މިއަދު 184 މީހަކު ޕޮޒިޓިވް ވެއްޖެ، މާލެ އިން 145 މީހުން

ޖޫން 8، 2020: މާލޭގެ މަޖީދީމަގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން އިތުރު 184 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ހިސާބުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 145 މީހެއްގެ އިތުރުން ރަށްރަށުން ޕޮޒިޓިވްވި 10 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 24 މީހެއްގެ އިތުރުން އިންޑަސްޓްރިއަލް ރަށްރަށުން ފަސް މީހެކެވެ.

މިއާއެކު ރާއްޖެއިންް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 19،346 އަށް އަރައިފައެވެ.

މިވަގުތު 2،441 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު، އޭގެ ތެރެއިން 162 މީހުން ތިބީ ހޮސްޕިޓަލުގައެވެ.

ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ 16،838 އަށް އަރާފައިވާއިރު މިދިޔަ 24 ގަޑިއިރު ތެރޭ 192 މީހުން ބަލިން ރަނގަޅު ވެފައިވެ އެވެ. މި ބަލީގައި ރާއްޖޭގައި 60 މީހަކު މަރުވެފައިވެ އެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު މިއަދާއި ހަމައަށް 98،311 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

މިއަދު ރާއްޖެގައި 7،446 މީހުންނަށް ވެކްސިން ދިން އިރު މާލެ ސަރަހައްދުގަައި 4،825 މީހަކަށް އަދި އަތޮޅު ތެރޭގައި 2،621 މީހަކަށް ވެކްސިން ދީފައި ވެއެވެ.

ރާއްޖޭގައި އުޅޭ އުމުރުން 25 އަހަރުން މަތީގެ އެންމެނަށް މިހާރު ވެކްސިން ދޭން ފަށާފައި ވާއިރު، ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިން އެވެ.

އިންޑިއާ އިން ފުރަތަމަ ހަދިޔާކުރި އެއްލައްކަ ޑޯޒްގެ އިތުރުން އިތުރު އެއްލައްކަ ޑޯޒްގެ ވެކްސިން ވަނީ ރާއްޖެ އަށް ހަދިޔާ ކޮށްފަ އެވެ.

comment ކޮމެންޓް