ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ 50 ޕަސެންޓަށް ކޮވިޑް ވެކްސިން ދީފި އެވެ.
ފުލުހުން ބުނި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، އެ މުވައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ދެބައިކުޅަ އެއްބައި މުވައްޒަފުންނަށް ދީފައިވާ ކަމަށެވެ.
އިއްޔެގެ ނިޔަލަށް މާލެ ސަރަހައްދުގައި މަސައްކަތްކުރާ 1676 ފުލުހަކު ވެކްސިން ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންނަށް ވެކްސިން ދިނުމުގެ ކަންތައް ކުރިއަށް ގެންދަނީ ޕޮލިސް މެޑިކަލްގެ ބެލުމުގެ ދަށުންނެވެ. މިހާތަނަށް އެއްވެސް މުވައްޒަފަކު ވެކްސިން ނުޖަހައިގެން ފިޔަވަޅު އަޅަން ނިންމާފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުނ ބުނީ އެ މުވައްސަސާގެ މުވައްޒަފުންނަށް ވެކްސިން ދިނުން މިހާރުވެސް ކުރިއަށް އެބަ ދާކަމަށާއި ފުލުހުންގެ ތެރޭ މަސައްކަތްކުރާ މުވައްޒަފުން ތިބީ ވެކްސިން ޖަހައިގެން، ބަލިން ރައްކާތެރިވެ، ރައްކާތެއރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދީ މިހާލަރު ބަދަލު ކުރުމުގެ އުއްމީދުގައި ކަމަށެވެ.
ކޮވިޑު 19 އިން ރައްކާތެރިވުމަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު އިއްޔެ ހަމައަށް 90،865 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. އޭގެ ތެރޭ މާލެ ސަރަހައްދުން ވެކްސިން ދިން 64،900 މީހުންނާއިއަތޮޅު ތެރޭގައި ވެކްސިން ދިން 25،965 މީހުން ހިމެނެ އެވެ.
ރާއްޖޭގައި އުޅޭ އުމުރުން 25 އަހަރުން މަތީގެ މީހުންނަށް މިހާރު ވެކްސިން ޖަހާއިރު ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިން އެވެ.
އިންޑިއާ އިން ފުރަތަމަ ހަދިޔާކުރި އެއްލައްކަ ޑޯޒްގެ އިތުރުން އިތުރު އެއްލައްކަ ޑޯޒްގެ ވެކްސިން ވަނީ ރާއްޖެ އަށް ހަދިޔާ ކޮށްފަ އެވެ.