ގައިޑްލައިންތަކާ ހިލާފަށް މުޒާހަރާ ކުރާތީ އެޗްއާރުސީއެމުން ކަންބޮޑުވެއްޖެ

ފެބްރުއަރީ 12، 2021: ކޮވިޑު19ގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވެފައިވަނިކޮށް އިދިކޮޅުން ކޯލިޝަނުން "ކޮބާ މަގޭ ފްލެޓު" ނަމުގައި މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ މިހާލަތުގައި އެޗްޕީއޭ އާއި ކަމާބެހޭ އެހެން އިދާރާތަކުގެ ލަފާ އާއި ގައިޑްލަންތަކާ ހިލާފަށް، އިދިކޮޅު ޕީޕީއެމް، ޕީއެންސީ އިން މުޒާހަރާ ކުރާތީ ހިޔުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޗްއާރުސީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިހާރު މާލޭގައި ކުރާ މުޒާރަހާތައް އެ ކޮމިޝަނުގެ ޓީމުތަކުން މޮނީޓަކޮށް ބެލިއިރު މުޒާހަރާތަކުގެ ބައެއް ބައިވެރިންގެ ފަރާތުން ފެނުނު އަމަލުތައް ހުރީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް ކަމަށެވެ.

އެކަމަކީ ކޮވިޑް19ގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއް ކަމަށާއި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު ބޭނުން ކުރުމުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ބުނާގޮތުގެ މަތިން އެޗްޕީއޭ އާއި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ހަރަކާތްތައް ކުރިއަށް ގެންދަން އެޗްއާރުސީއެމް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްއާރުސީއެމް އިން ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީ އިން ކޮންމެ މީހަކަށްވެސް ލިބިދޭ ހައްގެއް ނަމަވެސް މިހާލަތުގައި އާންމުން ރައްކާތެރިކޮށް މަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހުނު ފިޔަވަޅުތަކާއެކު އެއްވެ އުޅުމުގެ މިނިވަންކަން ބޭނުން ކުރަންޖެހޭގޮތަށްވެސް ބަދަލު ގެންނަން ޖެހިފައިވާ ކަމަށެވެ.

އެއްވެ އުޅުމަކީ ދިމިގްރާތީ ހައްގެއް ނަމަވެސް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައި އެޗްޕީއޭ އާއި ޑަބްލިއުއެޗްއޯގެ މިންގނަޑުތަކާ ހިލާފަށް އެއްވެ އުޅެ މުޒާހަރާ ކުރާތީ ކަންބޮޑުވާކަމަށް އެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން ފުލުހުން މުޒާހަރާ ރޫޅާލާއިރުވެސް ގަވައިދާ ގާނޫނުގެ ތެރެއިން ބާރުގެ ބޭނުންކޮށް، މުޒާހަރާ ކަވަރު ކުރާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްވެސް އެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

comment ކޮމެންޓް