މާލޭގައި ކޮވިޑް ހާލަތު ހަމައިން ނެއްޓިއްޖެ، ފިޔަވަޅުތައް ހަރުކަށި ކުރާނަން: މިނިސްޓަރު

ފެބްރުއަރީ 1، 2021: މިނިސްޓަރު ނަސީމް ކޮވިޑް ވެކްސިން ޖައްސަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެރިރަށް މާލޭގައި ކޮވިޑް-19ގެ ހާލަތު މިހާރު ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުމަށް މަޖިލީހުގައި މިއަދު ބާއްވާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ނަސީމް ވިދާޅުވީ މިއަދު ހެނދުނު ހޭލިއިރު މާލޭގެ ޕޮޒިޓިވް ކޭސްގެ އަދަދު 139 އަށް އަރާފައިވާ ކަމަށެވެ. އަދި މިއަދުގެ އަދަދުތައް 200 އިން މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"މިހާރު ވެގެން މިއުޅޭ ގޮތަކީ މާލޭގައި ހަމަ [ކޮވިޑް ރޯގާ] ޓޯޓަލީ އައުޓް އޮފް ކޮންޓްރޯލް [ކޮންޓްރޯލުން ނެއްޓިފައި] މި ވަނީ. މިއަދު އަޅުގަނޑު ހޭލިއިރު 139 ކޭސް. މިއަދު ދާނެ ކަމަށް އެބަ ބެލެވޭ 200 އިން މައްޗަށް. މިހާރު ހުރިހާ ބޭފުޅުންނަށް ހީވަނީ ދެން މި ކަންތައް މި ނިމުނީއޭ. ވެކްސިން ޖަހާލީމާ ނިމުނީއޭ. ނޫން މިއީ އެހެން ވާން އޮތް ކަމެއް ނޫން،" މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

"މާލޭގައި މިހާރު ކޮވިޑް ސްޕްރެޑް މިއޮތްވަރުވެސް އެއްވެސް ވަރަކަށް ނޭނގޭ. އެއްގޮތަކަށް ވެސް ނޭނގޭ އެ ހާލަތުގައި މި އޮތީ،"

ބަލި ކޮންޓްރޯލް ކުރަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭކަން ފާހަގަ ކުރައްވާ މިނިސްޓަރު ނަސީމް ވިދާޅުވީ މިއީ އާދައިގެ ރޯގާއެއް ކަމަށް ބުނެ އެޒާތުގެ ވާހަކަ ބައެއް މީހުން ފަތުރަމުން ދާ ކަމަށެވެ. އަދި ގައިދުރުކުރަން ނުޖެހޭނެ ކަމާއި މާސްކު އަޅަން ވެސް ނުޖެހޭނެ ކަމަށް ބުނެވެސް ބައެއް ދީނީ އިލްމުވެރިން ފަތުވާ ދެއްވާ ކަމަށް ވިދާޅުވެ މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެހެންވުމުގެ ސަބަބުން ބައެއް މިސްކިތްތަކުގައި މީހުން މާސްކު ނަގައިގެން ނަމާދުކުރާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް ސިއްހީ ދާއިރާގެ މީހުން ދައްކާ ވާހަކަ މިވަގުތު އަޑުއަހަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގައި ހުރި ނުރައްކަލަކީ ލަންގްސްގައި ޕެކެއް ތައްޔާރުވަނީ ދޮޅު އަހަރު އެބަދޭ އެ ޕެކް ވިރިގެން ދާން. އެ ހިސާބަށް ޔޫއާ އެޓް ހަމަ ހައި ރިސްކް. މިއީ އާދައިގެ ކަމެއް ނޫން. ޑައިވްކޮށް ފީނާ ހެދުން މިއީ ހަމަ އެއްގޮތަކަށް ވެސް މި ބަލި ޖެހުނު މީހަކު ކުރަން ހެޔޮވެސް ނުވާނެ. ހަމަ މަރުވާނީ. އަޅުގަނޑުމެން އެބަޖެހޭ މީގައި ނުރައްކާ މީހުންނަށް އެންމެން އެކުވެގެން ބުނެދޭން. މަޖިލީހުން ވެސް. ތިބޭފުޅުން ވެސް،" މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

ވެކްސިން ޖެހުމުން ދެން މިކަން ނިމުނީ ކަމަށް ބަލައިގެން ނުވާނެކަން ފާހަގަ ކުރައްވާ ނަސީމް ވިދާޅުވީ މިހާ ބޮޑަށް ބަލި ފެތުރޭ ނަމަ ވެކްސިންގެ އަސަރުވެސް ކުޑަވެގެން ދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގެ ހާލަތު ވަރަށް ނުރައްކާ ކަމަށާއި މިހާރު "އޮތީ މާލެއަށް ލޮކްޑައުން"ގެ ހާލަތު ގެންނަން ޖެހިފައި ކަމަށެވެ. އަދި އެ ހިސާބަށް ކަންކަން ދިޔައީ މިހާރު ހުރި ފިޔަވަޅުތަކަށް ރެސްޓޯރަންޓް ފަދަ ތަންތަނުން ވެސް އެއްބާރުލުން ނުދޭތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފުލް ލޮކްޑައުންއަކަށް ދާން އެފާޑެއް ނުކުރެވޭ އަޅުގަނޑުމެންނަށް. އެކަމަކު އެ ހާލަތު މި އޮތީ މާލޭގައި މިހާރު. ޔޫކޭގައި ވެސް ފުރަތަމަ ހުރި ފިޔަވަޅުތައް ދޫކޮށްފައި ފިޔަވަޅު އެޅީމާ މައިތިރި ނުވި ދެން އަނެއްކާ ލޮކްޑައުން ކުރަން ޖެހުނީ. އެ ހާލަތު އަޅުގަނޑުމެންނަށް ވެސް މި އޮތީ. އިތުރު ޕްރިކޯޝަންސް ނަގާނަން އަޅުގަނޑުމެން. އެކަން ކުރަން އެބަ ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އާ ފިޔަވަޅުތަކުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް އަސަރެއް ނުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ޓޫރިޒަމް ސިނާއަތުގައި ކޮވިޑް ފެތުރިދާނެތީ ކަންބޮޑުވުމެއް ނެތް ކަމަށާއި މިހާރުވެސް ޕޮޒިޓިވް ރޭޓް ރިސޯޓްތަކުގައި ވަރަށް ދަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރިސޯޓެއްގައި ކޮވިޑް ފެތުރިއްޖެ ނަމަ ކޮންޓްރޯލްކޮށްލަން ފަސޭހަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މީގައި އީޝޫއަކީ މާލެ. މިއީ މީހުން އެންމެ ބޮޑަށް ތޮއްޖެހިފައި އޮންނަ ސިޓީ. މިއީ މައްސަލައަކީ،" މާލޭގައި ކޮވިޑް ކޮންޓްރޯލް ނުވެގެން އުޅޭ ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި ބަލި ފެތުރުން ކޮންޓްރޯލް ނުވާތީ ޑަބްލިއުއެޗްއޯގެ ބޭފުޅުންނާ ވެސް މިއަދު މަޝްވަރާ ކުރެއްވިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑް ވެކްސިން ހޯދުމަކީ ވެސް އުނދަގޫ ކަމަކަށް ވެފައިވާ ކަމަށެވެ. ކިތަންމެ ބައިވަރު ވެކްސިން އުފެއްދި ނަމަވެސް އެ ހުރިހާ ވެކްސިނެއްގެ 80 ޕަސެންޓް ދަނީ ފަސް ވަރަކަށް ގައުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ހާލަތުގައި ދުނިޔެ އޮތް އިރު ރާއްޖެ ކުޑަ ގައުމަކަށްވީ ނަމަވެސް ވެކްސިން ލިބި ރަނގަޅު ވެކްސިން ކެމްޕޭނެއް ހިންގޭ ކަމީ ބޮޑު ކާމިޔާބެއް ކަމަށެވެ.

"އަޅުގަނޑުމެން ޝުކުރުވެރިވާން ޖެހޭ. އަޅުގަނޑުމެންނަކީ ދުނިޔޭގައި ވެކްސިން ކެމްޕޭންގެ ތިން ވަނަ މުޅި ދުނިޔޭގައިވެސް. އެކަން ހިފެހެއްޓޭތޯ އަޅުގަނޑު މި މަސައްކަތް ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް