އަމީން ޖަލަށް ބަދަލުކުރަން ހައިކޯޓުން އަމުރުކޮށްފި

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ގޭބަންދަށް ބަދަލު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

އަމީންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން އަމުރު ކުރީ ޑިސެމްބަރު 15، 2019ގަ އެވެ. އޭނާ އަކީ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އެވެ.

ނަމަވެސް މި މަހުގެ ތިން ވަނަ ދުވަހު އަމީންގެ ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމުގައި، އޭނާގެ ބަލިހާލަތަށް ބަލައި ކްރިމިނަލް ކޯޓުން ވަނީ އޭނާ ގޭބަންދަށް ބަދަލުކުރަން އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން އަމީން ގޭބަންދަށް ބަދަލުކުރީ، އޭނާ އަކީ އާތުރައިޓިސް ބަލި ހުންނަ މީހަކަށް ވެފައި، އޭނާއަށް ލިބެންޖެހޭ ބޭސްފަރުވާގެ ހައްގާއި ކަސްރަތުކޮށް ބޭރަށް ނުކުމެ އުޅުމުގެ ހައްގު އެކަށީގެންވާ ގޮތެއްގައި ލިބިދެވިފައިނުވާކަން އެނގެން އޮންނަ ކަމަށް ބުނެ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ހައިކޯޓުން ނިންމާފައި ވަނީ އަމީންގެ މައްޗަށް ޝަރުތުކޮށް ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކޮށްފައިވާ އަމުރެއް ކަމުގައި ބެލެވެން ނެތް ކަމަށެވެ.

ހައިކޯޓުން ބުނީ އަމީން ޑޮކްޓަރަށް ދެއްކުމުގައި ކަރެކްޝަންސްގެ ފަރާތުން އަމަލުކޮށްފައިވާ ގޮތްތަކަށް ބެލުމުން އޭނާއަށް ދިމާވެފައިވާ ބަލިތަކަށް ފަރުވާ ދިނުމަށް ދައުލަތުން އެކަށީގެންވާ ގޮތެއްގައި
މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އަމީންއަކީ އަވަސް ފަރުވާ ލިބެންޖެހޭ ސިއްހީ ހާއްސަ ހާލަތެއްގައި ހުރި ފަރާތެއްކަން އަދި އޭނާއަށް ފަރުވާ ނުދެވިއްޖެނަމަ އޭނާގެ ފުރާނައަށް ނުރައްކާވާފަދަ ބައްޔެއް އެހާތަނަށް ހުރިކަން އޭނާ ބެލި އެއްވެސް ޑޮކްޓަރަކު
ފާހަގަކޮށްފައި ނުވާކަމަށެވެ.

އޭގެ އިތުރުން، މައްސަލައިގައި ފެންނަން ހުރި ކަންކަމުގެ މައްޗަށް ބަލާއިރު، އަމީންއަށް ގަސްދުގައި ފަރުވާނުދީ ޖަލުގެ އޮފިސަރުން އެކަމާ ދެކޮޅު ހަދައި ލަސްކޮށްފައިވާކަންވެސް އެނގެންނެތް ކަމަށް ހައިކޯޓުން ބުންޏެވެ.

އެހެންކަމުން އޭނާ ގޭބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ނިންމި
ނިންމުން ބާތިލުކަމަށް ކަނޑައެޅުމާއެކު، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ނުވަތަ މައްސަލަ ބަލާ ގާޒީ ވަކިގޮތެއް ކަނޑައަޅަންގެން އަމީން ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ޑިސެމްބަރު 15، 2019 ގައި ނެރުނު އަމުރު ބާތިލްނުވެ ދެމިއޮތް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ހަމައެއާއެކު އޭނާ ޖަލުގައި ބަންދުކޮށްފައި ހުންނައިރު، އޭނާގެ ބަލީގެ ހާލަތަށް ރިއާޔަތްކޮށް އެހާލަތު އިތުރަށް ބޮޑުވެގެން ނުދާނެ ގޮތަކަށް އޭނާގެ ޖަލު ބަންދުގައި ހުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށާއި، އޭނާގެ ބައްޔަށް ފަރުވާކުރުމަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމްތައް
ހަމަޖައްސައި ދިނުމަށާއި، ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދުގެ ދަށުން އަމީނަށް ލިބިގެންވާ އަސާސީ ހިދުމަތަތައް އޭނާއަށް ލިބިދިނުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އޭނާ ބަންދުކޮށްފައި ހުން ޖަލު ބަލަހައްޓާ ފަރާތަށް އަންގައި ހައިކޯޓުން ވަނީ މައްސަލަ ނިންމައިފަ އެވެ.

އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. މައްސަލާގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފަ އެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ. ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީ އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފަ އެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.

އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން އޭނާއަށް ތުހުމަތު ކުރެ އެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިންވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.

comment ކޮމެންޓް