރާތަކަށް އެއް ލައްކަ ޑޮލަރުގެ އިނާމެއް ހުށަހެޅިކަމުގެ ވާހަކަތަކެވެ.

ކޮންމެ ގޮތަކަށް ވިޔަސް، ގިއެޑްރީ ގެއްލުނު ހާދިސާއަށް މާދަމާ ދެ ހަފްތާވެފައިވާ އިރު ފުލުހުންނާއި ކޯސްޓުގާޑުން ވެސް ދަނީ އަދި ވެސް އޭނާ ފެނޭތޯ ބަލަމުންނެވެ.

ފެބްރުއަރީ 17، 2021: ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ބެލި ސަރަހައްދު.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އަދިވެސް އެ މައްސަލަ އޮތީ ހުޅުވިފައި ކަމަށެވެ. އަދި މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. ގިއެޑްރީ ހޯދުމަށް ޑައިވްކޮށްގެން 1،549،162 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވެ އެވެ. އަދި މަތިންދާބޯޓު ބޭނުންކޮށްގެން ވައިގެ މަގުންނާއި ކަނޑު މަގުންވެސް ގިއެޑްރީ ފެނޭތޯ މަސައްކަތް ވަނީ ކޮށްފަ އެވެ.

ރާއްޖޭގައި ފަތުރުވެރިޔަކު މިޒާތަކަށް ގެއްލުމަކީ އާންމު ކަމެއް ނޫނެވެ. ގެނބިގެން މަރުވުމުގެ ހާދިސާތައް ހިނގާކަމުގައިވިޔަސް، ފަތުރުވެރިޔަކު ގެއްލިގެން އަދި މިހާތަނަށް ފަހުގެ ތާރީޙެއްގައި އެ ފަތުރުވެރިޔާ ނުވަތަ އެ ފަތުރުވެރިޔާގެ ހަށިގަނޑު ނުފެނިފަ އޮތް ހަދާނެއް ނެތެވެ. އަދި ވަކިން ހާއްސަކޮށް ބަޔަކު ފަތުރުވެރިޔަކު ވަގަށް ނެގުމުގެ ވާހަކަތަކަކީ ރާއްޖޭގައި ދުވަހަކުވެސް ހިނގާފައި އޮތް ކަމެއް ނޫނެވެ.

comment ކޮމެންޓް