އިންޑިއާގެ ކޮވިޑް ކޭސްތަކުގެ އަދަދު މަދުވީ ކީއްވެ؟

މީގެ ހަ މަސް ކުރިއާ އަޅާ ބަލާއިރު މިހާރު އިންޑިއާއިން ފެންނަ ކޭސްތަކުގެ އަަދަދު ވަނީ މަދުވެފަ -- ފޮޓޯ: އޭއެފްޕީ

މީގެ ހަ މަސް ކުރިން އިންޑިއާގައި ކޮވިޑް-19 ފެތުރެމުން ދިޔައީ ހިފެހެއްޓުމެއް ނެތި އެވެ. އޭގެ ސަބަބުން ހޮސްޕިޓަލްތައް ފުރި، ހާލު ސީރިއަސް ބަލި މީހުންނަށްވެސް ފަރުވާ ނުދެވިގެން އަނބުރާ ގެއަށް ފޮނުވާލަން ޖެހުނެވެ. ނަމަވެސް މިހާރު އެގައުމުގެ ބަލިމަޑުކަމުގެ ހާލަތު ވަނީ ބަދަލުވެފަ އެވެ.

އިންޑިއާއިން އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދެއްގެ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ ސެޕްޓެމްބަރު މަހު އެވެ. އޭރު 24 ގަޑި އިރު ތެރޭ 90،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް މި މަހު އެގައުމުން ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު ވަނީ 10،000އާ ގާތުގައި ހިފެހެއްޓިފަ އެވެ. އަދި މި މަހުގެ ނުވައެއްގައި ވެރިރަށް ދިއްލީން ކޮވިޑް ޖެހިގެން އެއްވެސް މީހަކު މަރުނުވާ ކަމަށާއި އެއީ ފާއިތުވި ނުވަ މަސް ތެރޭ އެ ސިޓީން ބަލީގައި މީހަކު މަރުނުވާ ފުރަތަމަ ދުވަސް ކަމަށް އެފަދަ މައުލޫމާތު ހިއްސާ ކުރާ ވެބްސައިޓެއް ކަމަށްވާ ކޮވިޑް19އިންޑިއާގައިވެ އެވެ.

ބަލިމަޑުކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އިންޑިއާގެ ކޮވިޑްގެ ކޭސްތައް މަދުވާ ސަބަބުތަކުގެ ތެރޭގައި އެގައުމުގެ އާބާދީގައި ޒުވާނުންގެ އަދަދު ގިނަވުމާއި ބައެއް ސަރަހައްދުތަކުގައި ބަލިން ދިފާއުވުމުގެ ބާރު ހުރި ނުވަތަ ބަލިން އިމިއުންވެފައިވާ މީހުންގެ އަދަދު އިތުރުވުން ހިމެނެ އެވެ. އަދި އެހެން މާހިރުން ވަނީ ކޭސްތައް މަދުވުމަކީ އުފާ ފާޅު ކުރުމަށް ވުރެ ކަންބޮޑުވާންވީ ކަމެއް ކަމަށާއި ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ބޮޑެތި ސިޓީތަކުގައި އިމިއުނިޓީ އިތުރުވުން

އިންޑިއާގެ އަޝޯކާ ޔުނިވާސިޓީގެ ޓްރިވެޑީ ސްކޫލް އޮފް ބަޔޯސައިންސެސްގެ ޑިރެކްޓަރު އަދި ވައިރޮލޮޖިސްޓު ޝާހިދު ޖަމީލް ވިދާޅުވި ގޮތުގައި، އިންޑިއާގައި ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ހުށަހެޅި، އެމީހުންގެ ހަށިގަނޑުގައި ބަލިން ދިފާއުކޮށްދޭ އެންޓިބޮޑީ އުފެދުމަކީ އެގައުމުގައި ވައިރަހުގެ ކޭސްތައް މަދުވާ ސަބަބަކަށް ވެދާނެ އެވެ.

އިންޑިއާގައި ކޮންމެ ދުވަހަކު އަލަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ދަށްވެފަ -- ފޮޓޯ: އޭއެފްޕީ

ކޮވިޑް-19 ޖެހުމަށް ފަހު ހަށިގަނޑުގައި އުފެދޭ ބަލިން ދިފާއުވުމުގެ ބާރު ސައިންސުވެރިން އަދިވެސް ދަނީ ދިރާސާ ކުރަމުންނެވެ. ނަމަވެސް މި މަހު އާއްމުކޮށްފައިވާ އެމެރިކާގެ ދިރާސާއަކުން ދެއްކި ގޮތުގައި އާ ކޮރޯނާވައިރަސް ހަށިގަނޑަށް ވަދެ އެންޓިބޮޑީ އުފެދެމުން، އެމީހަކު އަށް މަހަށް ބަލިން ރައްކާތެރިކޮށްދެ އެވެ.

ދުނިޔޭގައި ކޮވިޑް ފެތުރޭ މިންވަރު ޓްރެކް ކުރަމުންދާ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ވެބްސައިޓުގައިވާ ގޮތުން އިންޑިއާއިން މިހާތަނަށް 11 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 156،000 މީހުން ވަނީ މަރުވެފަ އެވެ. އަދި ބަލިން ދިފާއުކޮށްދޭ އެންޓިބޮޑީ ހުރި މީހުންގެ އަދަދު ގައުމުގެ އެކި ސަރަހައްދުތަކުގައި އިތުރުވެފައިވާ ކަމަށް އެންޓިބޮޑީ ޓެސްޓު ސާވޭތަކުން ވަނީ ދައްކާފަ އެވެ.

އެގޮތުން އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރު)އިން އެންމެ ފަހުން ހެދި ތިން ސާވޭއިން ދެއްކި ގޮތުގައި މިދިޔަ ޑިސެމްބަރާއި ޖެނުއަރީ މަހު އެގައުމުގައި އެންޓިބޮޑީ ހުރި މީހުންގެ މިންވަރު ނުވަތަ އެންޓިބޮޑީ ޕޮޒިޓިވިޓީ ރޭޓު އުޅުނީ 22 ޕަސެންޓުގަ އެވެ. އެއީ އޮގަސްޓާއި ސެޕްޓެމްބަރުގެ މަހުގެ އަދަދާ އަޅާ ބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

އިންޑިއާގެ އާބާދީ ބޮޑު، ތޮއްޖެހިފައިވާ ސިޓީތަކުގައި އެންޓިބޮޑީ ޕޮޒިޓިވިޓީ ރޭޓު އަދި މާ މައްޗެވެ. އެގޮތުން މުމްބާއީގައި ފަގީރުން ދިރިއުޅޭ 'ސްލަމް'ތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ކަމަށް މިދިޔަ އޮގަސްޓާއި ސެޕްޓެމްބަރު މަހު ހެދި ސާވޭއިން ދެއްކި އެވެ. އަދި ދިއްލީގެ ސަރުކާރުން މިދިޔަ މަހު ހެދި ސާވޭއަކުން ލަފާ ކުރެވޭ ގޮތުގައި އެ ސިޓީގައި ދިރިއުޅޭ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ.

އެހެންކަމުން ބަލިން ދިފާއުވުމުގެ ބާރު ހުންނަ މީހުންގެ އަަދަދު ގިނަވުމުން ބަލި ފެތުރޭ މިންވަރު ދަށްވެފައިވުން އެކަށީގެންވާ ކަމަށް ކޮމިއުނިޓީ މެޑިސިން ސްޕެޝަލިސްޓު ޑރ. ހެމަންތަ ޝިވާޑޭ ވިދާޅުވި އެވެ.

ނަމަވެސް އޭގެ ސަބަބުން އިންޑިއާގައި ހާޑް އިމިއުނިޓީ ހާސިލުވުމާ ހިސާބަށް އަދި ނުދެ އެވެ.

ހާޑް އިމިއުނިޓީ އަކީ ވެކްސިން ޖެހުމުގެ ސަބަބުން ނުވަތަ ބައްޔަށް ކުރިން ހުށަހެޅިފައިވުމުގެ ސަބަބުން އެ ބަލި ޖައްސާ ވައިރަހަށް އާބާދީގެ ބޮޑު ޕަަސެންޓޭޖެއް ހޭނި، އެ ބައްޔަކުން ރައްކާތެރިކަން ލިބިފައިވުމެވެ.

އިންޑިއާއިން މިހާތަނަށް 11 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވޭ -- ފޮޓޯ: ރޮއިޓާސް

އިންޑިއާއިން މިހާތަނަށް ރިޕޯޓުކޮށްފައިވާ 11 މިލިއަން ކޮވިޑް ކޭހަކީ އެގައުމުގެ 1.4 ބިލިއަން މީހުންގެ އާބާދީގެ އެއް ޕަސެންޓަށް ވުރެ ވެސް ދަށް އަދަދެކެވެ. އަދި އެގައުމުން ބަލި ޖެހޭ މީހުންގެ އަދަދު ރަނގަޅަށް ރިޕޯޓު ނުކުރާ ކަމަށް ލަފާ ކުރި ނަމަވެސް، ހާޑް އިމިއުނިޓީއަށް ވާސިލުވާ ވަރަށް އަދި ބަލި ޖެހިފައި ނުވާނެ ކަމަށް އަޝޯކާ ޔުނިވާސިޓީގެ ވައިރޮލޮޖިސްޓް ޖަމީލް ވިދާޅުވި އެވެ.

"ބައްޔަށް ހުށަހެޅުނު މީހުންގެ އަދަދު އުޅެދާނެ 150 މިލިއަނާއި 900 މިލިއަނާ ދޭތެރޭގައި -- ބޮޑަށް ބެލެވެނީ 350 މިލިއަނާއި 400 މިލިއަނާ ދެމެދުގެ އަދަދެއް ކަމަށް،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި 350-400 މިލިއަނާ ދެމެދުގެ އަދަދެއް ނަމަ އެއީ އާބާދީގެ އެންމެ ހަތަރު ބައިކުޅަ އެއްބަޔެވެ. އަދި އެންމެ ބޮޑުކޮށް، 900 މިލިއަން ކަމަށް ލަފާ ކުރާ ނަމަ އެއީ އާބާދީގެ 65 ޕަސެންޓެވެ. އެއީވެސް ހާޑް އިމިއުނިޓީ ހާސިލު ކުރަން އެކަށީގެންވާ ވަރެއް ނޫންކަން ޖަމީލް ފާހަގަ ކުރެއްވި އެވެ.

އިންޑިއާގައި އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް ވެކްސިން ތައްޔާރު ކުރާ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސީއީއޯ އަދަރު ޕޫނަވާލާ ވިދާޅުވި ގޮތުގައި އެގައުމުގެ އާބާދީ ހާޑް އިމިއުނިޓީއަށް ވާސިލުވާން ތިނެއް ނުވަތަ ހަތަރު އަހަރު ނަގާފާނެ އެވެ.

އާބާދީ އެކުލެވިފައިވާ ގޮތް، ޖިއޯގްރަފީ، ދިރިއުޅުމުގެ ހާލަތު

އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ 25 އަހަރުން ދަށުގެ މީހުންނަށްވާ އިރު 65 ޕަސެންޓަކީ 35 އަހަރުން ދަށުގެ މީހުން ކަމަށް އިންޑިއާގެ 2011 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކަ އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ޒުވާނުންގެ މެދުގައި ބަލި ޖެހުމުން އަލާމާތްތައް ފެންނަ މިންވަރާއި ބަލީގައި ހާލު ސީރިއަސްވުން ކުޑަ ވާނެ އެވެ. އެހެންކަމުން ޒުވާނުން ބައްޔަށް ޓެސްޓު ކުރާ ވަރުވެސް މަދުވާނެ އެވެ. އަދި އެކަމުގައި 'ހައިޖީން ހައިޕޮތެސިސް' ކިޔާ ބަޔޮލޮޖިކަލް ސަބަބެއް ވެސް އުޅެދާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

އެއީ ކުޑައިރު އެކި ބާވަތުގެ ޖަރާސީމަށް ހުށަހެޅޭ ނަމަ، ކުއްޖާ ބޮޑުވެގެން އަންނަ އިރު ދިފާއީ ނިޒާމު ވަރުގަދަ ވާނެ ކަމަށް ބުނާ ތިއަރީއެކެވެ. އެހެންކަމުން، އިންޑިއާ ފަދަ، ގައިންގަޔަށް އަރާ ބަލިތައް ގިނަ ތަންތަނުގައި ދިރިއުޅޭ މީހުންގެ ގުދުރަތީ ދިފާއީ ބާރު މާ ވަރުގަދަ ވާނެ ކަމަށް އެ ތިއަރީން ދޭހަވެ އެވެ. އޭގެ ސަބަބުން ކޮވިޑް ޖެހުމުން އެމީހުންގެ ހާލު ސީރިއަސްވުމުގެ ފުރުސަތު ކުޑަ ވާނެ އެވެ.

އިންޑިއާއިން ވަނީ މިދިޔަ މަހު ކޮވިޑް ވެކްސިން ދޭން ފަށާފަ -- ފޮޓޯ: އޭޕީ

މީގެ އިތުރުން އިންޑިއާގެ 70 ޕަސެންޓު މީހުން ދިރިއުޅެނީ ތޮއްޖެހުން ކުޑަ، 'ރޫރަލް' ސަރަހައްދުތަކުގައި ކަމުން އެ ސަރަހައްދުތަކުގައި ބަލި ފެތުރުމުގެ ނުރައްކާ ކުޑަ ވާނެ ކަމަށް އައިސީއެމްއާރުގެ ކުރީގެ އިސް އޮފިޝަލެއް އަދި ސައިންސުވެރިއެއް ކަމަށްވާ ރަމަން ގަންގަޚެދުކަރު ވިދާޅުވި އެވެ. އެގޮތުން އެފަދަ ސަރަހައްދުތަކުގައި މީހުން ދިރިއުޅޭ ތަންތަނުގައި ވައި ދައުރުވާ މިންވަރު ރަނގަޅު ވާނެ ކަމަށާއި އެމީހުންނާ ދިމާވާ މީހުންވެސް މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމީހުން ބަހާއި ރޭލު ފަދަ ގިނަ އަދަދެއްގެ މީހުން ދަތުރުކުރާ އުޅަނދުތަކަށް އަރާ މިންވަރު މަދުވާނެ ކަމަށް ވެސް ގަންގަޚެދުކަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ކޮވިޑްގެ ކޭސްތައް ދަށްވި އިތުރު ސަބަަބަކަށް އިންޑިއާގެ ސަރުކާރުން ކުރި މަސައްކަތްތައް ވެސް ފާހަގަކޮށްލެވެ. އެގައުމުން މިދިޔަ އަހަރުގެ މާޗް މަހު ފުރަބަންދު ކުރުމަށް ފަހު އެ ފިޔަވަޅުތަކަށް ލުއި ދޭން ފެށީ ސެޕްޓެމްބަރު މަހު އެވެ. އަދި މިހާރު ދަތުރުފަތުރާއި ވިޔަފާރިތައް ފެށިފައިވީ ނަމަވެސް އަދިވެސް ބައެއް ފިޔަވަޅުތައް އަޅާފައިވެ އެވެ. އޭގެ ތެރޭގައި މާސްކު އެޅުމާއި މީހުން ގިނަ ތަންތަނުގައި ގައިދުރުކުރުމާއި އެއްވެ އުޅުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހިމެނެ އެވެ.

އަދިވެސް ފިޔަވަޅުތަކަށް އަމަލު ކުރުން މުހިއްމު

އިންޑިއާގައި ކޮންމެ ދުވަހަކު އަލަށް ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަަދަދު މަދުވި ނަމަވެސް، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށާއި ރަސްމީކޮށް ރިޕޯޓު ކުރާ ކޭސްތަކުގެ އަދަދަށް މާ ބޮޑަށް ބަރޯސާ ނުވުމަށް މާހިރުން ލަފާ ދެއްވި އެވެ. އަދި ބައެއް ސަރަހައްދުތަކުން ރިޕޯޓު ކުރާ ކޭސްތައް މަދު ނަމަ އެއީ ޓެސްޓު ކުރާ މިންވަރު މަދުވުމުން ނުވަތަ ކޭސްތައް ރިޕޯޓު ކުރުމުގައި މައްސަލައެއް އުޅުން ކަމަށް ވެދާނެ ކަމަށް މާހިރުން ފާހަގަ ކުރެއްވި އެވެ.

އިންޑިއާގައި ކޮވިޑަށް ޓެސްޓު ކުރާ މިންވަރު ވަނީ ކުރިއާ އަޅާ ބަލާއިރު މިހާރު ދަށްވެފަ އެވެ. އެގޮތުން ސެޕްޓެމްބަރު މަހު ދުވާލަކަށް އެއް މިލިއަން ޓެސްޓު ހެދި އިރު މި މަހު އެ އަދަދު ވަނީ ދުވާލަކަށް 600،000 އާއި 800،000އާ ދެމެދުގެ އަދަދަކަށް ދަށްވެފައި ކަމަށް އައިސީއެމްއާރުގެ ތަފާސްހިސާބުގައިވެ އެވެ.

ކޮވިޑްގެ ކޭސްތައް މަދުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރުން މުހިއްމު ކަމަށް މާހިރުން ވިދާޅުވި -- ފޮޓޯ: އޭއެފްޕީ

އަދި އެ ޓެސްޓުތަކުން ޕޮޒިޓިވްވާ އަދަދު ނުވަތަ ޓެސްޓް ޕޮޒިޓިވިޓީ ރޭޓު މި މަހު އުޅެނީ ފަސް ޕަސެންޓުން މަތީގަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ގައިޑްލައިންތަކުގައިވާ ގޮތުން ޓެސްޓު ޕޮޒިޓިވިޓީ ރޭޓު މަތި ނަމަ އެއީ އެކަށީގެންވާ ވަރަށް ޓެސްޓު ނުކުރާތީ ކަމަށް ވެދާނެ އެވެ. އަދި ގައުމު ފުރަބަންދުން ހުޅުވާލާ އިރު އެ ރޭޓު ހުންނަން ޖެހޭނީ ފަސް ޕަސެންޓު ނުވަތަ އެއަށް ވުރެ ދަށުގަ އެވެ.

އިންޑިއާއިން ކޮންމެ ދުވަހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ ޖުމްލަ މީހުންގެ އަަދަދު ދަށްވި ނަމަވެސް އެގައުމުގެ ބައެއް ސަރަހައްދުތަކުގައި އެ ނަމްބަރުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މަހާރަޝްތުރާގައި ކޭސްތައް އިތުރުވެ، މިދިޔަ ހުކުރު ދުވަހު އެ ސްޓޭޓުގައި ރައްކާތެރިކަމުގެ އާ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. މީގެ އިތުރުން އިންޑިއާގައި ކޮވިޑް ވެކްސިން ދެމުން ދިޔަ ނަމަވެސް ވެކްސިން އަދިވެސް ދެނީ ބައެއް ގުރޫޕުތަކުގެ މީހުންނަށްކަން ޖަމީލް ފާހަގަ ކުރެއްވި އެވެ.

"ވެކްސިން ޖަހަނީ ބައެއް ގުރޫޕުތަކަށް ކަމުން ގިނަ މީހުންނަކަށް ވެކްސިންގެ ރައްކާތެރިކަން ނުލިބޭ. އަދި ދެވަނަ ޑޯޒް ދޭން ފެށީ އަދި ކިރިޔާ. ނަމަވެސް އަވަހަށް ފެތުރޭ ވޭރިއެންޓަކުން ކޮމިއުނިޓީ ޓްރާންސްމިޝަން ފެށިއްޖެ ނަމަ ވަރަށް އަވަހަށް [ކޭސްތަކުގެ އަދަދަށް] ބަދަލު އަންނާނެ،" ޖަމީލް ވިދާޅުވި އެވެ.

އިންޑިއާއިން މިދިޔަ މަހުގެ 16ގައި އެގައުމުގެ ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށީ އަންނަ އޮގަސްޓު މަހުގެ ކުރިން 300 މިލިއަން މީހުންނަށް ވެކްސިނަށް ޖެހުމަށް އަމާޒުކޮށްގެންނެވެ. ނަމަވެސް ދުނިޔެގައި ކޮވިޑް ވެކްސިން ޖަހަމުންދާ މިންވަރު ޓްރެކް ކުރަމުންދާ އަވާ ވޯލްޑް އިން ޑޭޓާގައިވާ ގޮތުން އިންޑިއާއިން މިހާތަނަށް އާބާދިގެ 0.8 ޕަސެންޓު މީހުންނަށެވެ.

މަސްދަރު: ސީއެންއެން

comment ކޮމެންޓް