ޔޫކޭގައި އޭލެވްލްއާއި ޖީސީއެސްއީގެ ނަތީޖާތައް މިފަހަރު ގްރޭޑް ކުރާނީ ޓީޗަރުން

އޭލެވްލްއާއި ޖީސީއެސްއީގެ ނަތީޖާތައް މިފަހަރު ގްރޭޑް ކުރާނީ ޓީޗަރުން

ކޮވިޑް19 އާއި ހެދި ކެންސަލް ކޮށްފައިވާ އޭލެވެލްއާއި އަދި ޖީސީއެސްއީގެ އިމްތިހާނުތަކުގެ ބަދަލުގައި ދަރިވަރުން ގްރޭޑް ކުރެވޭނެ ހާއްސަ އޮނިގަނޑެއް އިނގިރޭސިވިލާތުން އާންމުކޮށްފި އެވެ. މި އޮނިގަނޑުގައިވާ ގޮތުން ދެން ދަރިވަރުން ގްރޭޑް ކުރާނީ މޮކް އެގްޒާމް އާއި، ކޯސް ވޯކް އަދި އެސޭތަކަށް ބެލުމަށްފަހު ލިބޭ މާކްސް އިންނެވެ.

އިނގިރޭސިވިލާތުގެ އިމްތިހާނުތަކާއި ބެހޭ ވުޒާރާކަމުގައިވާ އޮފީސް އޮފް ކޮލިފިކޭޝަންސް އެންޑް އެގްޒަމިނޭޝަން ރެގިއުލޭޝަން (އޮފްކޮލް) އިން މިހާރު އާންމުކޮށްފައިވާ މި އޮނިގަނޑުގެ ދަށުން ވަކިވަކި މާޢްދާތަކުން ހާއްސަ އިމްތިހާނުތަކެއް ނެގިދާނެ ކަމަށް ބުނެފައިވިޔަސް، މިއީ ފައިނަލް ގްރޭޑަށް ހަމައެކަނި ބޭނުންކުރެވޭނެ ނަތީޖާއެއް ނޫން ކަމުގައިވެސް ބުނެފައި ވެއެވެ. މި ތިން ދާއިރާއިން ކުދިންނަށް މާކްސްތައް ދޭނީ ކިޔަވައިދޭ މުދައްރިސުން ކަމުގައިވާއިރު، އޮގަސްޓްމަހުގައި ފައިނަލް ނަތީޖާތައް ދެވޭވަރުވެ، ރިވިއުކުރުމަށް ހުށަހެޅޭނެ ކަމުގައިވެސް ވަނީ ބުނެފައެވެ.

ސްކޫލްތަކާއި ބެހޭ މިނިސްޓަރު ކަމުގައިވާ ނިކް ގިބް ވިދާޅުވާގޮތުގައި، މިއީ މި ދަނޑިވަޅުގައި ދަރވަރުންގެ ކިޔެވުމަށް ބުރޫ ނާރާ އަދި ވީހާވެސް އިންސާފުވެރިކަމާއި އެކު ދަރިވަރުންނަށް ނަތީޖާ ދިނުމަށް މިވަގުތު އޮތް ނިޒާމެވެ.

މީގެކުރިން އޭލެވެލް އިމްތިހާނަކީ ކޮންމެ އަހަރެއްގެވެސް މެއި/ޖޫން އަދި އޮކްޓޯބަރު/ނޮވެމްބަރުގައި ބާއްވަމުން އަންނަ އިމްތިހާނެކެވެ. ނަމަވެސް މިދިޔަ އަހަރުއްސުރެ ދުނިޔޭގައި ފެތުރިފައިވާ ކޮވިޑް19ގެ ބަލިމަޑުކަމާއި ގުޅިގެން އިމްތިހާނުތައް ކުރިއަށްގެންދިއުމަށްވަނީ ބުރޫއަރާފަ އެވެ.

https://sun.mv/148663

ދަރިވަރުން ގްރޭޑް ކުރެވޭނީ ކިހިނެއް؟

މިދިޔަ އަހަރުގެ ތަޖުރިބާއާށް ބަލައި އޮފްކޮލް އިން ބުނާގޮތުގައި މިފަހަރު ދަރިވަރުންނަށް ގްރޭޑް ދިނުމުގައި އެއްވެސް ވަރަކަށް އަލްގޮރިދަމް އެއް ބޭނުމެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި މާކްސްދޭނީ ކޮން މިންގަނޑަކުންތޯ އެކަށައެޅުމުގެ ފުރުސަތު އޮންނާނީ ސްކޫލްތަކާއި ހަވާލުކުރެވިފައެވެ. މިގޮތުން މޮކް އެގްޒާމްތަކާއި، ކޯސް ވޯކް ނުވަތަ ސްކޫލްގައި ދޭ ވަކި މަސައްކަތްތަކަށް މާކްސް ދިނުމާއި، އަދި އެސޭ ލިޔުއްވައިގެންވެސް މާކްސް ނެގިދާނެ އެވެ.

އަދި މިގޮތަށް ދެވޭ މާކްސްއަށް ދަރިވަރަކު ހިތްހަމަނުޖެހޭނަމަ އެއްވެސް ފައިސާއެއް ނުދައްކާ ދެވަނަ ފަހަރަށް ރީމާކްސް އަކަށް ހުށަހެޅިދާނެއެވެ. އަދި އިމްތިހާނު ޕޭޕަރުތައް ހަދަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތުވެެސް އޮކްޓޯބަރު ނޮވެންބަރު އޮންނާނެ ކަމަށް އޮފްކޮލް އިން ބުނެއެވެ.

މި ހާޢްސަ އޮނިގަނޑުގައިވާ ގޮތުން އޭލެވެލްގެ ނަތީޖާތައް 10 އޮގަސްޓް ގައި އާންމުކުރެވޭނެ އެވެ. އަދި ޖީސީއެސްއީ ނަތީޖާތައް 12 އޮގަސްޓްގައި އާންމުކުރެވޭނެ އެވެ.

އެއްވެސް އިމްތިހާނެއް ހަދަން ނުޖެހޭތަ؟

އޮފްކޮލް އިން އިތުރަށް ބުނެފައިވާގޮތުގައި، އިމްތިހާނު ބޯޑުން ކޮންމެ މާއްދާއަކަށްވެސް ހާޢްސަ ކުދި ޓެސްޓު ޕޭޕަރު ތަކެއް ހަދާނެއެވެ. އެހެންނަމަވެސް މިއީ ފައިނަލް ނަތީޖާ ނިންމުމަށްވުރެ ބޮޑަށް ޓީޗަރުންނަށްވެސް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ތައްޔާރުކުރެވޭ ޕޭޕަރު ތަކެކެވެ. އަދި މި ޕޭޕަރުތައް ބޭނުންކުރުމަކީވެސް ސްކޫލްތަކަށް ކޮންމެހެން މަޖުބޫރުކަމެއް ނޫނެވެ.

ކޮވިޑްއާއި ހެދި ދަރިވަރުންގެ ގިނަ ގަޑިިތަކެއް ގެއްލިފައިވާއިރު، މިއީ އިމްތިހާނު ހޯލުތަކުގައި ހެދުމުގެ ބަދަލުގައި ކްލާސްތަކުގައި، ބޭނުން ވަގުތެއް ދީގެން ހެދޭނެ ޕޭޕަރުތަކެކެވެ.

މި އޮނިގަނޑާއި އެކު އިނގިރޭސިވިލާތުގެވެސް އެކި ފަންތީގައި ބަހުސްތަކެއް ކުރެވެމުންދާއިރު، ރާއްޖެއިން އަދި އަމަލުކުރާނޭ ހާއްސަ އުސޫލެއް އަދި މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް