ޔާމީނާއި ވަކީލުން ދައްކާ ވާހަކަ އަޑުއަހާ ކަމަށް ތުހުމަތުކޮށްފި

ފެބްރުއަރީ 14، 2021: ރައީސް ޔާމީންގެ ގަނޫނީ ވަކީލުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ ފޯނު ކޯލުތައް ސަރުކާރުން އަޑުއަހާކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ތުހުމަތު ކޮށްފި އެވެ.

އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަކީލާއި މުވައްކިލުގެ ބައްދަލުވުންތަކާއި ފޯން ކޯލްތަކަކީ ގާނޫނީ ގޮތުން ރައްކާތެރިކުރެވިގެންވާ މުއާމަލާތްތަކެއް ކަމަށް ވީނަމަވެސް، ރައީސް ޔާމީން އާއެކު ދެކެވިފައިވާ އަދި އެހެން އެއްވެސް ފަރާތަކާ ހިއްސާކޮށްފައި ނުވާ ބައެއް ވާހަކަތަކަށް އުނިއިތުރު ގެނެސްގެން ސަރުކާރަށް ތާއީދުކުރާ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

"މިކަން ހިނގައިދިޔަ ގޮތް ބަލާއިރު، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ މުވައްކިލާއި ދެމެދު ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ފިނޑި އަމަލު ސަރުކާރުން ހިންގާކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވޭތީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އިލްތިމާސްކުރަމެވެ." ބަޔާނުގައިވެ އެވެ.

ހަމައެއާއެކު ވަކީލުންނާއި މުވައްކިލާ ކުރެވޭ މަޝްވަރާތަކަކީ ރައްކާތެރިވެެގެންވާ މުއާމަލާތްތަކެއް ކަން ކަރެކްޝަންސް އިން ކަށަވަރުކޮށްދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން މިވަގުތު ގެންދަވަނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައިގެ ތަހުގީގު ބަޔާނެއްގައި ސޮއިކުރަން މިއަދު މާފުށީ ޖަލަށް ދާން ފުލުހުން ވަކީލުންނަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް ކޮވިޑް19ގެ ހާލަތު ގޯސްވަމުން އަންނާތީ ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށް ނުވާނެތީ ބަޔާނުގައި ސޮއިކުރުން ފަސްކޮށްދިނުމަށް ވަކީލުންގެ ފަރާތުން އެދިފައިވާނެ ކަމަށާއި އެހެން ނަމަވެސް އެގޮތަށް އެކަން ކޮށްދިނުމަށް ފުލުހުން ދެކޮޅު ހަދާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ވަކީލުން ވިދާޅުވީ ތަހުގީގު އަވަސް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި، ސަރުކާރުން މައްސަލައިގެ ތަހުގީގު އަވަސް އަރުވާލައިގެން ކުރިއަށް ގެންދަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެހެން ބޭނުމެއްގައި ކަމަށް ގަބޫލުކުރާ ކަމަށެވެ.

comment ކޮމެންޓް