ކެނދިކުޅުދޫ އާއި ދިއްދޫގައި ޖޫނިއާ ކޮލެޖު އަޅަން މަޝްވަރާކޮށްފި

ނ. ކެނދިކުޅުދޫ އާއި ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖު އެޅުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ރާއްޖޭގައި ޖޫނިއާ ކޮލެޖުތައް ހަދައި ހިންގުމުގައި އިސްކަންދޭނީ އެ ސަރަހައްދެއްގެ ސިނާއީ ދާއިރާތަކަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

ވާޗުއަލްކޮށް މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި ރަށު ކައުންސިލްގެ މެމްބަރުންނާ އެކު މަޝްވަރާކުރައްވައިފަ އެވެ.

މިނިސްޓްރީން ބުނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕެއްގެ ދަށުން އެ ރަށުގައި ޖޫނިއާ ކޮލެޖަކާ އެކު ދަނާލެއް އެޅުމުގެ މަޝްވަރާތައް މިއަދު ކުރިއާށް ގެންދިޔަ ކަމަށެވެ.

އެ ބައްދަލުވުމަށް ފަހު މިނިސްޓަރު ވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕެއްގެ ދަށުން ދިއްދޫގައި ޖޫނިއާ ކޮލެޖަކާއެކު ދަނާލެއް އެޅުމުގެ މަޝްވަރާތައް ވެސް އެ ދާއިރާގެ މެމްބަރު އަދި ރަށު ކައުންސިލާއެކު ކުރިއަށް ގެންގޮސްފަ އެވެ.

ރާއްޖޭގައި މުޅިން އަލަށް ޖޫނިއާ ކޮލެޖުތައް ހަދާއިރު، އެތަންތަނުގައި ކިޔަވައިދޭނެ ކަރިކިއުލަމް އުފައްދާ ރާއްޖެއަށް ބޭނުންތެރި ދާއިރާތަކުގެ މާއްދާތައް އެ ކޮލެޖްތަކުގައި ކިޔެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މިނިސްޓަރު ހަސަން މީގެކުރިން ވިދާޅުވި އެވެ.

އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތައް ކަމުގައިވާ ޖަރުމަނު ވިލާތް، އިޓަލީ ވިލާތް، ފަރަންސޭސި ވިލާތް އަދި ޗައިނާ ފަދަ ގައުމުތަކުގެ ބަސްތައްވެސް ދަރިވަރުންނަށް އުނގަންނާ ދޭން ވަނީ ރާވައިފަ އެވެ.

comment ކޮމެންޓް