ހަތަރު އެއާޕޯޓު އަޅަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

މާފަރު އެއާޕޯޓް-- ފޮޓޯ: މޯލްޑިވިއަން

ބ. ތުޅާދޫ އާއި ށ. ބިލަތްފަހި އަދި ތ.ވިލިފުއްޓާއި ހދ. މަކުނުދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށް އަލުން އިއުލާނު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނުގައި ބުނީ މި ހަތަރު ރަށުގައި އެއާޕޯޓު ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދުމަށް 11 ފެބްރުއަރީގައި ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށް އަލުން އިއުލާނު ކުރާ ކަމަށެވެ.

މި މަސައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރެންސް 31 ޖެނުއަރީ އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އަދި އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށްވެސް ފިނޭންސް އިން ބުންޏެވެ.

އެގޮތުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހެޅުމުގެ ފުރުސަތު މާޗު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ބުނެފައި ވެއެވެ.

ފިނޭންސް އިން ބުނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވައިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ސިޔާސަތުތަކުގެ ދަށުން ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކަން ޔަގީން ކުރަން ޖެހޭނެ ކަމަށެވެ.

ހަތަރު ރަށެއްގައި އެއާޕޯޓު އެޅުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާރުވެސް ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް އެބަގެންދެއެވެ. ހއ. ހޯރަފުށީ އެއާޕޯޓު ނިންމައި މިދިޔަ އަހަރުގެ ފަހުކޮޅު ބޭނުން ކުރަން ފަށާފައިވާއިރު، ޅ މަޑިވަރުގައި އަމިއްލަ ފަރާތަކުން ތަރައްގީ ކުރި އެއާޕޯޓުގެެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.

ސަރުކާރުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ރަށުން ފުރައިގެން 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި ވައިގެ ބަނދަރު ގާއިމް ކުރުމެވެ. ރާއްޖޭގައި މިހާރުވެސް 14 ޑޮމެސްޓިކް އެއާޕޯޓާއި ތިން ބައިނަލް އަގުވާމީ އެއާޕޯޓު ހިންގަ އެވެ.

ބ. ތުޅާދޫގައި އެއާޕޯޓެއް އަޅަން ނިންމި އިރު އެއަތޮޅު ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގެ އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓެވެ. ހދ މަކުނުދޫ އަކީ އެކަހެރިކޮށް އޮންނަ ރަށަކަށް ވާއިރު އެރަށަށް ވައިގެ މަގުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކޮންމެ ސަރުކާރަކުންވެސް ވަމުން އަންނަ ވައުދެކެވެ. ށ. ފުނަދޫގައި އެއާޕޯޓެއް ހިންގާއިރު ތ. ތިމަރަފުށީގައިވެސް އެއާޕޯޓެއް އޮވެ އެވެ.

ހދ ހަނިމާދޫޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްވެސް މިއަހަރު ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ނިިންމާފައި ވަނީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާ އެކު އެވެ.

comment ކޮމެންޓް