މިދިޔަ އަހަރު 92.9 މިލިއަން ޑޮލަރު ރެމިޓެންސްގެ ގޮތުގައި ބޭރުކުރި ކަމަށް ހިސާބުތަކުން ދައްކައިފި

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ޖުމްލަ 92.9 މިލިއަން ޑޮލަރު ރެމިޓެންސްގެ ގޮތުގައި ރާއްޖެ އިން ބޭރުކުރި ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ)ގެ 2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައި ބުނީ ކޮވިޑް19ގެ ސަބަބުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާދިނުމުގެ ހިދުމަތްދޭ (ރެމިޓެންސް ބިޒްނަސް) ވިޔަފާރިތައް މަޑުޖެހުނު ކަމަށެވެ.

ނަމަވެސް އަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެެ އަދަދު އިތުރުވި ކަމަށާއި ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ހަތަރު ވަނަ ކުއާޓަރުގައި ރެމިޓެންސްގެ ގޮތުގައި ބޭރުކުރި ފައިސާގެ އަދަދު ދަށްވި ކަމަށެވެ.

މިިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރެމިޓެންސް ވިޔަފާރިތައް މެދުވެރިކޮށް 15.4 މިލިއަން ޑޮލަރު ބޭރުކުރި އިރު އެއީ އަހަރުގެ ތިންވަނަ ކުއާޓާރާ އަޅާބަލާއިރު 43 ޕަސެންޓް ދަށް އަދަދެއް ކަމަށް ބުނެފައިވެ އެވެ.

އަހަރުން އަހަރަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ރެމިޓެންސްގެ ގޮތުގައި ފޮނުވި ފައިސާ، އޭގެ ކުރީ 2019 ވަނަ އަހަރާ އަޅާބަލާއިރު 24 ޕަސެންޓު، ނޫނީ 17.7 މިލިއަން ޑޮލަރު، އިތުރުވެފައިވާ ކަމަށް ވެސް އެމްއެމްއޭގެ ބުލެޓިންގައި ފާހަގަ ކޮށްފައިވެ އެވެ.

މިދިޔަ އަހަރު ބޭރަށް ފޮނުވި ފައިސާ ނުވަތަ އައުޓްވާޑް ރެމިޓެންސްގެ 44 ޕަސެންޓަކީ ބަންގްލަދޭޝް އަށް ފޮނުވި ފައިސާ ކަމަށާއި 19 ޕަސެންޓު ފޮނުވީ އިންޑިއާ އަށް ކަމަށް ބުނެފައިވެ އެވެ.

އިންވާޑް ރެމިޓެންސްގެ ގޮތުގައި ރާއްޖެއަށް މިިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެ އަށް ވަދެފައި ވަނީ 12.8 މިލިއަން ރުފިޔާ އެވެ. ރާއްޖެއަށް ރެމިޓެންސްގެ ގޮތުގައި އެންމެ ގިނަ ފައިސާ ވަދެފައި ވަނީ ޔޫއޭއީ އިން ކަމަށައި އެއީ ޖުމްލަ އިންވާޑް ރެމިޓެންސްގެ 18 ޕަސެންޓު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

comment ކޮމެންޓް