ވިދިވިދިގެން 19 މެޗުން މޮޅުވެ ސިޓީގެ ރެކޯޑް ދަމަހައްޓައިފި

މެންޗެސްޓާ ސިޓީއާއި ބޮރޫޝިއާ މޮންޝެންގްލަދްބަޝް ބައްދަލު ކުރި މެޗުގެ ތެރެއިން ---

އެންމެ ފަހުން ކުޅުނު 19 މެޗުން ވެސް މޮޅުވެ މެންޗެސްޓާ ސިޓީން އިނގިރޭސި ކުލަބެއް އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ދަމަހެއްޓައި، ޗެމްިއަންސްލީގުގެ ކުއާރޓާގެ އުންމީދު އައުކޮށްފި އެވެ.

ޖަރުމަނުގެ އާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. މިއާ އެކު ސިޓީން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑައިގެން ކުރިއަށް ދިއުމަށް ފުރުސަތު ލިބިގެން ދިޔަ އިރު، އެ ޓީމާ އެންމެ ގާތް ކުރާ ވަރަށް މީގެ ކުރިން އިނގިރޭސި ކުލަބަކަށް ވިދިވިދިގެން ގިނަ މޮޅު ހޯދިފައިވަނީ އާސެނަލަށެވެ. އެ ޓީމުން މީގެ ކުރިން ވަނީ 15 މެޗަކުން މޮޅުވުމުގެ ސިލްސިލާ ރެކޯޑް ހަދައިފަ އެވެ.

މެންޗެސްޓަރ ސިޓީން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓްގައި ބާނާޑޯ ސިލްވާ ކާމިޔާބުކުރި އިރު ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކުރީ ގަބްރިއެލް ޖެސުސް އެވެ. މެޗުގައި ބުރޫޝިއާ އަށް ގިނަ ވަގުތު އެ ޓީމުގެ ހާފު ތެރޭގައި ކުޅެން މަޖުބޫރުވިއިރު އެ ޓީމުން މެޗުގައި ސިޓީގެ ގޯލަށް ފޮނުވާލި ހަމައެކަނި ހަމަލާ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސިޓީގެ ގޯލްކީޕަރު އެޑަސަން ވަނީ މަތަކޮށްފަ އެވެ.

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސިލްވާ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވަނީ ޓީމުގެ ޑިފެންސުން މިފަހަކަށް އައިސް ދައްކަމުން އަންނަ ހަރުދަނާ ކުޅުމަށް ތައުރީފް ކޮށްފަ އެވެ. ސިލްވާ ބުނީ، އޭނާ މިހާރު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކަނޑައަޅައިގެން ފަރިތަކުރަނީ ބޮލުން ޖެހުމަށް ކަމަށާއި، ޓީމުގެ ޑިފެންޑަރުންގެ ފަރާތުން އެކަމަށް ރަނގަޅު ފިލާވާޅުތަކެއް ލިބެމުންދާ ކަމަށެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޓީމުގެ އެޓޭކިންގް މިޑްފީލްޑަރުން އިދިކޮޅު އޭރިއާ ތެރެއަށް ވަދެ ދައްކާ ކުޅުން ރަނގަޅު ކަމަށާއި، ހާއްސަކޮށް ސިލްވާއާއި އައިކޭ ގުންޑޮވާން އަކީ ތަފާތު ކޮލިޓީއެއްގެ ދެ ކުޅުންތެރިން ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ދެވަނަ މެޗުގައި އިޓަލީގެ އެޓްލަންޓާ އަތުން ރެއާލް މެޑްރިޑް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. ރޭގެ އެ މެޗު ފަށައިގެން 17 ވަނަ މިނެޓްގައި އެޓްލަންޓާގެ ރެމޯ ފްރީލާ އަށް ދެއްކި ރަތް ކާޑާ ގުޅިގެން އެއް ކުޅުންތެރިޔަކު މަދުކޮށް އެޓީމުން ކުޅުނު އިރު، މެޗުގައި ރެއާލް އިން ޖެހި ހަމައެކަނި ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ފާލާންޑް މެންޑީ އެވެ. ރޭގެ މެޗުގައި އެޓަލާންޓާ އަށް ރެއާލްގެ ގޯލަށް އެންމެ ހަމަލާ އެއްވެސް ފޮނުވާލެވިފައެއް ނުވެ އެވެ.

comment ކޮމެންޓް