ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ހުއްދަ ދީފި

ކޮވިޑް19 ޖެހިގެން ލަންކާގައި މަރުވާ މީހުންގެ ހަށިތައް ވަޅުލުމުގެ ހުއްދަ ދޭން ވަނީ ނިންމާފައި -- ފޮޓޯ/ އޭޕީ

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން އިއްޔެ ދީފި އެވެ.

ކޮވިޑުގައި އެގައުމުން މިހާތަނަށް 450 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މަރުވި އެންމެން ވެސް ވަނީ އަންދާލައިފަ އެވެ.

ލަންކާއިން ކޮވިޑުގައި މަރުވާ މީހުންގެ ހަށިތައް އަންދަން ނިންމީ މިދިޔަ އޭޕްރިލް މަހުގަ އެވެ. އެއީ އެ ބަލީގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެން ފަށަލަ ތަޣައްޔަރުވެ، ވައިރަސް ފެތުރިދާނެ ކަމަށް އެގައުމުގެ ނުފޫޒު ގަދަ ބުޑިސްޓު ހާމުދުރުން ތުހުމަތު ކުރުމުންނެވެ. އަދި ލަންކާ ސަރުކާރުން އޭރު އައްޔަން ކުރި މާހިރުންގެ ކޮމިޓީއަކުން ވެސް ނިންމީ ކޮވިޑުގައި މަރުވާ މީހުން އެންދުން ނޫން ގޮތެއް ނެތް ކަމަށެވެ.

އެ ސިޔާސަތުގެ ދަށުން ލަންކާއިން ކޮވިޑު ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް އާއިލާގެ ހުއްދައާ ނުލައި އަންދާތީ ސަރުކާރަށް ފާޑު ކިޔުންތައް އަމާޒުވި އެވެ. އަދި ބަލީގައި މަރުވާ ބައެއް މުސްލިމުންގެ އާއިލާތަކުން އެ މީހުންގެ ހަށިގަނޑު އެންދުމުގައި ބައިވެރިވި ނުވުމުގެ ގޮތުން، މަރުވާ މީހުންގެ ހަށިގަނޑާ ހަވާލުވާން ދެކޮޅު ހަދަން ފެށި އެވެ.

އެ ފާޑު ކިޔުންތަކާ ގުޅިގެން، ކޮވިޑު ޖެހިގެން މަރުވާ މީހުން ވަޅުލުމާ ބެހޭ ގޮތުން ހިޔާލު ހޯދުމަށް، ވައިރޮލޮޖިސްޓުންނާއި އެހެން ސިއްހީ މާހިރުން ހިމެނޭ 11 މެމްބަރުންގެ އާ ކޮމިޓީއެއް ލަންކާއިން ޑިސެމްބަރު މަހު އެކުލަވާލި އެވެ. އަދި އެ ކޮމިޓީން ލަފާ ދިނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މުސްލިމުންގެ ހަށިތައް އިސްލާމް ދީނުގައި އޮންނަ ގޮތަށް ވަޅުލުމަށް ފުރުސަތު ދިނުމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް ލަންކާގެ ސަރުކާރުން ވަނީ ކޮވިޑުގައި މަރުވާ މީހުން އަންދާނީ ކަމަށާއި އެ ނިންމުން ބަދަލު ކުރެވެން ނެތް ކަމަށް ބުނެފަ އެވެ.

އެންމެ ފަހުން ލަންކާ ސަރުކާރުން ކޮވިޑުގައި މަރުވާ މީހުންގެ ހަށިތައް ވަޅުލުމުގެ ހުއްދަ ދޭން ނިންމާފައި މިވަނީ އދ އާއި އިންސާނީ ހައްގުތަކާ ބެހޭ މާހިރުން ވެސް އެކަމަށް ގޮވާލާފައި ވަނިކޮށެވެ.

ލަންކާއިން މިހާރު ވަނީ ކޮވިޑުގައި މަރުވާ މީހުން އެންދުމުގެ އިތުރުން ވަޅުލެވޭނެ ގޮތަށް އުސޫލު އިސްލާހުކޮށް ގެޒެޓުކޮށްފަ އެވެ.

ނަމަވެސް މަރުވާ މީހުންގެ ހަށިތައް ވަޅުލެވޭނީ ސިއްހީ ކަންކަމާބެހޭ އިދާރާތަކުން ކަނޑައަޅާ ބިންތަކުގައި އެކަނިކަމަށް އުސޫލުގައިވެ އެވެ. އަދި ހަށިތައް ވަޅުލެވޭނީ ވެސް ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ އިރުޝާދުގެ ދަށުންނެވެ.

އެ މައްސަލައާ ގުޅިގެން، ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލަން ލަންކާ ސަރުކާރުން ދިވެހި ސަރުކާރުގެ އެހީއަށް ވެސް އެދުނެވެ. ނަމަވެސް ފަހުން ލަންކާ ކެބިނެޓުން ވަނީ އެގައުމުން އެ ވިސްނުން ދޫކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް